އެންމެ ނުރައްކާތެރި 6ރަށް | ހިނގައްޖެ ނަމަ މަރު
އިޖުތިމާއީ އަދި ގުދުރަތީ ސަބަބުތަކާހުރެ އިންސާނުން ދިއުން ރައްކާތެރިއެއް ނޫން
އިޖުތިމާއީ އަދި ގުދުރަތީ އެކި ސަބަބުތަކަށްޓަކައި އިންސާނުން ދިއުން ރައްކާތެރި ނޫން ރަށްތަކެއް އޮވެއެވެ. ނުރައްކާތެރިކަން ބޮޑުކަމުން އެ ރަށްރަށަށް ދިޔުންވެސް އޮންނަނީ މުޅީން މަނާ ކުރެވިފައެވެ.
ނުރައްކާތެރި ދިރުންތަކާއި އިންސާނުން އުޅޭ ދިއުން މަނާކުރެވިފައިވާ ތިން ރަށެއް އޮވެއެވެ. އެ ތިންރަށަކީ:-
- ނޯތު ސެންޓިނެލް އައިލެންޑް (އިންޑިއާ): ދުނިޔޭގެ އެހެން އެއްވެސް ބަޔަކާ ގުޅުން ބޭއްވުމަށް ހަރުކަށިކަމާއެކު އިންކާރުކުރާ "ސެންޓިނެލީޒް" ގަބީލާގެ މީހުން ދިރިއުޅެނީ މިރަށުގައެވެ. ރަށާ 9 ކިލޯމީޓަރަށް ވުރެ ކައިރިވުމަކީ ގާނޫނީ ގޮތުން މަނާ އަދި ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ. ނޯތު ސެންޓިނެލް އައިލެންޑް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަޝްހޫރުވެފައި އޮންނަނީ "މިނިކާ ރާއްޖެ" ގޮތުގައެވެ.
- އީލާ ޑަ ކިއުމާޑާ ގްރާންޑޭ ނުވަތަ "ސްނޭކް އައިލެންޑް" (ބްރެޒިލް): ބްރެޒިލްގެ އައްސޭރިފަށުގައި އޮންނަ މި ކުޑަ ރަށަކީ ދުނިޔޭގެ އެންމެ ވިހަގަދަ ހަރުފަ ކަމަށްވާ "ގޯލްޑަން ލާންސްހެޑް ވައިޕާ" ގިނަ އަދަދަކަށް އުޅޭ ރަށެކެވެ. ހަރުފައިންގެ ރަށަށް އެރުމަކީ ވެސް މުޅިން މަނާކޮށްފައިވާ ކަމެކެވެ.
- ރަމްރީ އައިލެންޑް (މިޔަންމާ): ބޮޑެތި ލޮނުފެނު ކިނބޫތައް އިންތިހާއަށް ގިނަ ރަށެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފިލަން ދިޔަ އެތައް ސަތޭކަ ސިފައިންނަކަށް މި ރަށުގެ ކިނބޫތައް ހަމަލާދީފައިވާ ކަމަށް މަޝްހޫރުވެފައިވެއެވެ. ރަމްރީއަށް ވެސް ގޮސްއުޅުމަކީ މަނާ ކަމެކެވެ.
ތިމާވެށީގެ ނުރައްކާތަކާއި ވިހަ މާއްދާތައް ހުރުމުން ގޮސް އުޅުން ރައްކާތެރި ނޫން ތިން ރަށެއްވެސް އޮވެއެވެ. އެ 3 ރަށަކީ:-
- ބިކިނީ އެޓޯލް (މާޝަލް އައިލެންޑްސް): މިއީ 1946 އާއި 1958 އާ ދެމެދު އެމެރިކާއިން ނިއުކްލިއާ ހަތިޔާރުގެ ގިނަ ޓެސްޓުތަކެއް ކޮށްފައިވާ ސަރަހައްދެކެވެ. ރޭޑިއޭޝަންގެ މިންވަރު މަތިވުމުގެ ސަބަބުން، ދާއިމީކޮށް އިންސާނުން ދިރިއުޅުމަށް މި ރަށް އަދިވެސް ރައްކާތެރިއެއް ނޫނެވެ.
- ގްރޫނާޑް އައިލެންޑް (ސްކޮޓްލޭންޑް): ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބަޔޮލޮޖިކަލް ހަތިޔާރު ޓެސްޓުކުރުމުގެ ސަބަބުން މި ރަށް ވަނީ "އެންތްރެކްސް" ޖަރާސީމުން ތަގައްޔަރުވެފައެވެ. ރަށުގެ މަތީ ފަސްގަނޑު ސާފުކޮށް ރަނގަޅު ކުރެވެންދެން މި ރަށަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ.
- ފަކާރީ ނުވަތަ "ވައިޓް އައިލެންޑް" (ނިއުޒީލޭންޑް): މިއީ އަބަދުވެސް ހަރަކާތްތެރިވާ އަލިފާން ފަރުބަދައެއް އޮންނަ ރަށެކެވެ. ކުއްލިއަކަށް ފަރުބަދަ ގޮވުމާއި، ވިހަ ގޭސް ބޭރުވުމާއި އަދި ހިލަ ފޭބުން ފަދަ ކަންކަމަކީ މި ރަށުގައި އޮތް ބޮޑު ނުރައްކަލެކެވެ.


