ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ހައްލެއްނޫން
ގައުމީ މަސްލަހަތުގެ ނަމުގައި ގާނޫނީ ހުކޫމަތު ގުރުބާން ކުރުން ހުއްޓަންޖެހޭ
ގައުމީ މަސްލަހަތުގެ ނަމުގައި ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ގައުމެއް ފާލުން ނައްޓާލާ އެންމެ ބޮޑު ސަބަބެވެ. ގައުމަށްވުރެ ވަކި މީހަކު ބޮޑުވުމާއި ވަކި ޕާޓީއެއް ބޮޑުވުމަކީ ނުރައްކާތެރި ކަމެކެވެ. ގާނޫނުތައް ކޮންޕްރަމައިޒްވެ ހަމަލަމަ ގެއްލޭ ކަމެކެވެ.
ވަކި މީހަކަށް ވެގެން ވަކި ހާއްސަކަމެއް ދީގެން ފުރުސަތުތައް ފަހިކުރުމާއި ފުރުސަތުތައް ބަންދު ކުރުމަކީ މުޅި ގައުމުގެ ހީރަސް ކެނޑި ކަންކަން ބޮއްސުންލާ ކަމެކެވެ. ވަކި މީހެއްގެ ބާރު ކަނޑުވާލުމަށާއި ވަކި މީހަކު ބާރުވެރި ކުރުވަން އުސޫލުތަކާއި ގާނޫނުތައް ހަދާ ހިންގުން ވެސް ހަމަ އެފަދައެވެ.
2008ގައި ތައާރަފްކުރި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ވެސް ވިސްނުން ހުރީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށްވުރެ ވަކިބައެއްގެ މަސްލަހަތު އިސްކޮށްފައެވެ. އޭރު ހުރި ރައީސް މައުމޫނާއި އޭނާގެ އައުވާނުންގެ މަސައްކަތަކަށްވީ ވެރިކަމުގައި ދެމި ތިބެވޭނެ ގޮތަކަށް ގާނޫނީ އޮނިގަނޑު ބައްޓަން ކުރުމެވެ. އިސްލާހީ ހަރަކާތުގެ ނަމުގައި އުޅުނު އެންމެންގެ މަސައްކަތަކަށްވީ ކޮންމެ ގޮތެއް ހަދައިގެންވެސް މައުމޫނަށް ވެރިކަން ގެއްލޭނެހާ ގޮތަކަށް ކަންކަން ބައްޓަންކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކޮށް ބާރުތައް މަޖިލިހަށް ޖަމާކުރުމެވެ.
އޭގެ ބައެއް މިސާލަކީ ރައްޔިތުންގެ މެޖޯރިޓީން ހޮވާފައި ހުންނަ ރައީސް މަޖިލީހުން ބޭނުން ވުމުން ވަކިކޮށްލެވެއެވެ. ކުޑަކުޑަ ދާއިރާއެއްގެ ސިމްޕަލް މެޖޯރިޓީން ހޮވޭ މެންބަރު ވަކި ކުރެވޭ ގޮތެއް ނޯވެއެވެ. ތިންބާރު ވަކިވެފައި އޮތަސް ރައީސް ބޭނުންވާ މީހަކަށް ވަޒީރުކަން ދެވޭކަށް ނޯވެއެވެ. ވަޒީރުކަން ދެވެނީ ވެސް ވަޒީރުކަމުގައި މީހަކަށް ހުރެވެނީ ވެސް މަޖިލީހުން ރުހެންޏާއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ވެސް މަޖިލީހުން ބޭނުން ވުމުން ބޭނުން ގޮތަކަށް ބަދަލު ކުރެވޭ ބައެކެވެ. ހުރިހާ މިނިވަން މުއައްސަސާއެއްގެ ކޮންޓްރޯލު އޮންނަނީ މަޖިލީހުގައެވެ. ނަމުގައި ތިންބާރު ވަކިވެފައި އޮތަސް ފަނޑިޔާރުގެއާއި ވަޒީރުންގެ މަޖިލިހަކީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލުގައި އޮންނަ ދެބާރެވެ. މަޖިލީހުން ބޭނުން ވެއްޖެ ކޮންމެ ދަނޑިވަޅެއްގައި ދައުލަތް ހުއްޓުވާ ލެވޭނެއެވެ.
