ގާނޫނާ ހިލާފަށް އެއްވުމެއް ބާއްވައިގެން 200 މީހަކު ތަހުގީގަށް

އެއްވުން ބޭއްވީ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ ދެއްކެވި ވާހަކައަކާ ދޮކޮޅަށް

ގާނޫނާ ހިލާފަށް އެއްވުމެއް ބާއްވައިގެން 200 މީހަކު ތަހުގީގަށް

ހުއްދަ ހޯދުމެއްނެތި ސައިދާޕެޓްގައި މިދިޔަ ހޮނިހިރު ދުވަހު (12 ސެޕްޓެމްބަރު) މުޒާހަރާކުރި މައްސަލައިގައި، ޑީ.އެމް.ކޭގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އޭ ރާޖާ އާއި، ކުރީގެ ވަޒީރުން ކަމަށްވާ މާ ސުބްރަމާނިއަމް އަދި ޕީ.ކޭ ސޭކަރުބާބޫގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އާރް.އެސް ބާރަތީ އާއި މޭޔަރު އާރް ޕްރިޔާ ހިމެނޭހެން އެ ޕާޓީގެ އިސް 200 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އާދީއްތަ ދުވަހު (13 ސެޕްޓެމްބަރު) ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާގެ 189 ވަނަ މާއްދާގެ ދަށުން، ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމުގެ ކުށުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑީ.އެމް.ކޭ އިން މުޅި ސްޓޭޓްގައި މުޒާހަރާކޮށްފައިވަނީ، އެސެމްބްލީގައި ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ، ޕާޓީގެ ރައީސް އެމް.ކޭ ސްޓާލިން އަދި ކުރީގެ ޗީފް މިނިސްޓަރު އެމް ކަރުނާނިދީއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މި މުޒާހަރާގެ ތެރޭގައި ޑީ.އެމް.ކޭގެ ބައެއް އިސްވެރިން ވަނީ ޗީފް މިނިސްޓަރު ވިޖޭއަށާއި އޭނާގެ ވަޒީރުންނަށް އަމާޒުކޮށް ޒާތީގޮތުން ފާޑުކިޔައި ބަހުގެ ހަމަލާތައް ދީފައެވެ.