މުއިއްޒު ވަރުގެ ވެރިއަކު ހަމަ ނުފެންނާނެ

އިންޑިއާ ސިފައިންގެ ބޫޓުކިބައެއް ވެސް ނުބަހައްޓާ ބާލައިލީ އެމީހުންގެ ޔުނީފޯމް

މުއިއްޒު ވަރުގެ ވެރިއަކު ހަމަ ނުފެންނާނެ

މުއިއްޒު ވަރުގެ ރައީސަކު ނުދެކޭ ކަމަށް ބުނާނީ ބައްދަލުވާ ބޭރު މީހުން އެކަންޏެއް ނޫނެވެ. އެޑޮލްފް ހިޓްލަރާއި ކަލިގުއިލާ ދުނިޔޭގައި ތިބި ނަމަ އެމީހުން ވެސް މުއިއްޒު ވަރުގެ ވެރިއަކު ނުފެންނާތީ އާޝޯހު ވާނެއެވެ. އީޑީ އަމީނާއި ޕޮލް ޕޮޓް ވެސް މިސާލަކަށް ބެލީހެވެ. ރޮބަޓް މުގާބޭ ގެ ދުވަސްނަަމަ އޭނާގެ އެދުރަކަށް ގެންދިޔައީހެވެ. 

އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ. މުއިއްޒުގެ ކިބައިން ފެންނަ ދެފުށް ދެގޮތްކަމާއި ލަދުކުޑަކަމަކީ ދުނިޔޭގެތާކު ވެރިކަން ކުރި މީހެއްގެ ކިބައިން މަދުންނޫނީ ނުފެންވަރުގެ ކަންކަމެވެ. އެކެއްގެ ކިބައި އެންމެ ގިނަ ގޯސް ސިފަ ފެނުނު އެއް ވެރިއަކީ މުއިއްޒުކަމާމެދު ދުނިޔޭގެ ގިނަ މީހުން އިއްތިފާގުވާ ކަމަށްވެއެވެ. 

މުއިއްޒު ރާއްޖޭގައި އިންޑިއާ ސިފައިންގެ ބޫޓުކިބައެއް ވެސް ނުބަހައްޓާ ބާލައިލީ އެމީހުންގެ ޔުނީފޯމެވެ. ރާއްޖޭގެ ސިޔާދަތު ހިފައިގެން އުދުހުނު އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރތަކާއި ޑޯނިއާ ބޯޓު ނަކަތްގެ ލައްވާފައި އެތިބީ ކުރިން ކުރި ކަންތައް ކުރަން ބައިތިއްބާފައެވެ. 

ފަޑުއްކަވީ އިންޑިއާ ބޭސް ޔޫރަޕްގެ ބޭހަށްވުރެ މޮޅުވެ، މޯލްޑިވްސް ފަސްޓް ގޮވަމުން އެއްގައުމަށް ބަރޯސާ ނުވާން ބެކްވާޑުގައި ނޯވެ އިންޑިއާގެ އުންގަށް ފުންމާލުމަކީ އާދައިގެ މީހުނަށް ވާޒާތުގެ ކަންކަމެއް ނޫނެވެ. ޑޮގަށްލާފައި އޮތް ބައު ފްލައިޓްގަޑެއް މަތިހަދާލައިގެން ބަލިމީހުން އުފުލަން އެއަރ އެންބިއުލާންސް ހަދާފައި ލަންކާއަށް އެޅި އެއް ދަތުރަށް ފަހު ގްރައުންޑް ވީގޮތަށް އޮތުމަކީ މުއިއްޒުގެ މޮޅުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ. 

އިޓްލޮސްގެ ހުކުމަށް ތަބާނުވެ ގެއްލުނު ކަނޑާއި ޗާގޯސް ހޯދަން އަސްކަރިއްޔާއެއް ނެތް މޮރިސަސްއާއި ސިޔާސީ ގުޅުން ކަނޑާލާ ހަނގުރާމަ އިއުލާނުކުރާ ހިސާބަށް ދިޔުމަކީ ދުނިޔެއަށްވެސް މިސާލެކެވެ. ތުރުކީން ބައުދަގަނޑަށް ކިރަންވެފައިއޮތް ބޯޓަކާ ހަވާލުވެ ހަމައަގަށް ވުރެ ބޮޑު އަގުދީފައި އައުޓްޑޭޓެޑް ޑްރޯން ތަކެއް ގަނެގެން ގެނެސް އުރަލާފައި ބާއްވައިގެން އެއަރފޯސް ހަދާނެ އެހެން މޮޔައަކު ނޫޅޭނެއެވެ. 

މުއިއްޒު ވަރުގެ ގާޒާއާއި ފަލަސްތީނަށް ހެޔޮއެދޭ އިސްލާމީ ވެރިއަކު ނެތް ކަމަށް ދައްކައިގެންހުރެ އިޒްރޭލުން ގާޒާގައި ހިންގި ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން މެދުކަނޑާލަން ދެން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން ދިގުދަންމާލި މުނާފިގު ގޮތަކީ ދުނިޔެ އަޖައިބު ކުރުވި ކަމެކެވެ. 

ރަސްމީ ކޮޓަރިކޮޅުގައި ކުއްލައިލި ކުޅުމުގައިވެސް އެވަރެއް ނެތެވެ. އެއްފަހަރު ދައްކާވާހަކަ އެހެން ގޮތަކަށް ބަދަލުކޮށް ކަންކަން އުނބަށް ޖެހުމުގައިވެސް މިސާލެކެވެ. ޑަބްލިޔުއެޗްއޯގެ ލަފަޔާއެކު ސިނގިރޭޓްގެ އަގުހެޔޮ ކުރި ފުރަތަމަ ވެރިޔާއަށް މުއިއްޒުވީމާ އެވަރު އެހެން މީހަކު ހުންނާނެ ހެއްޔެވެ.

ދުނިޔޭގެ ތާކު އަދި ނެތް ޓެކްނޮލޮޖީއެއްގެ ބިއްލޫރި ޓަނަލާއި ފްލޯޓިންގ ޓާމިލް އެއަރޕޯޓާއި މޮނޯރޭލާއި އިންޓަރނޭޝަނަލް ފައިނޭންސަލް ސްކޭމް ހަބާއި އެކޯސިޓީއާއި ރަސްމާލެ ސިޓީ ފަދަ ހުވަފެނީ ޕްރޮޖެކްޓް ތަކުންވެސް އެނގި ކަށަވަރުވަނީ މުއިއްޒު ކަހަލަ ހިޔާލީ ފޮލާ ކައްކާ އެހެން ވެރިއަކު މީހަކަށް ނުފެންނާނެކަމެވެ. މަވެތިވެ ވައުވަދެފައި ހުރިވަރުން މޮޅު ވާހަކައަކަށް ވެގެން އެ ވާހަކަ އަމިއްލައަށް ދައްކާއިރު ބަޔަކު މަލާމާތް ކުރަނީކަންވެސް އެނގެނީއެއް ނޫނެވެ.