ބައްޕަ މަރާލުމުގައި ދަރިފުޅު ބައިވެރިވާކަމަށް ތުހުމަތު ކުރެވެނީ
މަރާލުމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ދަރިފުޅުގެ އަނބިމިހާއަށް
ބޭސްފަރުވާގެ ސާމާނު ވިއްކާ ވިޔަފާރިވެރިއެއް ކަމަށްވާ ވިނީތު މަނޯޗާ ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގޭގައެވެ. ވަޅިން ހަމަލާދީ އޭނާ މަރާލިތާ ފަސް ދުވަސް ފަހުން، މި މަރުގެ ރޭވުން އެނގެނީ ކޮން ބަޔަކަށްތޯ ބެލުމަށް ކުރެވޭ ތަހުގީގުގެ މިސްރާބު އޭނާގެ ދަރިފުޅު ސުބްރަތު މަނޯޗާއަށް އަމާޒުވެއްޖެއެވެ.
މައްސަލައިގެ ތަހުގީގުގައި ފުލުހުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ސުބްރަތުގެ އަންހެނުން ޝާލޫ މަނޯޗާއަށެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަރު ރޭވުމުގައި ޝާލޫ ބައިވެރިވެފައިވާ އިރު، އޭނާ ވަނީ ވިޝާލް ގޯތަމް އަދި ރާޖް ކިޝޯރު ނަމަކަށް ކިޔާ ދެ މީހަކަށް ފައިސާ ދީގެން މި ޖަރީމާ ހިންގުވާފައެވެ.
ނަމަވެސް ޝާލޫގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. ޝާލޫގެ ބޭބެ ދީރަޖް އަރޯރާ އަދި ދައްތަ ސޯނިއާ މެހެރޯތުރާ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ޝާލޫ އެފަދަ ކަމެއް ރާވާފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަރޯރާ ބުނި ގޮތުގައި ޝާލޫއަކީ ވިނީތުއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އޭނާގެ ކެއުމާއި ދިރިއުޅުމުގެ ކަންކަން ބަލަހައްޓައިދޭ މީހެކެވެ. އަދި މި ހާދިސާއާ ގުޅިގެން ސުބްރަތު ހަނުހުންނަ ސަބަބާ މެދު އޭނާ ސުވާލު އުފެއްދިއެވެ.
ފުލުހުން މިހާރު ބަލަމުންދަނީ މި ރޭވުމުގެ މައުލޫމާތު ސުބްރަތަށް އެނގޭތޯއެވެ. ކޮމިޝަނަރު އޮފް ޕޮލިސް ރަގުބީރު ލާލް ވިދާޅުވި ގޮތުގައި ސުބްރަތު އަދި ހައްޔަރުކޮށްފައި ނުވި ނަމަވެސް، އޭނާގެ ފޯނު ކޯލް ރެކޯޑުތަކާއި އެހެނިހެން މައުލޫމާތުތައް ދަނީ ދިރާސާކުރަމުންނެވެ. އަދި ތަހުގީގުން އޭނާގެ ބައިވެރިވުމެއް އޮތްކަން ހާމަވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ އެއް ކަމަކީ، ފިރިމީހާއަށް ނޭނގި ޝާލޫ ވިޝާލްއާ މުއާމަލާތްކޮށް މި މަރު ރޭވީ ކިހިނެއްތޯއެވެ. ފުލުހުން ބުނާ ގޮތުގައި ޝާލޫ ވަނީ ސުބްރަތުއާ އެކު ޕާޓީއަކަށް ދިއުމުގެ ކުރިން، ވިޝާލް އާއި ރާޖް އެޕާޓްމަންޓަށް ވައްދައި އޭނާގެ ނިދާކޮޓަރީގައި ފޮރުވާފައެވެ.
މި ދެމަފިރިން ރޭގަނޑު 10:30 ހާއިރު ގެއިން ނުކުމެ، އެނބުރި ގެއަށް އައީ ފަތިހު 3:00 ހާއިރުއެވެ. ވިނީތުގެ ހަށިގަނޑު ފެނުނީ އެމީހުން ގެއަށް އައި ވަގުތުއެވެ. ފުލުހުން މިހާރު ދަނީ އެ ރޭ ބޭއްވި ހަފުލާގައި ޝާލޫ ނަށަނިކޮށް ފެންނަ ވީޑިއޯތަކަކީ އެ ރޭގެ ވީޑިއޯތަކެއްތޯ ކަށަވަރުކުރަމުންނެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝާލޫ އާއި ވިޝާލްގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން މުއާމަލާތްތަކެއް ހިނގާފައިވެއެވެ. މީގެ ތިން މަސް ކުރިން ފެށިގެން ޝާލޫ ވިޝާލްއާ ވާހަކަދައްކަން ފަށާފައިވާ އިރު، އޭނާގެ ސިފައަށް ތައުރީފުކޮށް ގާތް ގުޅުމެއް އުފައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި ޝާލޫ ވަނީ ވިޝާލްގެ ވިސްނުމާ ކުޅެ، އޭނާ ލައްވައި މި މަރު ހިންގުވުމަށް މަގުފަހިކޮށްފައެވެ.
މި މައްސަލައިގައި ޑިޖިޓަލް ހެކިތަކަކީ ވަރަށް މުހިންމު ބައެކެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރު ހިނގި ދުވަހާ ހަމައަށް މި ދެމީހުންގެ މެދުގައި ބަދަލުކުރެވުނު 49 މެސެޖެއް ފޮހެލާފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި 309 ފޯނު ކޯލު ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ވާޓްސްއަޕް ޗެޓްތައް ފޮހެލާފައިވީ ނަމަވެސް، ކޯލް ރެކޯޑުތައް ފުލުހުން ވަނީ ހޯދާފައެވެ.
ޝާލޫގެ ވަކީލު ޝިވަކާންތު ޑިކްސިޓް ފުލުހުންގެ ވާހަކަތަކަށް އިންކާރު ކުރަމުން ބުނީ، އެ ރޭ ޝާލޫ ދިޔައީ ބޭސް ވިޔަފާރީގެ ދާއިރާގެ މީހުން ބޭއްވި އާދައިގެ ބައްދަލުވުމަކަށް ކަމަށާއި، އެއީ ފުލުހުން ބުނާ ފަދަ "ހައި ސޮސައިޓީ" ޕާޓީއެއް ނޫން ކަމަށެވެ.
އުމުރުން 60 އަހަރުގެ ވިނީތު މަނޯޗާ މަރާލާފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުއެވެ. ފުލުހުން އަދިވެސް ދަނީ މި މައްސަލައިގައި ޝާލޫ އާއި އެހެން މީހުންގެ ބައިވެރިވުން އޮތް މިންވަރު ތަހުގީގު ކުރަމުންނެވެ.


