މޮޑެލް ޓްވިޝާ ޝަރްމާ މަރު: މައިދައިތައާއި ފިރިމީހާ ހައްޔަރަށް

ޓްވިޝާގެ ފިރިމީހާއަކީ ގާނޫނީ ވަކީލެއް | މައިދައިތައަކީ ރިޓަޔަރޑް ފަނޑިޔާރެއް

މޮޑެލް ޓްވިޝާ ޝަރްމާ މަރު: މައިދައިތައާއި ފިރިމީހާ ހައްޔަރަށް

އިންޑިއާގެ މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރްމާގެ މަރުގެ މައްސަލައިގައި، އޭނާގެ މައިދައިތަ އިންޑިއާގެ މަރުކަޒީ ތަހުގީގީ އިދާރާ (ސީ.ބީ.އައި) އިން ހައްޔަރުކޮށްފިއެވެ. ޓްވިޝާގެ މަރަކީ ގާތިލާގެ އާއިލާއިން ކުރާ ތުހުމަތުތަކާ އެއްގޮތް މަރުގެ ހާދިސާއެއްތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްތޯ ބެލުމަށް ދަނީ ތަހުގީގު ކުރަމުންނެވެ.

އުމުރުން 33 އަހަރުގެ ޓްވިޝާ މަރުވެފައި އޮއްވާ ފެނުނީ މަދްޔަޕްރަދޭޝްގެ ބޯޕާލްގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގެ ތެރެއިން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާ ކައިވެނިކުރިތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައެވެ.

ޓްވިޝާގެ ފިރިމީހާ ސަމަރުތު ސިންގް އަކީ ގާނޫނީ ވަކީލެކެވެ. ޓްވިޝާގެ މައިދައިތަ ގިރިބާލާ ސިންގް އަކީ ރިޓަޔަރޑް ފަނޑިޔާރެކެވެ. ބަފާކަލޭގެ އަވަނިންދަރާ ކޭ. ސިންގ އަކީވެސް ރިޓަޔަރޑް ފަނޑިޔާރެކެވެ. އެމީހުންގެ މައްޗަށް ޓްވިޝާ އާއިލާއިން ތުމަތުކުރަނީ 'ޑައުރީ' ގެ މައްސަލައިގައި ޓްވިޝާއަށް ބޮޑެތި އަނިޔާތަކެއް ކޮށް، އޭނާ މަރާލާފައިވާކަމަށެވެ. ނަމަވެސް، ފިރިމީހާގެ އާއިލާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސީ.ބީ.އައި އިން ގިރިބާލާ ސިންގް ހައްޔަރުކުރީ އެތައް އިރެއް ވަންދެން އޭނާއާ ސުވާލުކުރުމަށްފަހުއެވެ. މަދްޔަޕްރަދޭޝްގެ ހައިކޯޓުން ވަނީ އޭނާގެ ކަފާލާތުގެ ފުރުސަތު ވެސް ބާތިލުކޮށްފައެވެ. އެއީ ދަށު ކޯޓުން މައްސަލައިގެ މުހިންމު ހެކިތަކާއި ހެކިބަހަށް އިހުމާލުވެފައިވާކަމަށް ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ މައްސަލަ ރަޖިސްޓްރީކުރީ 'ޑައުރީ ޑެތު' ނުވަތަ ރަންގެ މައްސަލައިގައި މަރުވުމުގެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު މުޅި ތަހުގީގު ސީ.ބީ.އައި އާ ވަނީ ހަވާލުކޮށްފައެވެ.

ޓްވިޝާގެ މަރާއެކު އިންޑިއާގައި 'ޑައުރީ' ނުވަތަ ރަންގެ މައްސަލައިގައި އަންހެނުންނަށް ކުރާ އަނިޔާތަކުގެ ބަހުސް އަނެއްކާވެސް ވަނީ ގަދަވެފައެވެ. 1961 ވަނަ އަހަރުން ފެށިގެން އިންޑިއާގައި މި އާދަކާދަ މަނާކޮށްފައިވީ ނަމަވެސް، ކޮންމެ އަހަރަކު އެތައް ހާސް އަންހެނުންނެއް މި ސަބަބާ ހުރެ މަރާލެވެއެވެ. މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނު އަނެއް ސަބަބަކީ، ޓްވިޝާ އަކީ ކުރީގެ ރީތީގެ ރާނީއެއްގެ އިތުރުން މަޝްހޫރު އެކްޓަރަކަށް ވެފައި، އޭނާގެ ފިރިމީހާގެ އާއިލާއަކީ ގާނޫނީ ދާއިރާގެ ނުފޫޒުގަދަ ބަޔަކަށް ވުމެވެ.

ޓްވިޝާގެ އާއިލާއިން ބުނާ ގޮތުގައި، ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަންގެ މައްސަލައިގައި ގޯނާކުރަން ފެށިއެވެ. އަދި ޓްވިޝާ ބަލިވެ އިނުމުން، އޭނާގެ ފިރިމީހާ އާއި މައިދައިތަ ވަނީ އޭނާގެ އިއްފަތްތެރިކަމާ މެދު ސުވާލު އުފައްދައި، މަޖުބޫރުން ދަރިވައްޓާލަން ޖައްސާފައި ކަމަށްވެސް އާއިލާއިން ތުހުމަތުކުރެއެވެ.

ނަމަވެސް ސިންގްގެ އާއިލާއިން ބުނަނީ ޓްވިޝާއަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދިޔަ މީހެއް ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. އަދި ދަރިވައްޓާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށްވެސް އެ އާއިލާއިން ބުނެއެވެ.

ޓްވިޝާގެ ފިރިމީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އޭނާ ހައްޔަރުކުރީ ޓްވިޝާގެ މަރަށްފަހު ފިލައިގެން އުޅެނިކޮށް މެއި 22 ގައެވެ. ޓްވިޝާގެ ހަށިގަނޑު އަންދާލާފައިވަނީ ދެވަނަ އޮޓޮޕްސީއެއް ހެދުމަށްފަހު މިދިޔަ އާދީއްތަ ދުވަހުއެވެ. އާއިލާއިން ތުހުމަތުކުރި ގޮތުގައި ފުރަތަމަ ހެދި ޕޯސްޓްމޯޓަމްގައި މައްސަލަތަކެއް ހުރި އިރު، ފުލުހުން ވަނީ ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.