އަންނި އުސްގޮނޑިން ތިރިގޮނޑިއަށް
އަންނި ސައިޒް ވާނީ އިބޫގެ ވެރިކަމުގަ
ރައްޔިތުންގެ މަޖިލީހަކީ ނަޝީދު ކައްކާ ގަރުދިޔަ ތެލީން ގަރު ނަގާއުކަން އޮތް ކެނެރީގޭ ބަދިގެ ފުއްޑަނެއް ނޫނޭ ބުނެވުނު ހަނދާން ވެއެވެ. މަޖިލީހުގެ ކޮމެޓީ ތަކަކީ ނަޝީދު ބޭނުންހާ ގޮތަކަށް ދިލަޖައްސަން އޮތް ދުމައްޓެއް ވެސް ނޫނޭ ބުނީމު ނޫން ހެއްޔެވެ. މަޖިލީހުގެ މެންބަރުންނަކީ ކެރެފާ އޮޑިންބޭ ރާނގޮޑި ތަކެއް ނޫންކަން ވެސް ހަނދާން ކޮށްދިނީމެވެ. އުސްގޮނޑިއަކަށް ބަޔަކު މީހުން ވެގެން އެރުވިހެން އެމީހުންނަށް ތިރި ގޮނޑިއަށް ވެސް ބޭލޭނެ ވާހަކަ ނުބުނަން ހެއްޔެވެ. ދާއިރާތަކުގެ ރައްޔިތުންނާއި އެމީހުންގެ ގިނަ މެންބަރުން ތިބީކީ ނަޝީދު ލައްވާހާ ކޮރަކީ ރީތި ނެށުމެއް ކަމަށް ބަލައިގަންނަ ގޮތަކަށް ނޫނޭވެސް ބުނީމު ނޫން ހެއްޔެވެ.
ބަންޑާރަ ނައިބާއި ހާރިޖީ ވަޒީރުގެ އިތުބާރުނެތް ކަމަށް ވޯޓަށް އަހަން ނުކެރިގެން ކުރިން އުޅުނީ ބަރަހަނާ ވާތަން ފެނިދާނެތީއެވެ. އޭރު ލަސްކޮށް ފަސްކުރީ އެ މީހުނަށް ފުރިހަމަ އިތުބާރު އޮތްކަން އެނގޭތީ އެކަމާ މޭކަރައިގެންނެވެ. އޭގެ ފަހުން އޮތީ އީވާ ގިއްގެޅޭ ވޯޓުކަން އެނގޭތީ ލަސްކޮށް ދަންމާލީމު ނޫން ހެއްޔެވެ. އެއްކަމެއް ވިޔަނުދީ މަޖިލިސް ހުއްޓުވައިގެން ފަހުން މިދުވަސް ނާންނާނެ ކަމަށް ހީކުރީ ހެއްޔެވެ.
އެމްޑީޕީގެ ރިޔާސަތު ހިސޯރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ސައްކެޔޮ ގަހަށް މަކުނު އަރާ އިންނަހެން އިނުމުގެ ދުވަސް ހަމަވަމުން ދާތަން ފެންނަން ފެށިތާ ކިތަންމެ ދުވަހެއް ނޫންހެއްޔެވެ. އެކި ފަހަރު އެކި ހަމަ ދައްކައިގެން ގޮނޑިން ނުފައިބާން ލައްކަ ފޮނުއަރުވައިފީމު ނޫން ހެއްޔެވެ. ތިމާގެ ގޮތް ފޮތް ނެތްކަން ކަނު ބީރު މީހާއަށް ވެސް އިހުސާސް ވަންދެން އަމިއްލައަށް ހަސީލަތް ހާމަ ކުރަމުން ތިޔަ ދަނީ ލައިގެން އޮތް ދުލި ދަމައިގަނެވެން ދެންނެކޭ ނުބުނަން ހެއްޔެވެ.
ބާކުލިވެސް ފޫޅުގަނޑު ބޭރަށް ނިކުތަ ނުދޭން އުނބު ގަނޑަކަށް ނަމަވެސް ވަދެއޮވެއެވެ. ނަޝީދަށް އެވަރުވެސް ނުވެ އަމިލައަށް ތިމާގެ އަސްލު ސޫރަ އެހުރެގެން ދަނީ ހާމަކޮށް ދެމުންނެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުުމުގެ މަސައްކަތް ނުނިމޭ ކަމުގެ ބަހަނާގައި މައްސަލަތައް އެޖެންޑާ ނުކޮށް މަޖިލީހުގައި މަރުތަޅު އަޅުވާ މަޖިލީހުގެ ރިޔާސަތު ރޭޕްކުރީމު ނޫން ހެއްޔެވެ. ކޮމެޓީތައް އެކުލަވާ ނުލާ ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން އިނީ މިދުވަސް ނާންނާނެ ކަމަށް ހިތައެވެ. ދޮގުވެރި މީދާތައް ކާލިގަނޑު ކޮށާލަން އުޅޭ ވަރަކަށް ސޮހެނީ އަރާހުރި ހަރޭ ބުނި ހަނދާނެއް ނެތްދޯއެވެ. ކުލަ ބަދަލު ކޮށްގެން ނިކުމެ ދި މޮކް ރެޓްސް ޖެހޭނީ އަނގަ އޮރިކުރަން ފަތޭރި ވަކަރު މަތީ ދުވެދުވެ ތިބޭންކަން ނޭނގޭތީ ދެރައެވެ.
އެމްޑީޕީ އަނބުރާ ހޯދަން ނިކުތް ދަތުރުގައި އެތައްހާސް މެންބަރުންގެ ގައިގާ ކޮޅުފައިން ޖަހާ 109 ހާސް މީހުން މަގުމަތިކޮށްލާފާ އުސްގޮނޑީގައި އިނދެވި ދާނެއޭ ހީވަނީ ހެއްޔެވެ. އުސްގޮނޑިން އަނގަވަތަށް ތިރިގޮނޑިއަށް ގުޅަޔަކަށް ޖެހޭތަން ފެންނާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އެމްޑީޕީއަށްވެސް މަޖިލީހަށްވެސް މިހާރު ބޭނުންވަނީ ނަޝީދު ނޫން ގޮތެކެވެ. އެމްޑީޕީގެ ޗޮއިސްއަކީ އަދިވެސް އިބޫއެވެ. އަންނިއެއް ނޫނެވެ. އެކަން މަޖިލީހުން ދައްކާލާނެއެވެ. އަންނި ސައިޒް ވާނީ އިބޫގެ ވެރިކަމުގައެވެ.