މެޑިކަލް ޓީމަށް މަރަޑޯނާގެ ފުރާނަ ސަލާމަތްކުރެވުނީސް

މަރަޑޯނާ މަރުވެދާނެކަން އެނގިތިބެ، އެކަމަށް ފަރުވާކުޑަކޮށް މަރުވުމަށް މަގުފަހިކުރުން: ދައުވާ

މެޑިކަލް ޓީމަށް މަރަޑޯނާގެ ފުރާނަ ސަލާމަތްކުރެވުނީސް

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ މަރުގެ މައްސަލައިގައި އަލުން ފެށި ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވިދާޅުވީ، އޭނާ ބެލެހެއްޓި މެޑިކަލް ޓީމަކީ "އަމިއްލަ އެދުން ބޮޑު، ތަޖުރިބާނެތް ބައެއް" ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ފުރުސަތު އެ ފަރާތްތަކުން ނަގާލާފައިވާ ކަމަށެވެ. އަދި މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ހުއްޓެން ފަށާފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރު ފާހަގަ ކުރެއްވިއެވެ. މަރަޑޯނާގެ މަރުގެ މައްސަލައިގައި ދައުވާކުރާ ފަރާތުން ބުނާގޮތުގައި، އޭނާގެ މެޑިކަލް ޓީމަށް އޭނާގެ ފުރާނަ ސަލާމަތްކުރެވުނީހެވެ.

މަރަޑޯނާގެ މަރުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ސިއްހީ ދާއިރާގެ ހަތް މުވައްޒަފުންގެ ޝަރީއަތް އަލުން ފަށާފައިވަނީ، މީގެ ކުރިން ކުރިއަށްދިޔަ ޝަރީއަތުގެ ފަނޑިޔާރަކު މި މައްސަލައާ ގުޅޭ ޑޮކިއުމެންޓްރީއެއްގައި ފެނުމާ ގުޅިގެން އެ ޝަރީއަތް މެދުކަނޑާލިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މަރަޑޯނާ މަރުވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އުމުރުން 60 އަހަރުގައެވެ. އޭނާ މަރުވީ ސިކުނޑީގައި އުފެދުނު ލޭކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު، ގޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ މެޑިކަލް ޓީމުގެ މައްޗަށް ކުރަނީ ގޭގައި ފަރުވާ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމުގެ ތުހުމަތެވެ.

އާ ޝަރީއަތް ފައްޓަވަމުން ޕްރޮސެކިއުޓަރު ޕެޓްރިސިއޯ ފެރާރީ ވިދާޅުވީ، މަރަޑޯނާއަށް ފަރުވާ ދިނީ އެއްވެސް ފަންނީ ގާބިލްކަމެއް ނެތް ބައެއް ކަމަށާއި، އެމީހުންގެ އިހުމާލުން މަރަޑޯނާ އުފުލަންޖެހުނު ތަކުލީފުތަކަކީ "އިހާނެތި" އަމަލުތަކެއް ކަމަށެވެ. "މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާގެ ފުރާނަ ދާން ފަށައިފި. އޭނާ މަރުވުމުގެ އެންމެ ފަހު ހަފުތާގެ ތެރޭގައިވެސް، އެމްބިއުލާންސެއްގައި ނުވަތަ ކާރެއްގައި ނަމަވެސް ކްލިނިކަކަށް ގެންދެވުނު ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް،" ފެރާރީ އިތުރަށް ވިދާޅުވިއެވެ.

މަރަޑޯނާ މަރުވީ އޮޕަރޭޝަނަށްފަހު ދެ ހަފުތާ ފަހުން، ހިތް ހުއްޓިގެންނާއި ފުއްޕާމޭގައި ފެން ހެދިގެންނެވެ. 1986 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ޑިއޭގޯ މެރެޑޯނާ އަކީ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ.

