ޑޮލަރ ދަތިވީވީހެން ކަސްތަޅު އަޅުވަނީ ރައްޔިތުން
ދިވެހީންނަށް ބޭނުންވާ ޑޮލަރު ހޯދާދިނުމަކީ ސަރުކާރުގެ ޒިންމާއެއް.
ދިވެހިރާއްޖެ ދުނިޔެއަށް ހުޅުވިފައި ވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. ދިވެހިރާއްޖޭގެ ތަބިއްޔަތުގައި ދިވެހީންނަށް ބޭނުންވާ ހުރިހާ އެއްޗެއް އެތެރެ ކުރަނީ ބޭރުންނެވެ. އަދި ދައުލަތުގެ ޒިންމާގެ ތެރޭގައިވާ އެއް މަސައްކަތަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭހާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ހިމެނޭހެން ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ތަކެތި އެތެރެކޮށްފައި އަބަދުމެ ލިބޭނެ ގޮތްމެދުވެރިކުރުމެވެ. މި ތަކެތި އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރު ހަމަކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އަދި އެ ތަކެތި ދައުލަތުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ސަރުކާރުގެ މުސާރަތަކާއި އެއްހަމަ ވާނެ ގޮތަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެވެ. އެކަންކަން ކުރުމަށް ރައްޔިތުންގެ އާމްދަނީއިން ފައިސާ ޓެކްސްގެ ގޮތުގައި ސަރުކާރުން އަތުލައެވެ. މި މަސައްކަތަކީ ދައުލަތާއި ސަރުކާރުގެ އަސާސީ ޒިންމާއެކެވެ.
ރައްޔިތުންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ޑޮލަރު ލިބޭނެގޮތް މަރުކަޒީ ބޭންކުންނާއި ދައުލަތުގެ ބާރުވެރި ބޭންކުތަކުން ހަމަޖެހޭ ތޯ މަސައްކަތް ކުރަންޖެހެއެވެ. ވިޔަފާރިތަކަށް ބޭނުންވާ ޓީޓީތައް ހެދޭނެ މަގުފަހި ކޮށްދޭންޖެހޭނެއެވެ. މުދާ ހައްދަން ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސާދޭންޖެހެއެވެ. ރައްޔިތުންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ޑޮލަރު ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ލިބޭނެ ގޮތް ފަހި ކޮށްދޭން ޖެހެއެވެ.
ދައުލަތުގެ އިދާރާތަކުންނާއި ބޭންކް އޮފް މޯލްޑިވްސްއާއި އެހެނިހެން ބޭންކުތަކުން ޑޮލަރު ލިބޭނަމަ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދޭނެ ގޮތެއް ނޯންނާނެއެވެ. ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭނަމަ ޑޮލަރު ލިބެން ހުރި ގޮތަކަށް ޑޮލަރު ހޯދާނެއެވެ. މަންމަ އާއި ބައްޕަގެ ފަރުވާ އަށް ބޭރަށް ފުރާއިރު ޑޮލަރު ލިބެންހުރި އަގަކަށް ޑޮލަރު ގަންނާނެއެވެ. ދަރިފުޅުގެ ފަރުވާއަށް ބޭރަށް ފުރާއިރު ރުފިޔާ ހިފައިގެން ގޮސް ކުރެވޭނެ ފަރުވާއެއް ނޯންނާނެއެވެ. އެކަމަށް ބޭނުންވާނީވެސް ޑޮލަރެވެ. ކޮންމެ އަގަކަށް ހުއްޓަސް މަޖުބޫރުވާނެއެވެ.
ކަޅު ބާޒާރު ނެތި ދާނީ ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްގެންނެވެ. ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެގޮތް ފަހިކޮށްދީފިއްޔާ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ނޯންނާނެއެވެ.
ރައީސެވެ. ރައްޔިތުން ކުއްވެރި ނުކުރާށެވެ. ދައުލަތުގެ އިންތިޒާމުތަކުގެ ތެރެއިން ޑޮލަރުގެ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ފަހިކޮށްދެއްވާށެވެ. އިގްތިސާދީ ވަޒީރު ވިދާޅުވި ވާހަކަތަކުން މިއަދު ޑޮލަރު ހުންނަންޖެހޭނީ 1970 ވަނައަހަރު ޑޮލަރު ހުރި އަގުގައެވެ. ބަންކަރިންއިން 400 މިލިއަން ޑޮލަރުވެސް އަހަރަކަށް ދައުލަތުގެ އާމްދަނީއަށް މިހާރު ލިބޭނެ ނޫންތޯއެވެ. ކުއްވެރި ވާންވީ ރައްޔިތުންނެއް ނޫނެވެ. ރައީސާއި ވަޒީރުންނާއި ދައުލަތުން ރައްޔިތުން ގަނަތެޅުވީމާވެސް ކަސްތޮޅު އަޅުވާންވީ ރައްޔިތުން ހެއްޔެވެ؟


