މެޑަމް ފަޒްނާއަށް ފުރައްސާރަ ކުރުވުމުގެ މޭސްތިރިއަކީ މިދުއަމް

ފުރައްސާރަ ކުރުވީ ވީޑިއޯ ކްލިޕެއްގެ ބޭނުމުގަ

މެޑަމް ފަޒްނާއަށް ފުރައްސާރަ ކުރުވުމުގެ މޭސްތިރިއަކީ މިދުއަމް

ހައްގު ހޯދުމުގެ ނަމުގައި ކޮތަރު ކޮށި ޖަމްއިއްޔާ ހަދައިގެން މިދުއަމް ސައުދުމެން ޖަހަމުން އައި ސަކަރާތަކީ ކޮބައިކަން ވަރަށް ސާފެވެ. ހިޔާފްލެޓް ސަރަހައްދަކީ މިދުއަމު ސައުދުމެންގެ މައިފުށު މުދާ ގަނޑަކީ ތާއެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕަކީ ފަސާދަ އުފެއްދުން ތާއެވެ. އެ ސަރަހައްދަށް އެރެނީ ވެސް މިދުއަމު ސައުދުމެން ރުހޭ ބަޔަކަށޯލައެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ. ހިޔާފްލެޓްތަކުގައި ދިރިއުޅޭ އެންމެންނަކީ މިދުއަމު ސައުދު މެންގެ އަޅުންނެއް ނޫނެވެ. ޔާމީނުގެ އަޅުންނެއް ވެސް ނޫނެވެ. މުއިއްޒުގެ ސަޕޯޓަރުންނެއް ވެސް ނޫނެވެ.

އެތައް ދުވަހެއް ވަންދެން ބައެއްގެ ތެރޭގައި ނަފުރަތު އުފައްދާ ބަޔަކު ރުޅިއަރުވައިގެން ހިޔާ ސަރަހައްދު ހިސޯރު ކުރަން މިދުއަމްމެން ކުރި މަސައްކަތް އަމިއްލައަށް ތިޔަ ގޮއްވާލީ އަތަށެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ތާކުން މީސްކޮޅެއް ނެރެ އަޑުގަދަކޮށް ހަޅޭލާ މީހުން ފަހަތުން ދުއްވުމަކީ މާ އުދަގޫ ކަމެއް ނޫނެވެ. 

މެޑަމް ފަޒުނާ އެމްޑީޕީ ކެންޕޭނުގައި ދޮރުން ދޮރަށް ހިންގެވުމުގެ ގޮތުން ހިޔާ ފްލެޓްތަކަށް ވަޑައިގަންނަވާކަން އެނގުމުން އެކަމަނާއަށް ފުރައްސާރަ ކުރަން ބަޔަކު ނެރުނީ ދުރާލާ ރާވައިގެންނެވެ. ކުރިޔާލާ އެވާހަކަ ދައްކަމުންނެވެ. އެކަމަނާ އެސރަހައްދަށް ވަޑައިގަތުމުން ބޮޑު ދެ ފިރިހެނުން ލައްވާ ކުނިފުޅަ ހުތުރު ގޮއްވާ ފުރައްސާރަ ކުރުވީ ވީޑިއޯ ކްލިޕެއްގެ ބޭނުމުގައެވެ. ކިތަންމެ ރަނގަޅަކަށް ވެސް އެބޭނުންވި ވީޑިއޯ ކުލިޕް މުއިއްޒުގެ ކެންޕޭން ޓީމަށް ލިބުނެވެ.

ފުރައްސާރަ ކުރުވުމުގާ އިސްކޮށްހުރި މިދުއަމް ސައުދަށް ލިބުނު މޮޅުގާ އެވީޑިއޯ ސޯސަލް މީޑިއާއަށް އަޕްލޯޑް ކޮށްލިއެވެ. " ހިޔާ ސަހަރުން ފަޒުނާއަށް ކީ މަރުހަބާ" އޭ ލިޔެ މިދުއަމު ސައުދު ވަނީ މެޑަމް ފަޒުނާއަށް ފުރައްސާރަކުރި ވީޑިއޯ ސޯސަލް މީޑިއާގެ ޓްވިޓަރގައި ފަތުރާލާފައެވެ. އެ ވީޑިއޯ ސޯސަލް މީޑިއާގައި އެންމެ ފުރަތަމަ ޢާއްމު ކުރި މީހަކީވެސް މިބުނާ މިދުއަމެވެ. ހަމަ އެއާއި އެކު މިދުއަމް ސައުދު ވަނީ " މިއަދަށްވީ 5 ވޯޓު ހޯދަން ލަދު ހަޔާތްނެތި ފަސްޓް ލޭޑީ ފަޒްނާ ހިޔާ ފްލެޓަށް" ވަޑައިގެން ކަމަށް ބުނެ އެހެން ޓްވީޓެއް ވެސް ކޮށްފައެވެ. ހިތުން މޮޅުތަކެއް ވާނެކަމަށެވެ. ބައެއްގެ ތަރުހީބު އެކަމުން ލިބި މުއިއްޒަށް ވޯޓު އިތުރުވާނެ ކަމަށެވެ. 