ޝަރީއަތް ފެށުނުއިރު މަރަޑޯނާގެ ދަރިން ކަމަށްވާ ޑަލްމާ، ގިއާނީނާ އަދި ޖަނާގެ އިތުރުން އޭނާގެ ކުރީގެ ބައިވެރިޔާ ވެރޯނިކާ އޮޖޭޑާ ކޯޓަށް ހާޒިރުވެ ތިއްބެވެ. އޮޖޭޑާ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، އޭނާ ބޭނުންވަނީ މަރަޑޯނާއަށް އިންސާފު ލިބުން ކަމަށާއި، އެއީ މަރަޑޯނާގެ ރޫހަށް ހަމަޖެހުން ލިބުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ކޯޓުން ބޭރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ކަލާނގެއަށް ނިސްބަތްކޮށް ބޭނުންކުރާ ސްޕެނިޝް ބަސް "Dios" އާއި ގުޅުވައިގެން މަރަޑޯނާގެ ޖާޒީ ނަމްބަރ 10 ގުޅުވައިގެން "D10s" ލިޔެފައިވާ ބޯޑުތަކާއެކު އިންސާފަށް ގޮވަމުންދިޔައެވެ.

ޝަރީއަތުގައި ޑޮކްޓަރުންނާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުންނާއި ނަރުހުން ހިމެނޭހެން 120 އަށްވުރެ ގިނަ ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ކުރަނީ، އެމީހުންގެ އަމަލުތަކުގެ ސަބަބުން މަރަޑޯނާ މަރުވެދާނެކަން އެނގިތިބެ، އެކަމަށް ފަރުވާކުޑަކޮށް މަރަޑޯނާ މަރުވުމަށް މަގުފަހިކުރި ކަމުގެ ދައުވާއެވެ. މީގެ ތެރޭގައި ހޮސްޕިޓަލެއްގެ ބަދަލުގައި ގޭގައި ފަރުވާ ދިނުމަށް ނިންމި ނިންމުން ހިމެނެއެވެ. 

މަރަޑޯނާގެ ދަރިންގެ ވަކީލް ފެނާންޑޯ ބުރުލާންޑޯ، ސްޓެތެސްކޯޕެއް ދައްކާލަމުން ބުނީ، މެޑިކަލް ދާއިރާގައި އެންމެ މުހިންމު މި އާލާތްވެސް މަރަޑޯނާ މަރުވުމުގެ ކުރިން ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެންމެ ފަހަރަކުވެސް އޭނާގެ މޭގައި ޖައްސާލާފައި ނުވާ ކަމަށެވެ. ނަމަވެސް، ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ބުނަމުން ދަނީ މަރަޑޯނާ މަރުވީ ސިއްހީ ހާލަތު ގޯސްވަމުން ގޮސް، ގުދުރަތީ މަރަކުން ކަމަށެވެ.

ޑިއޭގޯ މަރަޑޯނާ ނިޔާވުމުގެ ކުރިން އޮތީ ބަލި އެނދުގައި ގުޑިނުލެވި، މާޔޫސްވެފައި ކަމަށް އޭނާގެ މަސާޖު ތެރަޕިސްޓް ބުނެއެވެ. 2020 ވަނަ އަހަރު މަރަޑޯނާ ނިޔާވި ހާދިސާއާ ގުޅިގެން އާޖެންޓީނާގައި ކުރިއަށްދާ ޝަރީއަތުގައި ހެކިބަސް ދެމުން އޭނާގެ މަސާޖު ތެރަޕިސްޓް ނިކޮލަސް ޓަފަރޭލް ބުނީ، މަރަޑޯނާގެ ފަހު ދުވަސްތަކުގައި އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ދުޅަވެ، އެނދުން ތެދުވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އޭނާ އެނދުން ތެދުވާކަށް ބޭނުމެއް ނުވޭ. ކާން ބޭނުމެއް ނުވޭ، ފެންވަރާކަށް ބޭނުމެއް ނުވޭ، އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދޭކަށް ވެސް ބޭނުމެއް ނުވޭ،" ބުރާސްފަތި ދުވަހު ކޯޓުގައި ހެކިބަސް ދެމުން ޓަފަރޭލް ކިޔައިދިނެވެ.

