ގެންނަންޖެހޭ އެންމެ ބޮޑުބަދަލަކީ ރައްޔިތުންގެ މަތީ މަޖިލިސް އުފެއްދުން
މުޅި ނިޒާމު ރޫޅާލަން ޖާގަލިބެނީ ރައްޔިތުންގެ މަތީ މަޖިލިސް ނެތުމުން
ރާއްޖެއަށް ނިޒާމީ ބަދަލުތަކެއް ގެނައުމުގެ އަޑު މިދުވަސްވަރު ދަނީ ގަދަވަމުންނެވެ. އެންމެ ފަހުން ގެނައި ނިޒާމީ ބަދަލާއެކު ނިމިގެން ދިޔައީ 30 އަހަރުވީ މައުމޫނިޒަމެވެ. 2007 ވަނަ އަހަރު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ތަސްދީގުކުރެވުނު ގާނޫނު އަސާސީއާއި އެކު ބައެއް ކަހަލަ ހައްގުތައް ކަށަވަރުވެގެން ދިޔައެވެ. އޭގެ ފަހުން 18 އަހަރުވީއެވެ.
އަމަލުކުރެވެމުންދާ އެ ގާނޫނުއަސާސީއަކީ ރާއްޖެއަށް ނުކަތާވަރުގެ ބަރު ބުރަ ހަރަދުބޮޑު ދައުލަތް ހިންގުމުގެ ނިޒާމެއް އެކުލެވޭ އަސާސީއެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ނިޒާމު ހިންގަން ކުރާ ހޭދަޔާ ގާތަށްވެސް ނަތީޖާ ހާސިލު ނުކުރެވޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެހެނެއް ކަމަކު ރައްޔިތުންނަށް ކަށަވަރުވީ ހައްގުތައްވެސް މަދެއް ނޫނެވެ. ގާނޫނު އަސާސީ އޭގެ ރޫހާއެއް ގޮތަށް ތަންފީޒުކުރެވޭނަމަ ރައްޔިތުން އެދޭ ހެޔޮ ބަދަލު ރާއްޖޭން ފެނުނީހެވެ. އެހެނެއް ކަމަކު އެކަމެއް ނުވެއެވެ.
އެދުނު ބަދަލު ހާސިލްނުވީ ކީއްވެގެން ހެއްޔެވެ. ބާރުގައި ތިބޭ މީހުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ފުރަތަމަ ދުވަހުއްސުރެ ގޮތްގޮތަށް ގާނޫނު އަސާސީ މާނަކޮށްގެން މުޅި ނިޒާމު ރޫޅާލަން ޖާގަލިބުނީ ކީއްވެގެން ހެއްޔެވެ. އެހެން އެކަން އެވީ މުޅި ދައުލަތް ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވާނެ ރައްޔިތުންގެ މަތީ މަޖިލީހެއް ނެތުމުން ކަމަށް ބުނާނެ ޖާގަ މިއަދު އެބައޮތެވެ. ގާނޫނު އަސާސީ އިސްލާހުކުރުމާއި ގާނޫނު ހެދުމާއި ޖަވާބު ދާރީކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް އޮތުމުން ނުވެނުދާނެ ހުރިހާ ގޮތެއްވީއޭ ބުނެވެން އެބައޮތެވެ.
އަމަލުކުރެވޭ ގާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގުމަށްޓަކާ ރައިސުލްޖުމްހޫރިއްޔާއަށް ސްޕަރ މެޖޯރިޓީ ހޯދަން މަޖުބޫރެވެ. ރައްޔިތުންގެ މަޖިލީހުގައި ހުރިހާ ބާރެއް ފުނިޖެހިފައި އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުމަކީ ގާނޫނު އަސާސީއާއި ގާނޫނުތައް ރައީސްގެ ގަޔަށް ހެޔޮވަރު ކޯޓަކަށް ހަދާލުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވެއވެ. ތިންބާރު ރަނގަޅަށް އެކުވެ ޗެކް އެންޑް ބެލެންސް ގެއްލި ގާނޫނީ ހުދުމުހުތާރު ވެރިކަމެއް އޭރުން ހިނގައިގަނެއެވެ. ފާއިތުވި 18 އަހަރު ދުވަހު ދިވެހިން ކުރި ތަޖުރިބާއަކީ އެއީއެވެ.
