ޔާމީނަށް ހަރާމިއްޔާ އަދީބަށް ހުކުން ހަރާން
ރައްޔިތުން ޔާމީނު ދޫކޮށްލުން މަތިކޮށްފައި ވަނީ ޑރ. މުއިއްޒަށް
އެއް ދުވަހު ޝަރީއަތަކާ ނުލާ ބޮޑުވަގަކަށް ވެގެން މަގުމަތިން ޔާމީނަށް ހުކުމް ކުރެއެވެ. އަނެއް ދުވަހު މަގުމަތިން ހުކުން ކުރި ބޮޑު ވަގުގެ ދިފާއުގައި ކޯޓަށް ދެއެވެ. ނަމުގެ ކުރީގައި ޑރ ޖަހައިގެން ފުވައްމުލަކު ޖަމީލު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ.
އަދީބާއި ޒިޔަތަށް މާފުދީގެން ޖަމީލަށް ވަރެއް އެބަވެއެވެ. އަދީބާއި ޒިޔަތު މިނިވަންކުރީ ރައީސް ސޯލިހަށް ގާނޫނުން ލިބި ނުދޭ ބާރަކުން ނޫންކަން ޖަމީލަށް ރަނގަޅަށް އެނގޭނެއެވެ. ކްލަމެންސީ ގާނޫނުން ލިބިދޭ ގާނޫނީ އިހުތިޔާރެއްގެ ދަށުން އަދީބާއި ޒިޔަތު މިނިވަން ކުރީ ކްލަމެންސީ ބޯޑްގެ ނިންމުމަކާއެއް ގޮތަށެވެ. އެކަންވެސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޖަމީލެވެ.
ކްލަމެންސީ ގާނޫނުގެ ދަށުން އިހުތިޔާރެއް ލިބުނަސް އެ އިހުތިޔާރުގެ ބޭނުން ހިފަން ރައީސަށް ޖެހޭ ހެއްޔެވެ. އަދީބާއި ޒިޔަތަކީ ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުން މާފުދޭން ޖެހޭ ވަރުގެ ބައެއް ހެއްޔެވެ. އާނއެކެވެ. އަދީބާއި ޒިޔަތަކީ ދޫކޮށްލަން ޖެހޭ ދެމީހުންނެވެ. ރައްޔިތުން ވަނީ އެމީހުން ދޫކޮށްލަން ހުކުން ކޮށްފައެވެ. ރައްޔިތުންގެ ނިންމުމަށް ރައީސް އަމަލުކުރަން ޖެހެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތް ފެށެނީ ޔާމީނުންނެވެ. 2018ގައި އެވާހަކަ ބުނެ ދިނީ ޖަމީލެވެ. ޖަމީލު ބުނެދިން ގޮތުން އެ ހިޔާނާތް ހިންގުވި މީހަކީ ޔާމީނެވެ. އަދީބާ ޒިޔަތަކީ އެހިޔާނާތް ހިންގަދޭން ހަވާލުކޮށްފައި ތިބި ޔާމީނުގެ ދެެ މުއައްޒަފުންނެވެ. އެހެން ކަމުން ޔާމީނު ނުވާކުށްވެރިއެއް އަދީބާއި ޒިޔަތެއް ނުވާނެއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީނަށް ކޯޓުން ކުރާ ހުކުން ހަރާމިއްޔާ އަދީބާއި ޒިޔަތަށް ކޯޓުން ކުރާ ހުކުންވެސް ހަރާން ވާނެއެވެ.
ކުށުގެ އަދަބުގައި ތިބޭ މީހުންނަށް ސިޔާސީ ހަރަކާތުގައި ބައިވެރިވުމާ ސިޔާސީ ކަންކަމުގައި ބައިވެރި ކުރުވުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނު ހިނގިއިރު ޔާމީނު ހުރީ އެމްއެމްޕީއާރުސީގެ މައްސަލަގައި ކުށް ސާބިތުވެގެން ކުރި ހުކުމެއްގެ އަދަބުގައި ޖަލުގައެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ ކެންޕޭން ކުރެއްވީ ފުރިހަމަޔަށް ޔާމީނު ބޭނުން ކުރައްވައިގެނެވެ. ބޭނުން ކުރެއްވީ ޔާމީނުގެ ފޮޓޯއެވެ. ވައުދަކީ ޔާމީނު ދޫކޮށްލުމެވެ. އެހެން އެކަން ކުރުމުން ޔާމީނަށް ކޮށްގެން އުޅެނީ ހަރާން ހުކުމެއް ކަމަށް ރައްޔިތުން އޮތީ ކަނޑައަޅާފައެވެ.
ޑރ. މުއިއްޒު ވިއްކެވި ޔާމީނުގެ ފޮޓޯއާއި ޔާމީނު ދޫކޮށް ލުމަށް ވެވަޑައިގެން ވައުދު ރައްޔިތުން ގަބޫލުކުރީ ލޮލުން ބޮލުންނެވެ. ގާނޫނާ ހިލާފަށް ކެންޕޭނުގައި ޔާމީނު ވިއްކެވި ވިއްކެވުން ރައްޔިތުންނަށް އޯކޭވިއެވެ. 30 ސެޕްޓެމްނަރ 2023 ގައި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިޔާނާތެއް ނޫން ކަމަށް ވެސް ކަނޑަ އެޅުނީއެވެ. ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ރައްޔިތުން ނިންމީއެވެ. ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުކޮށް ރައްޔިތުން އަމުރުކުރީ ކޯޓު ހުކުން މުގުރާލާ ޔާމީނު ދޫކޮށްލުމަށެވެ.
ކޯޓު މަރުހަލާތައް ނުނިމޭތީ ޔާމީނު ދޫކޮށް ލުމުގެ އިހުތިޔާރު ނުލިބޭތީ ރައީސް އިބޫއަށް ޔާމީނު ދޫކޮށެއް ނުލެއްވުނެވެ. އިހުތިޔާރު ނެތުމުންނެވެ. އިހުތިޔާރު އޮތީ ދެއްވެން އޮތް އެންމެ ބޮޑު ލުޔެއް އަދަބަށް ދެއްވުމަށެވެ. މުއިއްޒު ހޮވުމާއެކު ރައީސް ސޯލިހު ލިބިއޮތް އިހުތިޔާރުގެ ދަށުން ޔާމީނު ގެއަށް ބަދަލުކޮށް ދެއްވިއެވެ. އިހުތިޔާރު ލިބިގެންވާ އެންމެފުޅާ މިންވަރަށް ލުއި ދެއްވާ ރަށު ބަންދަށްވެސް ޔާމީނު ދޫކޮށްލެއްވީއެވެ. ކޯޓު މަރުހަލާތައް ނިމުމުން ޔާމީނު މިނިވަން ކުރެއްވުމަކީ ޑރ. މުއިއްޒަށް އޮތްކަމެކެވެ. ރައްޔިތުން ޔާމީނު ދޫކޮށްލުން މަތިކޮށްފައި ވަނީވެސް ޑރ. މުއިއްޒާއެވެ.
ޔާމީނު ދޫކޮށްލުމަށްޓަކާ ރައްޔިތުން މުއިއްޒު އިންތިހާބު ކުރި ކުރުމަކީ، އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީނުގެ ހުކުމް ހަރާން ކަމަށް ރައްޔިތުން ކަނޑައެޅި ކަނޑައެޅުމެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިޔާނާތެއް ނޫންކަމަށް ކަނޑައެޅި ކަނޑައެޅުމެކެވެ. އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބާއި ޒިޔަތަށް އަދަބު ދިނުމަކީ އިންސާފެއް ނޫނެވެ.