ވެރިންގެ ރައުސުލްމާލަކީ ރައްޔިތުންގެ އިތުބާރު

ދާއިރު ދާނީ އެހެން މީހަކު ބޭނުން ކުރާން މުކޮސްވެސް ދޫނުކޮށް

ވެރިންގެ ރައުސުލްމާލަކީ ރައްޔިތުންގެ އިތުބާރު

ހަންޑި ގަނޑުވަރު ދޮންކަމަނަ ޑްރާމާ މަތިން ކުއްލިގޮތަކަށް ހަދާން ވިއެވެ. “އަހަރެން ދާއިރު ދާނީ ކުދިންކޮޅުވެސް ގޮވައިގެން، ކަލެއަށް އުނދަގޫ ކުރާކަށް އެއްވެސް ދަރިއަކުވެސް ނުބަހައްޓާނަން” މިވާހަކަ ތަކާއި ދިވެހި ދައުލަތުގެ އުޅުމާއި ގުޅުންތައް ދިމާވާލެއް ބޮޑުކަމުންނެވެ. ދައުލަތުގެ ކުންފުނި ތަކުގެވެސް އަދި ދައުލަތާއި ވަގުތީގޮތުން ހަވާލުވެ ތިބި ވެރީންގެ ވެސް ވިސްނުން ހުރީ ދާދި މިދާކަހަލަ ގޮތަކަށް ކަމަށް ގަބޫލު ކުރެވޭ ފަދަގޮތަކަށް ވުމުންނެވެ.

މަތިން ފެށިގެން ތިރިއަށް ދައުލަތް ލޫޓުވަނީއެވެ. ދައުލަތުގެ ރިޒާވް ހުސްކޮށްލައިފިއެވެ. ދައުލަތުގެ ކުންފުނިތައް ދަރާވިކިއްޖެއެވެ. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ބިންބިމާއި އޮޑިދޯނިފަހަރާއި ފުލެޓުތައް ގަނެ މިލްކިއްޔާތު އިތުރު ކޮށްފިއެވެ. މާދަމާގެ ޖީލުތައް ހަވާލުވާން އޮތީ ބާ ތޮށިގަނޑެކެވެ. 

ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ދައުލަތް އޮތީ ދަރާފައެވެ. އެކަން އެނގި ހުރެ ހަވާލުވަމުން ދެއްކި ވާހަކަތައް އަދިވެސް ރައްޔިތުންގެ ހަނދާނުގައި ހުންނާނެއެވެ. އެހެންނަމަވެސް ކުލަކުލައިގެ ސިގްނަލުތަކުގެ އަވާގައި ރައްޔިތުން ޖައްސާ ވޯޓު ހޯދީއެވެ. ނުފުއްދޭނެހާ ވައުދުތައް ރައްޔިތުންނަށް ވީއެވެ. އެއްވެސް ދިރާސާއެއް ނެތިއެވެ.

ކަނޑުއަޑިން ޓާރމިނަލެއް 300 މީޓަރު އަޑީގައި އަޅާނެ ކަމުގެ ވައުދެވެ. ދިވެހިރާއްޖޭގެ އިގުތިސާދަށް މުޅީން އަލަށް އަހަރަކު 400 މިލިއަންޑޮލަރު ދައުލަތުގެ މާލިއްޔާއަށް އިތުރު ކުރާނެ ވާހަކައެވެ. 1970 ވަނައަހަރުގައި ޑޮލަރު ލިބޭ އަގަށް ޑޮލަރުގެ އަގުތައް ތިރިކުރާނެ ވާހަކައެވެ. ހުޅުމީދޫ ބުރިޖު އަޅާނެ ވާހަކައެވެ. ވެރިކަމަށް ހުވާކުރި ފަހުން ދެއްކި ހުރިހާ ވާހަކައަކަށް އުދައަރާ ގިރައިގެން ދިޔައީއެވެ. 

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ވެރިކަން ކުރަނީ އަމިއްލަ ތަރިކަމުދާތަކަކާއި ހަވާލުވެ އުޅޭ ގޮތަށެވެ. ވިއްޔާ ވިއްޔެވެ. ނުވެއްޖެއްޔާ ލޫޓުވާލާ ދައުލަތުގެ މާލިއްޔާ ތިމާއާއި ތިމާގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ބަހާ ހުސްކުރުމެވެ. ހަނޑި ގަނޑުވަރު ދޮންކަމަނަ ބުނިހެންނެވެ. “އަހަރެން ދާއިރު ދާނީ އެހެން މީހަކު ބޭނުން ކުރާން މުކޮސްވެސް ދޫނުކޮށެވެ.”

މިއަދު ކުއްވެރިންނަކީ ދިވެހިރައްޔިތުންނަށް ހަދައިފިއެވެ. ވީ ވައުދު ތަކަށް އިތުބާރުކޮށް ވެރިކަން ދިނީ ތީއެވެ. ބޭރުގެ އަސްކަރިއްޔާ ބޭރުކުރާނެކަމަށް ވީ ވައުދަށް އެދެވުނީތީއެވެ. ސިއްރު އެގްރީމަންޓްތައް ހާމަކުރާނެ ކަމަށް ވީވައުދުތަކަށް އުންމީދު ކުރެވުނީތީއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދާދޭނެ ކަމަށް ވީވައުދު ފުއްދާނެ ކަމަށް ކުރެވުނު އުންމީދުންނެވެ. ވެރިކަމަށް ގެނެސްދޭން އެންމެ ބޮޑު ގުރުބާނީއެއްވީ މީހުންނަށް އަނިޔާވެރިވާ މީހެއްގެ ކިބައިން ފެންނާނީ އަނިޔާވެރިކަމާއި މަކަރާއި ހީލަތެވެ. ރައްޔިތުންގެ އިތުބާރަކީ ވެރިންގެ މައްޗަށް އޮންނަ އެންމެ ބޮޑު ރައުސުލްމާލެވެ. އެ އިތުބާރުގައި ކޮޅުފައިން ޖަހާމީހަކަށް އާހިރުގައި ލިބޭނީ ނަފުރަތެވެ. މާޔޫސް ކަމާއި ހިތްދަތި ކަމެވެ. ރާއްޖޭގެ އަތޮޅެއްގެ ރަށަކުން ސަރުކާރަށް ވޯޓެއް ހޯދުމަކީ ދަތި އުނދަގުލަކަށް ނޫނީ ނުވާނެއެވެ. ވެރިކަމަކީ އަމާނާތެކެވެ. ރައްޔިތުންނާއި ދެމެދު ވެވޭއަހުދެކެވެ. އަމާނާތަށް ހިޔާނާތްތެރިވާ މީހަކަށް ދެދުނިޔޭގައިވެސް ހެވެއް ނެތެވެ.