މީގެ އިތުރުން، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފުޓްބޯޅަ ލެޖެންޑްގެ ސިއްހީ ހާލަތު ހުރި ގޮތުން، ކޮންމެ ދުވަހަކު އޭނާގެ ގާތަށް ޒިޔާރަތްކޮށް ބަލަންޖެހޭނެ ކަމަށް މަރަޑޯނާގެ މެޑިކަލް ޓީމަށް އޭނާ އޭރު އަންގާފައިވާނެ ކަމަށް ވެސް ޓަފަރޭލް ބުންޏެވެ. ކޯޓުގައި އިއްވި އޯޑިއޯ މެސެޖުތަކުން ވެސް މިކަން ސާފުވެއެވެ.

ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު ޓަފަރޭލް ބުނީ، މަރަޑޯނާގެ ފަރާތުން ފެނުނު ކަންބޮޑުވުންތައް މެޑިކަލް ޓީމާ ހިއްސާކުރި ނަމަވެސް، އެކަމަށް އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. "އޭނާގެ މުޅި ހަށިގަނޑު އޮތީ ފޮއްސިވެފައި، ފައި އޮތީ ދުޅަވެފައި. ޑޮކްޓަރުން ބުނަމުން ދިޔައީ ކަންބޮޑުނުވުމަށާއި އެއީ ރަނގަޅުވާނެ ކަންކަން ކަމަށް. އަހަރެމެން އެމީހުންނަށް އިތުބާރު ކުރީމެވެ. ނަމަވެސް އެ ހާލަތު ރަނގަޅެއް ނުވި،" އޭނާ ކިޔައިދިނެވެ.

މަރަޑޯނާ ނިޔާވުމުގެ އެއް ދުވަސް ކުރިން، ނޮވެމްބަރު 24 ވަނަ ދުވަހު އޭނާ ލައްވައި "މާޓޭ" (އާޖެންޓީނާގެ ސަގާފީ ބުއިމެއް) ބޯން ކުރި މަސައްކަތް ވެސް ނާކާމިޔާބުވި ކަމަށް ޓަފަރޭލް ބުންޏެވެ. "އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ، ހުރިހާ ކަމެއް ރަނގަޅޭ، ހުރިހާ ކަމެއް ނިމުނީއޭ" މަރަޑޯނާ އެންމެ ފަހުން ބުނި ވާހަކަތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ ނިޔާވީ ހިތުގެ މައްސަލައެއްގައާއި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުންނެވެ. އެއީ އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިތާ ދެ ހަފުތާ ފަހުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަރަޑޯނާ މަރުވުމާ ގުޅިގެން މުޅި އާޖެންޓީނާއަށް ބޮޑު ހިތާމައެއް ލިބިގެންދިޔައިރު، އެތައް ހާސް ބަޔަކު ވަނީ ރިޔާސީ ގަނޑުވަރަށް ގޮސް އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފައެވެ.

މަރަޑޯނާގެ މަރުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން އާޖެންޓީނާގައި ހަތް ސިއްހީ އެހީތެރިއެއްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރެއެވެ. އެމީހުން ބުނަމުންދަނީ އެމީހުން އަދާކުރީ ވަކި ހާއްސަ ދާއިރާއެއްގެ މަސްއޫލިއްޔަތެއް ކަމަށާއި، މަރަޑޯނާ ނިޔާވި ސިއްހީ ސަބަބުތަކާ އެމީހުންގެ ދައުރާ ސީދާ ގުޅުމެއް ނެތް ކަމަށެވެ.

ކުށް ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މި ޝަރީއަތް މި މަސް ނިމޭއިރު ވެސް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.