ނަތީޖާއެއްގެ ގޮތުން ދައުލަތް ހިންގާ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ މެޖޯރިޓީ ނުހޯދާ ދައުލަތް ހިންގޭކަށް ނޯވެއެވެ. މަޖިލީހުގެ މެންބަރުން ރުއްސައިގެން ނޫން ގޮތަކަށް އިނގިލިވެސް ރައީސަށް ހަލުވާ ނުލެވެއެވެ. އެކަމުގެ ތަކުލީފު 2008ގެ އައު ގާނޫނު އަސާސީއަށް ފަހު މުޅި ގައުމު މި ދަނީ ތަހައްމަލު ކުރަމުންނެވެ.
އެ ޒާތުގެ އެހެން ވާހަކައެކެވެ. ކޯޓު ތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ ވާހަކައެވެ. ރާއްޖޭގައި އަލަށް އުފެދުނު ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ވެގެން ދިޔައީ ޕާޓީތަކުގެ ވެރިންގެ މަސްލަހަތަށެވެ. އިންތިގާލީ މަރުހަލާ ނިމި ދާއިމީ ސްޕްރީމްކޯޓަށް ހަތް ފަނޑިޔާރުން ގޮތުގައި އައްޔަނު ކުރެވިގެން ދިޔައީ ނަޝީދާއި މައުމޫނާއި ގާސިމާއި ޔާމީނާއި ހަސަން ސައީދު ފަދަ ސިޔާސީ އިސް މީހުން ބޭނުންވި ގޮތަށް އެ މީހުން ބޭނުންވި ބައެކެވެ.
އިންތިގާލީ ސްޕްރީމް ކޯޓުން 2008ގެ ރިޔާސީ އިންތިހާބުގައި ނެރުނު ރޫލިންގ އަކުން ގާނޫނު އަސާސީއާއި މެދު ރައްޔިތުން ކުރި އުންމީދު އޮޔާލިއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ގާނޫނުގެ ހުކުމް ހިނގާނެ ކަމަށް ކުރި އުންމީދު ވެއްޔާ މޮޑެވުނެވެ. ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ދެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން 2008ގައި ސްޕްރީމް ކޯޓުން ހޯދާދިން ފުރުސަތުން މުޅި ގައުމަށް ލިބުނު ގެއްލުން ތަކުން އަދިވެސް އަރައި ނުގަނެވެއެވެ.
މައުމޫނަކީ މި ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ނުކުރާ މީހަކަށް އަނބުރާ ހޭރިޔާކޮށްގެން ހަދާ 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން މައުމޫނަށް ފުރުސަތު ދިނެވެ. އެކަމަކު މި ގާނޫނ އަސާސީގެ ދަށުން ވެރިކަން ކޮށްފައި ނެތިގެން 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުނު މައުމޫނަށް މި ގާނޫނއަސާސީގެ ދަށުން ދޭ ކުރީގެ ރައީސްގެ އިނާޔަތް ބަރާބަރަށް މިހާރު ވެސް އެހުރީ ލިބިލިބިއެވެ. ދައުލަތަށް އޮތް ބޮޑު ބުރައެއްގެ ގޮތުގައެވެ.
މޮޅު މީހާއަށް މޮޅުގޮތް ނިޒާމުގެ ތެރޭގައި ތަރުތީބު ވެގެން ހިނގާ ހިނގުން ހުއްޓުވަން ކުރެވޭނެ ކަމެއް ހަމަ ނެތީ ހެއްޔެވެ. ގާނޫނުގެ ހުކުމް ރާއްޖޭގައި އަދުލުވެރި ކަމާއެކު ހިނގާ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ ކޮން އިރަކުން ކިހިނެއް ހަދައިގެން ހެއްޔެވެ. އެނގޭ ކަމަކީ ގާނޫނީ ހުކޫމަތު ގުރުބާން ކުރުމަކީ ހައްލެއް ނޫން ކަމެވެ.