އެހެން ކަމުން އަމަލުކުރެވޭ ގާނޫނު އަސާސީއަށް ރާއްޖެ ނަގުލު ކުރެވުނުއިރު ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރުތަކެއްދީ ޒިންމާދާރު މަތީ މަޖިލީހަކަށް ޖާގަ ނުދިނީ ގަސްދުގައި ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތެވެ. އޭރު އެއްބަޔަކު ބޭނުންވީ 30 އަހަރުވީ ދިގުވެރިކަން ނިންމާށެވެ. ވެރިކަމުގައިތިބި މީހުން ބޭނުންވީ ދޫތަކެއް ދިނުމާއެކު ވެރިކަން ދިފާއުކުރާށެވެ. އެއްވެސް ވަރަކަށް ރައްޔިތުންނާއި ގައުމީ މަސްލަހަތު އިސްކުރިތަނެއް ނުފެނުނެވެ. ދުނިޔޭގައި އޮންނަ ހުރިހާ ވައްތަރެއްގެ މުއައްސަސާތައް އުފެއްދުމަށް ގާނޫނޫ އަސާސީން ލާޒިމުކުރިއިރު ރައްޔިތުންގެ މަތީ މަޖިލީހެއް ނުއުފައްދާ ގޮތަށް ގާނޫނު އަސާސީ ބައްޓަންކުރީ ނޭނގިގެނެއް ނޫނެވެ. ގަސްދުގައެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ޖަވާބުދާރީ ނުކުރެވޭ ގޮތަށް ވެރިކަމުގެ ނިޒާމު ތަރުތީބު ކުރުމަށްޓަކައެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ގާނޫނީ ނިޒާމްތައް ހިނގާތަންތާ ގައުމުގެ ހަމަ ހިފެހެއްޓުމަށް ސިޔާސީ ނުފޫޒުން ތަތްތެޅިފައިނެތް މަތީ މަޖިލީހެއް އޮވެއެވެ. ގައުމުގެ ހަމަޖެހުމާއި ހުރިހާ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމުގައި އެމަޖިލީހުގެ އިހުތިސާސުން ބޭރުގައި އެއްކަމެއްވެސް ނޯވެއެވެ. އެހެނެއް ކަމަކު އެމީހުންނަކީ ދައުލަތް ހިންގުމުގައި ޝާމިލުވާ ބައެއް ނޫނެވެ. ގައުމުގެ ވަކިވަކި ކަންކަމަށް ސީދާ އަމުރު ހިންގާ ބައެއްވެސް ނޫނެވެ. މަގާމުތަކަށް މީހުނަށް ރުހުން ދިނުމާއި އިންތިހާބީ މަގާމުތަކުން މީހުން އިންޕީޗްކުރުން ފަދަ ކަންކަމުގައި ނޫނީ ވަކިވަކި ކަންކަމުގައި މަތި މަޖިލީހުން ގޮތްނިންމާ ނުހަދައެވެ.
ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ދެމީހުނަށް ހެއްޖަސް ރައްޔިތުންގެ މަތި މަޖިލީހެއް ނެތި ހަމަ މަގުގައި ދައުލަތް ނުހިފެހެއްޓޭކަން ދުނިޔޭގެ ތަޖުރިބާ އޮތީ ބުނެދީފައެވެ. ދެންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަންޏާ އެންމެ ފުރަތަމަވެސް ގެންނަން މަޖުބޫރު ބަދަލަކީ ރައްޔިތުންގެ މަތިގެއެއް އުފެއްދުމެވެ. އިލްމީ ގާބިލުކަމާއި ތަޖުރިބާ ހުރި އުވާނުލެވޭ ހުޅުވާލެވިގެން ގޮތްނިންމާ އަދުލުވެރިންގެ މަތީ މަޖިލީހެއްގެ މުހިންމުކަން ރާއްޖެއަށް ވަރަށް ބޮޑެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ގާނޫނީ ނިޒާމް ހިނގާ ގައުމުތަކުގައިވެސް ހަމަ ހިފަހައްޓާދޭތަން ފެންނަނީ ރައްޔިތުންގެ މަތީ މަޖިލީސްތަކުންނެވެ.
އެމެރިކާ ގެ ސެނެޓް:
އެމެރިކާގެ ކޮންގްރެސްގެ މަތީ މަޖިލީހަކީ ސެނެޓެވެ. މި މަޖިލިސް އެކުލެވިގެންވަނީ 100 މެންބަރުންގެ މައްޗަށެވެ. އެއީ ކޮންމެ ސްޓޭޓަކުން ދެ މެންބަރުންނެވެ. ސެނެޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެޑަރަލް ގާނޫނުތައް ފާސްކުރުމާއި، ރައީސް އައްޔަންކުރައްވާ (ފަނޑިޔާރުންނާއި ކެބިނެޓް މެންބަރުން ފަދަ) އިސް ބޭފުޅުނަށް ރުހުން ދިނުމާއި، ބައިނަލްއަގުވާމީ މުއާހަދާތައް ތަސްދީގުކުރުމުގެ އިތުރުން، އިމްޕީޗްމަންޓް މައްސަލަތަކުގައި ކޯޓެއްގެ ދައުރު އަދާކުރުން ހިމެނެއެވެ.
- ގާނޫނު ހެދުން:
- ބިލްތައް ދިރާސާކުރުން: ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާ ގުޅިގެން، ހުށަހެޅޭ ގާނޫނުތަކަށް ބަހުސްކޮށް ވޯޓަށް އެހުން.
- ސްޓޭޓްތަކުގެ ހަމަހަމަކަން: އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް ކޮންމެ ސްޓޭޓަކަށް ދެ ސެނެޓަރުން ކަނޑައެޅިފައި އޮތުމުން، ހުރިހާ ސްޓޭޓަކަށްވެސް ހަމަހަމަ ބާރުވެރިކަން ލިބިގެންވެއެވެ.ދިގު ދައުރު: ސެނެޓަރުން ހަ އަހަރުގެ ދައުރެއް އަދާކުރައްވައެވެ. މީގެ ބޭނުމަކީ ކޮންމެ ވަގުތަކު އިންތިހާބަށް ތައްޔާރުވުމުގެ ބަދަލުގައި، ގައުމީ ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް އިސްކަންދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
- ބާރުތައް ކޮންޓްރޯލްކުރުން
- އައްޔަންކުރާ ފަރާތްތައް ކަށަވަރުކުރުން: ރައީސް އައްޔަންކުރައްވާ ސަރުކާރުގެ މަތީ ފަންތީގެ މުވައްޒަފުންނާއި، ސަފީރުން އަދި ފެޑަރަލް ފަނޑިޔާރުންނަށް ރުހުން ދިނުން.
- މުއާހަދާތައް ފާސްކުރުން: ސަރުކާރުގެ އެގްޒެކެޓިވް ބްރާންޗުން އެކުލަވާލާ ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް ފަހުގެ ރުހުން ދިނުން.
- އިމްޕީޗްމަންޓް ޝަރީއަތްތައް: ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފެޑަރަލް އޮފިޝަލަކު މަގާމުން ވަކިކުރަން ނިންމައިފި ނަމަ، އެ މައްސަލަ ބަލައި ގޮތް ނިންމާ ޖޫރީއެއްގެ ދައުރު އަދާކުރުން.
