ޅެންފަރުވާގެ ހިދުމަތަށް އާސަންދަ ލިބޭނެ!؟
ޅެމުން ފަރުވާ ދީގެން ޖާދޫގެ ކުނަލުގައި އުދުއްސަން އުޅޭނެ ކަމެއް ނެތް
އިންސާނުންނަށް ކީއްކުރަން ހެއްޔެވެ. ޖަނަވާރުންނާއި ދޫނި ސޫފާސުއިއްޕަށްވެސް އެންމެ ފަރުވާއެއް ނޫނީ މިހާރު ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކުޑަވެގެން ބޮޑުވެގެންވެސް އެންމެ ފަރުވާއެއް ފިޔަވާ ނުކުރެވޭ ފަރުވާއެއް ރާއްޖޭގައި ނެތެވެ. ކްލޯން ކުރުމާ ހަމައަށް ރާއްޖެ ހިނގައްޖެއެވެ. ރާއްޖޭގައި ދެވޭފަރުވާގެ ކަންކަން މިހާ ކުރިއަރާ ގޮސްފައި ވާއިރުވެސް ނުކުރެވޭ ފަރުވާއެއް އެބައޮތެވެ.
ރައީސް މުއިއްޒުގެ ވަޒީރަކު މަރުފަލި ޖަހަމުން އެދަނީ ރާއްޖޭގައި އެފަރުވާކުރުމަށެވެ. ރާއްޖޭގައި ނުކުރެވޭ ފަރުވާއަކީ ހަމައެކަނި ޅެންފަރުވާއެވެ. ލަހެއް ނުވެ ޅެންފަރުވާގެ ހޮސްޕިޓަލްތަކާއި ކުލިނިކްތައް ހުޅުވިގެން ދާނެއެވެ. ޅެންފަރުވާގެ ހިދުމަތް އާސަންދައިންވެސް ލިބެން ފަށާނެއެވެ.
ދުވަސް ކޮޅަކުން ދިވެހިން ބިންމަތީގައި ތިބޭނީ ހަނދުގައި ގެއަޅައިގެންނެވެ. އޭރުން ދިވެހިން އުޅޭނީ ކަނު އަނދިރީގައި ކަޅުހިލަ މަތީން ކަޅުހިނި މެރުމުގައެވެ. ހިމޭން ލޯބީގައި ދެހިތް ފައްތަރުކޮށްގެންނެވެ.
ހުރިހާ ދިވެހިން ތިބޭނީ ހިޔާލީ ދުނިޔެއެއްގައި ފުރާނަ ނެތް އެއްޗެތީގައި ފުރާނަ އަޅުވައިގެން ހަގީގަތާ މާ ދުރުގައެވެ. ހައިބަނޑާ އޮވެ ރަން އިލޮށިން ކަދުރު ކާށެވެ. މަރުވިއްޔާ ޝަރަފުގައި މަރުވުމަށް ދަންމަޅިއަށް ބޯ މަހާލައިގެންނެވެ. ކަރުދާހުގެ ނަވުގައި މަރުފަލި ޖަހާށެވެ. އުޑުން ތަރިބާލާ އަތަށް ހަނދު ތިރިކޮށް ކަނޑުގާ ހިނގާލަ ހިނގާލައެވެ.
ޅެންފަރުވާއޭ ކިޔައިގެން ބޮލުރޮދި ކެނޑިގެން ބޮލާއަޅާ މަޑިތަކަކަށް ހުރިހާ ދިވެހިން ހަދަން ނޫޅޭށެވެ. މަޖުނޫނު ހެދިގެން ދުނިޔެ ރަންވެ މޮޔަވެފާތިބި ބަޔަކަށް ދިވެހިން ހަދަން ނޫޅޭށެވެ. ޅެމުން ފަރުވާ ހޯދާދީގެން އަލާއުއްދީނު ވޮއްގަޑު ހޯދާދީގެން ޖާދޫގެ ކުނަލުގައި އުދުއްސަން ކޮންމެހެން އުޅޭނެ ކަމެއް ނެތެވެ. ތިޔަ ދޭން އުޅޭ ޅެންފަރުވާ ލިބިގެން މީހުން ރަން ބިމަށް ގެންދަން ނޫޅެ އާދަން ނަސީރަށް ވަޒީރުކަން ނުކުރެވެންޏާ އަވަހަށް ކޮންމެވެސް އެހެން ކަރައެއް ފަޅާލެވޭތޯ އުޅޭށެވެ.
ދިވެހި ބަހުގެ އަދަބިއްޔާތު ދިރުވާ ކުރިއަރުވަން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ދައުލަތުން ބޮޑެތި އިސްރާފު ކުރަން ނޫޅޭށެވެ. ވުޒާރައަކުން ގައުމިއްޔަތުގެ ނަމުގައި ޗާޕްހާނާއާއި ރިސާޗް ސެންޓަރާއި ކޮލެޖު ހަދައިގެން ނަކަސްތަޅަން އުޅޭނެ ކަމެއް ނެތެވެ. އާސާރާއި އަރުޝީފާއި އާދަކަދައާއި ތަރިކަ ރައްކާތެރި ކުރާ ނަމުގައި ޖިފުޓީގެ ޒަމާނަށް އަނބުރާ ގެންދަން އޮޔާވަޔާ ދެކޮޅަށް މީހުންގެ ވިސްނުން އަނބުރާލަން ގައިނުވީދާ ދުނިޔެއަށް ލޯހުޅުވަ ބަލާށެވެ.
ބަވަނަވެތި ދުނިޔޭގެ އިލްމާއި ހުނަރާއި ވައްޓަފާޅިއަށް އުޅުމާ ގުޅުންތައް ބައްޓަން ނުކޮށް ފުނައޮށުން ވޮއްދިއްލި ޒަމާނަށް ދާނޭ މީހަކު މިހާރަކު ނެތެވެ. ރާރުކު ކުރީގައި ކަންފަތިން އެއް ކޮށަން އޮވެ ގިފިލީވަޅު ދޮށުގައި ފަޅިކަނޑިކި އަނދެގެން ފެންވަރަން ތިބޭ ސަމަންތަރު ހެޔޮ އަންހެނުނަށް މައްލަވަކުރަން ރައިވަރުކިޔާ އުޅުނު ޒަމާނަށް އިޔާދަ ކުރަން ޅެމުން ފަރުވާދޭން ހަދާނެ ކަމެއް ނެތެވެ.