ޖިންސީ ތުހުމަތެއްގައި ދުނިޔޭގެ ކޯޓްގެ ފަނޑިޔާރަކު ސަސްޕެންޑްކޮށްފި
އައިސީސީގެ ތާރީހުގައި މިއީ ފަނޑިޔާރަކު ސަސްޕެންޑް ކުރެވުނު ފުރަތަމަ ފަހަރު
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ހާންގެ މައްޗަށް ތައުދީބީ ފިޔަވަޅު އެޅުމަށް އެ ކޯޓުގެ ބެލެނިވެރި ފަރާތުން ނިންމުމާ ގުޅިގެން، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފިއެވެ. މިއީ އެ ކޯޓުގެ ތާރީހުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އުމުރުން 56 އަހަރުގެ އިނގިރޭސި ބަރިސްޓަރ، ކަރީމް ހާންގެ މައްޗަށް ކުރެވެނީ އޭނާގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މި މައްސަލައިގައި އޭނާ ވަނީ ތަކުރާރުކޮށް އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
ހާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުގައި ބަހައްޓާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އައި.ސީ.ސީގެ ބެލެނިވެރި މަޖިލީސް ކަމަށްވާ "އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް" (އޭ.އެސް.ޕީ) އިން ބާއްވާ ހާއްސަ ބައްދަލުވުމެއްގައެވެ.
އޭ.އެސް.ޕީގެ ހިންގާ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާން ސަސްޕެންޑްކުރަން ނިންމީ އދ. ގެ އިންޓަރނަލް އޯވަރސައިޓް ސަރވިސަސް (އޯ.އައި.އޯ.އެސް) އިން ކުރިއަށްގެންދިޔަ ތަހުގީގީ ރިޕޯޓަށާއި، ލިބިފައިވާ ހެކިތަކަށާއި، އަދި ގާނޫނީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް، މި ސަސްޕެންޝަނަކީ މި މައްސަލައިގައި ވަކި ގޮތެއް ނިންމުން ނޫން ކަމަށްވެސް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭ.ޕީ) އަށް ލިބިފައިވާ އދ. ގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، ހާންގެ އޮފީހުގައާއި، އޭނާގެ އަމިއްލަ ގޭގައާއި އަދި ރަސްމީ ދަތުރުތަކުގައިވެސް އެ މުވައްޒަފަށް ރުހުމަކާ ނުލައި ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް، މި ހޯދުންތައް ދިރާސާކުރުމަށް ހިންގާ ކޮމިޓީން އައްޔަންކުރި ތިން ފަނޑިޔާރުންގެ ޕެނަލަކުން ލަފާދީފައިވަނީ، މި ތަހުގީގުން ލިބިފައިވާ ހެކިތަކަކީ މައްސަލަ ސާބިތުކުރުމަށް ފުދޭވަރުގެ ހެކިތަކެއް ނޫން ކަމަށެވެ.
މައްސަލައާ ގުޅޭގޮތުން ހާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ، އަންގާރަ ދުވަހު މިކަމާ ގުޅޭ ބަޔާނެއް ނެރޭނެ ކަމަށެވެ.
ތަހުގީގު ނިމެންދެން 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ހާން ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވެފައެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ތާރީހުގައިވެސް މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ހާލަތާ ގުޅޭގޮތުން އަމަލުކުރާނެ އައު އުސޫލުތަކެއް ކަނޑައެޅުމަށް އެ ކޯޓުގެ މެންބަރު ގައުމުތަކުގެ މަޖިލީހަށް (އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް) ވަނީ މަޖުބޫރުވެފައެވެ.
ހާންއާ ދެކޮޅަށް ހުށަހެޅުނު މި ތުހުމަތުތަކުގެ ރިޕޯޓު ކޯޓުގެ މިނިވަން ބެލެނިވެރި ފަރާތަށް ހުށަހަޅާފައިވަނީ މީގެ ދެ އަހަރަށްވުރެ ގިނަ ދުވަސް ކުރިންނެވެ. އޭ.ޕީ އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، ކޯޓުގެ އެހެން ދާއިރާއެއްގައި މަސައްކަތްކުރަމުންދިޔަ އަންހެން މުވައްޒަފަކު ހާންގެ އޮފީހަށް ބަދަލުކުރި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭގެ ފަހުން ހާން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ މުވައްޒަފު ގަވާއިދުން ބައިވެރިކޮށްފައިވާކަން ވިސްލްބްލޯވާ ލިޔެކިޔުންތަކުން އެނގެއެވެ.
ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައުމުން ބޭރަށް ކުރި ދަތުރެއްގައި ހޮޓަލެއްގެ އެނދުގައި އޭނާއާއެކު އަރާމުކުރުމަށް ހާން އެދިވަޑައިގަތުމަށްފަހު، އެ އަންހެން މުވައްޒަފުގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއްގައި އަތްލާފައިވެއެވެ. މީގެ އިތުރުން، އޮފީސް ކޮޓަރީގެ ދޮރު ތަޅުލުމާއި، އެ މުވައްޒަފުގެ ޖީބަށް އަތް ބޭނުން ފަދަ ނުރުހުމުގައި ހިންގާފައިވާ ކަންކަންވެސް އެ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާއާއެކު ޗުއްޓީއަށް ދިއުމަށްވެސް ހާން އެކި ފަހަރުމަތިން އެދިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
ހާން މަގާމުން ވަކިކުރުމުގެ ބާރު އޮތީ ހަމައެކަނި މެންބަރު ގައުމުތަކުގެ މަޖިލީހަށެވެ. އެފަދަ ނިންމުމެއް ނިންމޭނީ 125 މެންބަރު ގައުމުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އޭނާ މަގާމުން ވަކިކުރުމަށް މަދުވެގެން 63 ގައުމެއްގެ ތާއީދު ބޭނުންވާނެއެވެ.
މި މައްސަލައިގައި ބާއްވާ ބައްދަލުވުން ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބާއްވާނެ ކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
ނޮވެންބަރު 2024 ގައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ހާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ އިސް ތިން ލީޑަރަކު ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައެވެ. މި ނިންމުމާ ގުޅިގެން ބައިޑަންގެ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރައީސް ބައިޑަން މި ފިޔަވަޅު ސިފަކުރެއްވީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ.
މީގެ އެއް އަހަރު ކުރިން، ޓްރަމްޕްގެ ސަރުކާރުން ވަނީ އައި.ސީ.ސީ ގެ ހަތަރު ފަނޑިޔާރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިއީ ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރާއި، އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ހިންގާފައިވާ އަމަލުތަކާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުންތަކަކީ ސިޔާސީ ނުފޫޒު ވަދެފައިވާ އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުންކަމަށް ބުނެ އެޅި ފިޔަވަޅެކެވެ.


