ޑޮލަރުގެކަޅުބާޒާރު މަނާ ގާނޫނާއެކު ބީއެމްއެލް ކުށްވެރިވަނީ

ނާގާބިލު ސަރުކާރުގެ ޝިކާރައަކަށް ރައްޔިތުން

ޑޮލަރުގެކަޅުބާޒާރު މަނާ ގާނޫނާއެކު ބީއެމްއެލް ކުށްވެރިވަނީ

ރަސްމީ ރޭޓުން ބޭރުން ނުރަސްމީ ރޭޓެއް ކަނޑައަޅާ ޑޮލަރުގެ ރަސްމީ ރޭޓުގެ އިތުރަށް %25 އާއި %30 ދެމެދުގެ އަދަދެއް ޑޮލަރު ވިއްކާ މީހަކަށް ލިބޭނެ ކަމަށް ރަސްމީކޮށް އިއުލާނު ކުރީ ދިވެހި ދައުލަތުގެ ބޭންކުންނެވެ. ސަރުކާރުން އިއުލާނު ކުރާ ގޮތުންނަމަ އަބަދުވެސް ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ގާނޫނީ ކުށެއް ކަމުގައެވެ.

އަދި މި ފަހުން މި އެންގި އެންގުމަކީ އެ ހަނދާން ތައް ފަށްކުރުމެއް ކަމުގައެވެ. ކަން މިހެން އޮތްނަމަ، ބޭންކް އޮފް މޯލްޑިވްސްއިން ކޮށްފައިވާ އިއުލާން ދެމިއޮތް މުއްދަތުގައި ހިންގާ ކޮންމެ ސިކުންތަކަށް، ކޮންމެ މިނިޓަކަށް، ކޮންމެ ގަޑިއަކަށް އަދި ކޮންމެ ދުވަހަކަށްވެސް ބޭންކް އޮފް މޯލްޑިވްސް ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ގާނޫނީ އިލްމު ވެރިން ހާމަކުރެއެވެ. 

ދިވެހި ދައުލަތުގެ އަމަލުތަކުން ފެންނަ ގޮތުންނަމަ ރައްޔިތުން ކުއްވެރި ކުރުމަކީ މިއަދުގެ ސަރުކާރާއި މަޖިލިސްގެ އަސާސީ ޒިންމާއަށް ވެ ނިމުނީއެވެ. ކުއްލިކުއްލިއަށް މަޖިލިހުން ފާސް ކުރާ ގާނޫނު ތަކުންވެސް ރައްޔިތުންވަނީ ކުއްވެރިއެވެ. ސަރުކާރުން ކުރާ ގިނަ އިއުލާނުތަކުންވެސް ރައްޔިތުން ވަނީ ކުއްވެރިއެވެ. ދައުލަތް ހިންގުމުގެ މުގުލުގައި ތިބި ބަބުރުންނާއި، ގަބުރުންނާއި ބުދުންނަށް ދައުލަތް ހިންގަން ނޭގުމަކީ އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހޭނެ ކަމަކަށް ވެގެން ނުވާނެއެވެ. 

ދުނިޔޭގެ މާލީ އިދާރާތަކުން އަންގަނީ ދައުލަތުގެ ހަރަދު ކުޑަކުރާށެވެ. އިދާރީ މަސައްކަތަށް ލޯނު ނުނަގާށެވެ. އާމްދަނީއާއި ނުބައްދަލު ހަރަދު ނުކުރާށެވެ. ދައުލަތަށް ނުތަކާވަރަށް ވަޒީފާތަކަށް މީހުން ނުނަގާށެވެ. ދައުލަތުގެ ނާޗަރަންގީއަށް ދައުލަތުގެ ހަޒާނާ ހުޅުވާނުލާށެވެ. ވަޒީފާތައް މަދުކޮށް ދައުލަތުގެ ހަރަދުތައް ހަރުދަނާކޮށް ޒިންމާދާރު މާލީ ނިޒާމެއް ގާއިމު ކުރާށެވެ.

މިއަދު މިޖެހުނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ދެ ފުލުހުންނާއި ދެ ސިފައިންގެ މީހުން ބައިތިއްބާށެވެ. ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތައް ބިލާހަކަށްވެ، އޭރު ފެނުނު ކުލަކުލައިގެ ސިގްނަލްތަކުގެ ކުލަތައް ފަނޑުވެ ނިވިއްޖެއެވެ. ދޮގާ މަކަރާއި އޮޅުވާލުމުން ދައުލަތެއް ނުހިންގޭނެއެވެ. ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.

ދިވެހި ދައުލަތް އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮކޮށް ވާސިލު ކޮށްދިނުމުގައި އެންމެހާ ރައްޔިތުންގެ ބައިވެރިވުން ބޭނުންވާނެއެވެ. ނާގާބިލު ސަރުކާރެއްގެ ޝިކާރައަކަށް ރައްޔިތުން ނުހައްދަވާށެވެ.