ރިސޯޓެއްގައި އަލިފާންރޯވެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެ

ވީވާ ޑޮމިނިކަސް ބީޗް ރިސޯޓުގައި ރޯވި އަލިފާންގަނޑު ނިވާލެވުނީ 5 ގަޑިއިރުން

ރިސޯޓެއްގައި އަލިފާންރޯވެ އަންހެން ފަތުރުވެރިއަކު މަރުވެއްޖެ

ޑޮމިނިކަން ރިޕަބްލިކްގެ ރިސޯޓެއްގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

ލާ އަލްޓަގްރާސިއާ ޕްރޮވިންސްގައި ހުންނަ "ވީވާ ޑޮމިނިކަސް ބީޗް" ރިސޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓަރުންގެ 15 ޔުނިޓަކުން ހަރަކާތްތެރިވި ކަމަށް ޑޮމިނިކަން ރިޕަބްލިކްގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ހާދިސާ ހިނގަން ފެށީ ހުކުރު ދުވަހުގެ ހެނދުނު 11  ޖަހާކަށްހާއިރު ކަމަށާއި، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ފަސް ގަޑިއިރުގެ މަސައްކަތުން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އިޓަލީ ވިލާތަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ފްރާންސެސްކާ ވެލެންޓީނޯ ނަމަކަށް ކިޔާ އަންހެނެއް ކަމަށް ހޮނިހިރު ދުވަހު މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. މީގެ އިތުރުން، ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގާތްގަނޑަކަށް 700 ކޮޓަރި ހިމެނޭ މި ރިސޯޓުގެ މަތިން ބޯ ދުންގަނޑު އަރަމުންދާ މަންޒަރު ފެންނަ އަސަރުގަދަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ޑޮމިނިކަން އޮފިޝަލުން ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ވަގުތު ރިސޯޓުގައި ތިބި 1,700 އެއްހާ ފަތުރުވެރިން ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުގެ އެހެން ހޮޓާތަކަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި 177 ކުޑަކުދިންނާއި 21 ތުއްތު ކުދިން ހިމެނެއެވެ.

ޕުންޓާ ކަނާ އާއި ސަންޓޯ ޑޮމިންގޯއާ ދެމެދުގައި އޮންނަ މި ރިސޯޓަކީ "ވިންޑްހަމް ހޮޓެލްސް އެންޑް ރިސޯޓްސް" އާ ގުޅިގެން ހިންގަމުންދާ ތަނެކެވެ.

ވިންޑްހަމް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ފަޔަރ ޑިޕާޓްމަންޓްތަކާއި އެމަޖެންސީ އޮފިޝަލުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ހޮޓެލް މިހާރު ވަނީ ބަންދުކޮށްފައެވެ.

"ހޮޓެލްގެ ޓީމުތަކުން ވަނީ ފަތުރުވެރިންނާއި މުވައްޒަފުން ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައި. އެހެންނަމަވެސް، އެކަކު މަރުވުމާ ގުޅިގެން އަޅުގަނޑުމެން ނުހަނު ހިތާމަކުރަން. އަދި މަރުވި މީހާގެ އާއިލާއަށް އަޅުގަނޑުމެން ތައުޒިޔާ ފޮނުވަން،" ވިންޑްހަމްގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމްގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ވަކި ގޮތެއް އަންގަންދެން ރިސޯޓު ބަންދުކޮށްފައި އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ޑޮމިނިކަން އޮފިޝަލުން ގެންދަވަނީ އެކަން ތަހުގީގު ކުރައްވަމުންނެވެ.