ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ވައިގެ ހަމަލާތަކެއް

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ފަހުން ދިން ފުރަތަމަ ވައިގެ ހަމަލާ

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ވައިގެ ހަމަލާތަކެއް
ފޮޓޯ: އިޒްރޭލްގެ ހަމަލާގައި ލެބަނަން

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ބައިރޫތުގެ އަވަށްތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިމަހުގެ ކުރީކޮޅު އިސްރާއީލާއި ލެބަނަންއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ފަހުން، ފުރަތަމަ ފަހަރަށް އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން އާދީއްތަ ދުވަހު ލެބަނަންގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުއްލާގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ދާހިޔާ އަށެވެ. މި ހަމަލާތަކާއެކު އެ ސަރަހައްދުން ބޯ ދުންތައް އަރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ހަމަލާތަކަކީ ހިޒްބުއްލާގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، މި އަސްކަރީ އޮޕަރޭޝަނަކީ އެދުވަހުގެ ކުރީކޮޅު ލެބަނަންގެ ފަރާތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ފޮނުވާލި ރޮކެޓް ހަމަލާތަކަށް ދިން ރައްދެކެވެ.

މި ވައިގެ ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކަށްފަހު، ޖޫން މަހުގެ 3 ވަނަ ދުވަހު އިސްރާއީލާއި ލެބަނަންއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި އޮއްވައެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހުގެ ކުރީކޮޅު އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ދާހިޔާ ސަރަހައްދަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ގޮވާލާފައެވެ.

މާރިޗު މަހުން ފެށިގެން ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ލެބަނަންގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3،550 އަށްވުރެ ގިނަ މީހުން މަރުވެ، 10،800 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.