އިންޑިއާގެ ރާޖްޔާ ސަބާ (ސްޓޭޓްތަކުގެ މަޖިލިސް)
އިންޑިއާގެ ފާލަމަންޓުގެ މަތީގެއަކީ ރާޖްޔާ ސަބާއެވެ. މިއީ އިންޑިއާގެ ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ މަސްލަހަތުތައް ތަމްސީލުކޮށްދޭ މަޖިލީހެވެ. މި މަޖިލީހުގެ މައިގަނޑު ބޭނުމަކީ ތިރީގެއިން (ލޯކް ސަބާ) ފާސްކުރާ ގާނޫނުތައް މުރާޖައާކުރުމާއި، ފެޑެރަލް ނިޒާމުގެ ހަމަހަމަކަން ދެމެހެއްޓުމެވެ. މިއީ ދުވަހަކުވެސް އުވާލެވޭ މަޖިލީހެއް ނޫނެވެ.
- މައިގަނޑު ދައުރާއި ޒިންމާތައް:
- ގާނޫނީ މުރާޖަޢާ: ލޯކް ސަބާއިން ފާސްކުރާ ބިލްތަކާ މެދު ބަހުސްކޮށް އިސްލާހު ހުށަހެޅުމުގެ ބާރު މި މަޖިލީހަށް ލިބިގެންވެއެވެ. މިއީ އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ގާނޫނުތައް ފާސްވިޔަނުދީ ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ.
- ފެޑެރަލް ތަމްސީލުކުރުން: ގައުމީ ފެންވަރުގައި ސްޓޭޓް ސަރުކާރުތަކުގެ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަކީ މި މަޖިލީހުގެ ޒިންމާއެކެވެ.
- ގާނޫނު އަސާސީން ލިބިދޭ ހާއްސަ ބާރުތައް: ގާނޫނު އަސާސީގެ 249 ވަނަ މާއްދާގެ ދަށުން ސްޓޭޓްތަކާ ގުޅޭ ކަންކަމުގައި ގާނޫނު ހެދުމުގެ ހުއްދަ ދިނުމާއި، 312 ވަނަ މާއްދާގެ ދަށުން މުޅި އިންޑިއާއަށް އަމާޒުވާ އާ ސިވިލް ސަރވިސްތައް އުފެއްދުމުގެ ބާރު ދެބައިކުޅަ އެއްބައި އަގުލަބިއްޔަތުން ދިނުމުގެ ބާރު މި މަޖިލީހަށް ލިބިގެންވެއެވެ.
- މެދުނުކެނޑި ހިނގުން: މިއީ ދާއިމީ މަޖިލީހެކެވެ. ކޮންމެ ދެ އަހަރަކުން އެއްފަހަރު މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ އެއްބައި ރިޓަޔަރ ކުރާއިރު، މިއީ މަޖިލީހުގެ ތަޖުރިބާ އާއި ހިންގުން މެދުނުކެނޑި ދެމިއޮތުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.
- ފަންނީ ލަފާ: ސައިންސާއި، ފަންނުވެރިކަމާއި، އަދަބިއްޔާތު އަދި އިޖުތިމާއީ ދާއިރާތަކުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު 12 މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މި މަޖިލީހަށް އައްޔަންކުރައްވައެވެ.
އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯރޑްސް
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެއަކީ ހައުސް އޮފް ލޯރޑްސްއެވެ. މި މަޖިލީހުގެ މައިގަނޑު މަސައްކަތަކީ މިނިވަންކަމާއެކު ކަންކަން މުރާޖަޢާކޮށް ފާރަވެރިވުމެވެ. އިންތިހާބުކުރެވޭ ހައުސް އޮފް ކޮމަންސް އާއެކު މަސައްކަތްކޮށް، ގާނޫނުތައް ބަލައި، ސަރުކާރުގެ ނިންމުންތަކާ ސުވާލުކޮށް، ތަޖުރިބާކާރު މެންބަރުންގެ އެހީގައި ދައުލަތުގެ ސިޔާސަތުތައް ދިރާސާކުރުމަކީ މި މަޖިލީހުގެ ދައުރެކެވެ.
