ކެތަން މަރާލީ ރާޖާ މަރާލުމުގައި ހެދުނު ގޯސްތައް ދެނެގަތުމަށްފަހު
"ހަނީމޫން މާޑަރ" ކޭސް ގާތުން ބަލައި، އޭގެ އެހީގައި މަރާލުމުގެ ރޭވުންތައް ފުރިހަމަކުރި
ޕޫނޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ކެތަން އަގަރްވާލް މަރާލި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އެކަން ރޭވި ސިޔާ ގޯޔަލް ވަނީ މީގެ ކުރިން މޭގަލަޔާގައި ހިނގި "ހަނީމޫން މާޑަރ" ކޭސް ވަރަށް ގާތުން ބަލައި، އޭގެ އެހީގައި އޭނާގެ ވާންއުޅޭ ފިރިމީހާ މަރާލުމުގެ ރޭވުންތައް ފުރިހަމަކޮށްފައެވެ.
ކެތަން އަގަރްވާލް އާއި ރާޖާ ރަގުވަންޝީގެ މަރުގެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. މި ދެ ހާދިސާގައިވެސް މަރުވި މީހުން ވައްޓާލާފައި ވަނީ ފަރުބަދަމަތީގެ އުސް ހިސާބަކުން ތިރިއަށެވެ. ނަމަވެސް، ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ސިޔާ ގޯޔަލް އާއި އޭނާއަށް އެހީތެރިވި ޗޭތަން ޗައުދަރީ ވަނީ ސޯނަމް ރަގުވަންޝީގެ މައްސަލައިގައި ހެދުނު ގޯސްތަކުން އިބުރަތް ހާސިލްކޮށްފައެވެ. މި ދެމީހުން ވަނީ ކުށުން ބަރީއަވުމަށް ވަރުގަދަ އުޒުރުތަކެއް ދައްކައި، ވަރަށް ފަރުވާތެރިކަމާއެކު މި ޖަރީމާ ހިންގާފައެވެ. މީގެ ސަބަބުން ތަހުގީގަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ތަހުގީގުގައި ބައިވެރިވި އޮފިސަރަކު ވިދާޅުވި ގޮތުގައި، މި މަރު ހިންގާފައިވަނީ ސިޔާ ރޭވި ގޮތަށް އެއްވެސް ބަދަލެއް ނައިސް ސީދާ އެގޮތަށެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ކުށެއްތޯ ސުވާލުކުރުމުން އޮފިސަރު ވިދާޅުވީ، މިއީ އަމިއްލަ ގުޅުންތަކާއި އޭނާގެ ވިސްނުން ހުރިގޮތުން، މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ މިއީ ކަމަށް ގަބޫލުކުރެވިގެން ކުރި ކަމެއް ކަމަށެވެ. މީގެ އިތުރުން އާއިލާތަކުގެ މެދުގައި އޮތް މުއާމަލާތްތަކާއި އިޖުތިމާއީ ގަބޫލުކުރުންތަކަކީވެސް މިކަމަށް މަގުފަހިވި ސަބަބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން ބުނާ ގޮތުގައި، ސިޔާ އާއި ޗޭތަންއާ ސުވާލުކުރެވުނު އިރު، ކެތަންގެ މަރާމެދު އެއްވެސް ވަރެއްގެ ދެރަވުމެއް ނުވަތަ ހިތާމައެއް އެމީހުން ފާޅެއް ނުކުރެއެވެ. ތަހުގީގުން ހާމަވާ ގޮތުގައި، ކެތަން ފަރުބަދަމަތިން ތިރިއަށް ވައްޓާލާފައިވަނީ ދެމީހުން އެކުވެގެންނެވެ. އެއީ އެކަނި އެކަން ކުރަން އުޅެފިނަމަ ކެތަން ތިރިއަށް ނުވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިޔާގެ ފޯނުގެ ބްރައުޒިން ހިސްޓްރީން ފެނުނު ގޮތުގައި، އޭނާ ވަނީ މޭގަލަޔާގައި ހިނގި ރާޖާ ރަގުވަންޝީގެ މަރުގެ މައުލޫމާތު ހޯދާފައެވެ. މީގެ އިތުރުން، ފުލުހުންގެ ބަންދުގައި ތިބޭއިރު އަންހެނުންނަށް އަނިޔާ ކުރޭތޯއާއި، އަންހެން ކުށްވެރިންނަށް ލިބިދޭ ގާނޫނީ ހައްގުތަކަކީ ކޮބައިތޯވެސް އޭނާ އިންޓަނެޓުން ހޯދާފައިވެއެވެ. ސިޔާގެ ގެއިން ފެނުނު އިތުރު ފޯނެއް މިހާރު ވަނީ ފޮރެންސިކް ތަހުގީގަށް ފޮނުވާފައެވެ.
މި ހާދިސާއާ ގުޅިގެން ރާޖާ ރަގުވަންޝީގެ މަންމަ، އުމާ ރަގުވަންޝީ ބުނީ، ކެތަންގެ މަރުގެ ހާދިސާއިން އޭނާގެ ދަރިފުޅުގެ މަރު ހަނދާންވެގެން ދިޔަ ކަމަށެވެ.
23 މޭ 2025 ގައި، އިންޑޯރަށް ނިސްބަތްވާ އަލަތު ކައިވެނިކޮށްގެން އުޅުނު ރާޖާ އާއި ސޯނަމް މޭގަލަޔާއަށް ހަނީމޫނަށް ގޮސް އުޅެނިކޮށް ގެއްލުނެވެ. ރާޖާގެ ހަށިގަނޑު ފެނުނީ ޖޫން މަހުގެ 2 ވަނަ ދުވަހު ފުން އަޑިގަނޑަކުންނެވެ. މޭގަލަޔާ ފުލުހުން މިހާރު ދަނީ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން އެ މައްސަލަ ބަލަމުންނެވެ.


