މުއިއްޒު ބިލިޔަނެއްހާ ޑޮލަރު ލޯނަށްދެއްކީ ދެބިލިޔަން ޑޮލަރުން ގައުމު ދަރުވާލާފައި
ބޭރުގެ ދަރަނި ހުރީ 3 ބިލިއަނާއި 3.7 ބިލިއަން ޑޮލަރާ ދެމެދުގައި
ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ދިވެހިރާއްޖޭގެ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު 3 ބިލިއަނާއި 3.7 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކާއި މާލީކަންކަން ބަލާހޯދާ މާހިރުން އަންދާޒާކުރެއެވެ،
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިތުރުކުރި ދަރަންޏާއި އަދާކުރި ދަރަނީގެ ހިސާބުތަކާ މެދު ސަރުކާރުގެ އިސް ފަރާތްތަކާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މަންޒަރު ކިތަންމެ ރީތިކުރަން ސަރުކާރުން އުޅުނަސް ގަނެވިއްކުމާއި މާލީ މުއާމަލާތްތަކުން އެނގި ސާބިތު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދާކަމެވެ.
ދަރަންޏާއި ކްރެޑިޓްގެ ވާހަކަ ހުލާސާކޮށްލާއިރު ބޭރުގެ ޖުމްލަ ދަރަނީ ހާލަތު ވަރަށް ގޯހެވެ. މަރުކަޒީ ބޭންކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، ބޭރުގެ ދަރަނި ހުރީ 3 ބިލިއަނާއި 3.7 ބިލިއަން ޑޮލަރާ ދެމެދުގައެވެ. މިއާއެކު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުހަނު މަތީގައެވެ.
އަނެއްކޮޅުން އަލަށް ހޯދި ކްރެޑިޓް ފެސިލިޓީތަކަކީ ވެސް ބިޔަ ބޮޑެތި ދަރަންޏެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ އައު ކްރެޑިޓް ލައިނެއް ދިނުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ވަނީ ހަމަޖައްސައިދީފައެވެ. މިހުރީ ގައުމުގެ މާލީހަތުގެ ފަންވަރަށް ބެލުމެއްނެތި އިތުރު ކުރަމުންދާ ދަރަނީގެ ބޮޅުތަކުން ބޮޅެކެވެ.
ބޭރުގެ ދަރަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއިންނެވެ. އެއީ ދަރަނީގެ ގާތްގަނޑަކަށް %40 އާއި %42 އެވެ. މީގެ އިތުރުން އިންޑިއާއަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކާއި ކުރު މުއްދަތުގެ އެތައް ފެސިލިޓީއެއް ހިމެނެއެވެ. ހަމަ އެހެންމެ އަބުދާބީ ފަންޑަށް މިއަހަރު ދައްކަން ޖެހި ނުދައްކާއޮތް 100 މިލިޔަންޑޮލަރު 2030 އާއި ހަމައަށް ފަސްކޮށްދިން ކަންނަސީބެވެ.
ދަރަނި އަދާކުރުމާއި މެނޭޖްކުރުމަށް ބަލާއިރު މި ސަރުކާރުން ވެސް ވަނީ ބޭރުގެ ދަރަނީގެ ބޮޑެތި ޒިންމާތަކެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާއި، އިންޑިއާއަށް ދައްކަންޖެހޭ ޓްރެޒަރީ ބިލްތަކާއި ލޯނުތައް ހިމެނެއެވެ. މި އަހަރު ރާއްޖޭން ދައްކަން އޮތް ބޮޑެތި ލޯނުތަކެއް ދައްކާ ބައެއް ލޯނުތައް ދެއްކުން ފަސްކޮށްދިނަސް ރާއްޖެ އޮތިއްޔަކީ އުފާފާޅުކޮށް އަތްޖަހާ ހާލަތެއްގައެއް ނޫނެވެ.
ބޮޑެތި ލޯނުތަކަކާއި މާލީ ފެސެލިޓީތަކެއް އަދާކުރެވިގެން ސަރުކާރުން ދައްކާއިރު ދަރަނި އިތުރުވުމާ ގުޅޭ ބަހުސް ވަނީފެށިފައެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން ބަޔާންކުރާ ގޮތުގައި ދައުލަތުގެ ދަރަނި ކުޑަކޮށް، މާލީ ޒިންމާތައް އަދާކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ނަމަވެސް، އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ފެންނަން ހުރި ބޮޑެތި މަޝްރޫޢުތަކެއް ނިންމާފައި ނެތަސް އައު ކްރެޑިޓް ލައިންތަކާއި ދަރަނީގެ އެއްބަސްވުންތަކުގެ ގޮތުގައި ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރުގެ އިތުރު ޒިންމާތަކެއް މި ސަރުކާރުން ވަނީ ނަގާފައެވެ.