އަސްލު ޑިމޮކްރެޓިކް ބާރުތައް ހައުސް އޮފް ކޮމަންސް އަށް ލިބިފައިވީ ނަމަވެސް، ހައުސް އޮފް ލޯރޑްސް އަކީ ގާނޫނުތައް ހުއްޓުވުމުގެ ބަދަލުގައި، އެ ގާނޫނުތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރާ މުހިންމު ބަހާއެވެ.
- މައިގަނޑު މަސައްކަތްތައް:
- ގާނޫނު ހެދުމާއި އިސްލާހުކުރުން: ހައުސް އޮފް ކޮމަންސް އިން ފާސްކުރާ ބިލްތައް ބަލައި، އޭގައި ހުންނަ ފަންނީ މައްސަލަތައް އިސްލާހުކުރުމަށް ބަދަލުތައް ހުށަހަޅައެވެ. މާލީ ބިލްތައް ފިޔަވައި އެހެން ބިލްތައް ވަކި މުއްދަތަކަށް މަޑުޖައްސާލުމުގެ ބާރު މި މަޖިލީހަށް ލިބިގެންވެއެވެ. މިއީ ސަރުކާރުން އެ ސިޔާސަތުތަކާ މެދު އަލުން ވިސްނުމަށް މަޖުބޫރުކުރުވުމަށް ކުރާ ކަމެކެވެ.
- ސަރުކާރު ޖަވާބުދާރީކުރުވުން: ސަރުކާރުގެ ވަޒީރުންނާ ދުވަހުން ދުވަހަށް ކުރެވޭ ސުވާލުތަކުގެ ޒަރީއާއިން ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތައް ދިރާސާކުރެއެވެ. މީގެ އިތުރުން، ގައުމީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މި މަޖިލީހުގައި ބަހުސްތައް ކުރިއަށްދެއެވެ.
- ކޮމިޓީތަކުގެ މަސައްކަތް: އިގުތިސާދީ، ސައިންޓިފިކް އަދި ގާނޫނު އަސާސީއާ ގުޅުންހުރި މުހިންމު ދާއިރާތަކުން ފުން ދިރާސާތައް ކުރުމަށް ހާއްސަ ކޮމިޓީތައް އެކުލަވާލައި، އެ ދާއިރާތަކުން ފަންނީ ލަފަޔާއި އިރުޝާދު ހިމެނޭ ރިޕޯޓުތައް މި މަޖިލީހުން ޝާއިއުކުރެއެވެ.
ހައުސް އޮފް ލޯޑްސް އެކުލެވިފައި އޮންނަގޮތް
ހައުސް އޮފް ލޯޑްސް އަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގައި ތިއްބަވަނީ ރައްޔިތުންގެ އިންތިހާބަކުން ހޮވޭ ބައެއް ނޫން ނަމަވެސް، ގާތްގަނޑަކަށް 800 މެންބަރުން މި މަޖިލީހުގައި ހިމެނެއެވެ. މި މަޖިލީހުގައި ތިއްބަވަނީ އެކި ދާއިރާތަކުން ތަޖުރިބާކާރުންގެ ގޮތުގައި އައްޔަންކުރެވޭ 'ލައިފް ޕިއަރސް' އާއި، 'ޗާޗް އޮފް އިންގްލަންޑް' ގެ އިސް 26 ފާދިރީންނާއި (ލޯޑްސް ސްޕިރިޗުއަލް)، އަދި ވިރާސީ ގޮތުން މެންބަރުކަން ލިބޭ ބައެއް ބޭފުޅުންނެވެ. ނަމަވެސް، ފަހުގެ އިސްލާހުތަކާއެކު ވިރާސީ މެންބަރުކަން ލިބޭ އުސޫލު މިހާރު ވަނީ އުވާލަން ފަށާފައެވެ.
