ސްކޫލްތަކުގައި މޫނުބުރުގާ މަނާކޮށް ތިބެވޭނެ ބޭރު ދަރިވަރުންގެ އަދަދު ކަނޑައަޅަނީ
ގައުމީ ބަސް ދަސްކޮށްދޭ ކްލާސްތަކުގައި ބައިވެރިވުން މަޖުބޫރުވާނެ
އިޓަލީގެ ސްކޫލްތަކުގައި ބުރުގާއާއި ނިގާބު (މޫނުބުރުގާ) މަނާކުރުމަށާއި، ކްލާސްރޫމްތަކުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ދަރިވަރުން ހިމެނޭނެ ވަކި މިންވަރެއް ކަނޑައެޅުމަށް ސަރުކާރުން އައު ފިޔަވަޅުތަކެއް ތައާރަފުކުރާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެއެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، ސްކޫލް ނިޒާމުގެ ތެރެއަށް ހޭނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ބޭރު ދަރިވަރުންގެ ބެލެނިވެރިން، އިޓަލީ ބަސް ދަސްކޮށްދޭ ކްލާސްތަކުގައި ބައިވެރިވުން މަޖުބޫރުވާނެއެވެ.
މެލޯނީ ވިދާޅުވީ އިޓަލީއަށް އަންނަ މީހުން އިޓަލީ ބަސް ދަސްކޮށް، އެ ގައުމުގެ ސަގާފަތް ދެނެގަނެ، ގައުމުގެ ގާނޫނުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.
މި އިސްލާހުގައި ހާއްސަކޮށް ފާހަގަކޮށްފައި ވަނީ މުޅި ހަށިގަނޑާއި މޫނު ނިވާކުރާ ބުރުގާއާއި، ލޯ ފިޔަވައި މޫނުގެ އެހެން ބައިތައް ނިވާކުރާ ނިގާބެވެ. ނަމަވެސް، މޫނު ހާމަކޮށް ހުންނަ އާދައިގެ ބުރުގާ (ހިޖާބު) މަނާކުރުމާ ގުޅޭގޮތުން މި ހުށަހެޅުމުގައި އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.
އިޓަލީ ސަރުކާރުން މި ފިޔަވަޅުތައް ފާސްކުރި ނަމަވެސް، އެއީ ގާނޫނަކަށް ވުމަށްޓަކައި 60 ދުވަހުގެ ތެރޭގައި އެ ގައުމުގެ ޕާލަމެންޓުން ފާސްކުރަން ޖެހޭނެއެވެ.
މި ހުށަހެޅުމަކީ ހިޖުރަކުރުމާއި ގައުމީ ނިޒާމުގެ ތެރެއަށް މީހުން ހޭނުވުމާ ގުޅޭގޮތުން މެލޯނީގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން ފެންމަތިވެފައިވާ ކަމެކެވެ.