މިދުއަމް އިސްވެ ހުރެ ހިންގި މި މުޑުދާރު އަމަލަށް ޓްވިޓަރގައި އޭނާއަށް މީހުން ކުރީ މަލާމާތެވެ. މިދުއަމް ހިންގުވި ޖަރީމާ ކުށްވެރި ނުކުރާ މީހަކު ނެތެވެ. މިދުއަމްގެ ޓްވީޓްތަކަށް ރައްދުދީ މީހުންގެ ނަފުރަތު ލިބެން ފެށުމުން ދެން ޖެއްސީ އެހެން ސްޓަންޓެކެވެ. މެޑަމް ފަޒްނާއަށް ބާގީއޭ މީހަކު ގޮވީ ނޮވެންބަރ ތިނެއްގެ ޖަޒުބާތުގައި ޖެހިގެން ކަމަށް ހަދާން އުޅުނު އުޅުމެވެ. 

މާތްކަލާކޯއެވެ. ނޮވެންބަރ ތިނެއްގެ ހަދިސާ ހިންގި ބަޔަކު ހިންގީ އިއްޔެ ހެއްޔެވެ. މަގުމަތީގައި ބަޑި ހިފައިގެން މީހުން މަރަމުން ދުވީ ފަޒުނާ ހެއްޔެވެ. ނުވަތަ ސިއްކަ އަހުމަދު އިސްމާއީލް މަނިކުހެއްޔެވެ. ކަންކަން އޮޅުވާލާ މީހުންގެ ބޮލަށް ކަނޑައިގެން ހަމްދަރުދީ ހޯދަން ނޫޅޭށެވެ. 

ނޮވެންބަރ 3 ގެފަހުން ސާޅިސް އަހަރު ވަނީއެވެ. ހައްގުން ވިޔަސް ނުހައްގުން ވިޔަސް އެކަމުގެ އުގޫބާތް ލިބުނު ބަޔަކަށް ލިބި ނިމުނުތާ ވެސް ކިތަންމެ ޒަމާނެކެވެ. އެކަމެއް ހިނގި ފަހުން ވެސް ސިއްކަ އަހުމަދު އިސްމާއީލުގެ ދަރި ފަޒުނާ އަހުމަދު މަލޭގައި އުޅުއްވައެވެ. ސްކޫލްތަކުގެ ޓީޗަރ ކަމާއި ޕްރިންސިޕަލްކަން ވެސް އެތައް ދުވަހެއް ވަންދެން ކުރެއްވިއެވެ. ތިޔަ ބުނާ ބާގީވެގެން މެރިހާނާ ސައްތާރު ދަރިންނެއް ވެސް އެހެންމީހެއްގެ ދަރިންނެއް ވެސް ފަޒްނާގެ ފަހަތްޕުޅުން ދުވެ ފުރައްސާރަ ކޮށް ޖަޒްބަތުގައި ޖެހިގެނެއް ނޫޅެއެވެ. 

ވެގެން ތިޔައުޅެނީ އެހެން ގޮތެކެވެ. މެޑަމް ފަޒްނާ ކެންޕޭނަށް ނިކުމެ ވަޑައިގަތުމުން އެކަމަނާއަށް މީހުން ކުރާ އިތުބާރާ ތާއީދާ ހެދި މުއިއްޒަށް ވޯޓު ގެއްލެނީއެވެ. އެކަން ހަޖަމު ނުވެގެން މިދުއަމް ލައްވާ މުއިއްޒު ޖެއްސި ސްޓަންޓުން އިތުރަށް މުއިއްޒަށްވީ ގޯހެވެ. މީހުން ކުރީ ނަފްރަތެވެ. ގެއްލުނީ ލިބެން އޮތް އެތައް ސަތޭކަ ވޯޓެވެ.