- ލައިފް ޕިއަރސް (ލޯޑްސް ޓެމްޕޯރަލް)
- އައްޔަންކުރުން: މީގެ މެންބަރުންނަކީ ބޮޑުވަޒީރުގެ ލަފާގެ މަތިން ނުވަތަ 'ހައުސް އޮފް ލޯޑްސް އެޕޮއިންޓްމަންޓްސް ކޮމިޝަން' އިން ބަލައި ފާސްކުރުމަށްފަހު ރަސްގެފާނު އައްޔަންކުރައްވާ ބޭފުޅުންނެވެ.
- ޝަރުތުތައް: އިނގިރޭސިވިލާތުގެ، އަޔަލޭންޑުގެ ނުވަތަ ކޮމަންވެލްތު ގައުމެއްގެ ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އުމުރުން 21 އަހަރު ފުރިފައިވުމާއެކު، އިނގިރޭސިވިލާތުގައި ދިރިއުޅޭ، އެ ގައުމަށް ޓެކްސް ދައްކާ މީހަކަށް ވާންޖެހޭނެއެވެ.
- ދައުރު: މީގެ މެންބަރުން އައްޔަންކުރެވެނީ މުޅި އުމުރަށެވެ. އެބޭފުޅުންނަކީ ސިޔާސީ ދާއިރާ، ގާނޫނީ ދާއިރާ، ވިޔަފާރި، ސައިންސް ނުވަތަ ފަންނުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާ އާއި ޢިލްމު ލިބިފައިވާ ބޭފުޅުންނެވެ.
- ފާދިރީން (ލޯޑްސް ސްޕިރިޗުއަލް)
- މެންބަރުންގެ އަދަދު: ޗާޗް އޮފް އިންގްލަންޑްގެ އިސް 26 ފާދިރީންނަށް މި މަޖިލީހުން ޖާގަ ލިބެއެވެ.
- މުހިންމު މަގާމުތައް: މީގެ ތެރޭގައި ކެންޓަބަރީ އާއި ޔޯކްގެ އާޗްބިޝޮޕުންނާއި، ލަންޑަން، ޑާހަމް އަދި ވިންޗެސްޓާގެ ބިޝޮޕުން އަބަދުވެސް ހިމެނެއެވެ.
- ދައުރު: މީގެ ބޭފުޅުންނަށް މަޖިލީހުގެ މެންބަރުކަން އޮންނާނީ އެ ބޭފުޅުންގެ ފާދިރީކަމުގެ މަގާމުގައި ތިއްބަވާ މުއްދަތުގައެވެ. މަގާމުން ވަކިވުމުން ނުވަތަ ރިޓަޔާކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.
- ވިރާސީ މެންބަރުން (ހެރެޑިޓަރީ ޕިއަރސް)
- ކުރީގެ އުސޫލު: ކުރިން އޮންނަ ގޮތުން، އާއިލީ ގޮތުން ލިބޭ މާތް ލަގަބުތަކުގެ ސަބަބުން މަދު ބަޔަކަށް މި މަޖިލީހުގެ ގޮނޑި ކަށަވަރުވެއެވެ.
- މިހާރުގެ ހާލަތު: ގާނޫނަށް ގެނެވުނު ފަހުގެ އިސްލާހުތަކާއެކު، ހަމައެކަނި އާއިލީ ނަސަބުން ލިބޭ ލަގަބެއްގެ ސަބަބުން މަޖިލީހުގައި އިށީނދެ ވޯޓު ދިނުމުގެ ހައްގު މިހާރު ވަނީ އުވާލެވިފައެވެ.


