އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެ!
މިއުޅެނީ ވިޔާނުދާ އަމަލުތަކެއް ހިންގި ކަމަށް ބުނާ އަންހެނަކު ދިފާއު ކުރާކަށް ނޫނެވެ. އޭނާ ކުރިކަމަށް ބުނާ ކަންކަން ރަގަޅީކީ ވެސް ނޫނެވެ. ކަންބޮޑުވެގެން މިއުޅެނީ ނާއިންސާފުން މީހަކަށް ހައްގު ނޫން އަދަބެއް ދައުލަތުގެ ބާރު ބޭނުން ކޮށްގެން ދޭން ނިންމާ ހުކުމް ލިޔުނު ކަމަށް ބުނާތީއެވެ. “ހައްދު ޖަހާނަން، ޖަލަށް ވެސް ލާނަން” މި ބަސްތައް ތަކުރާރުކޮށް ތުންތުން މަތިން އިވޭތީއެވެ. މިހާވަރަށް ކަންބޮޑުވުން ފާޅުކުރަނީ ކުރީންވެސް ރައީސް އޮފީސް ތެރޭގައި ހިނގާ ދިޔަ ޖިންސީ ފުރައްސާރައެއްގެ މައްސަލައެއް ނުބަލާ ދައުލަތުގެ ބާރުވެރިންތަކެއް ނުފޫޒުން މައްސަލަ އޮއްބާލިގޮތަށް މިފަހަރުގެ މައްސަލަވެސް އޮއްބާލަފާނެތީއެވެ.
ކުރިއަށްދާ އެލްސޯފާ ތަހުގީގުގައިވެސް ރައީސް މުއިއްޒަށް ހުތުރުވާނެ އެއްވެސް ވާހަކައެއް ދެއްކުން މަނާ ކޮށްފައިކަން ވަކީލުންގެ ބަހުން ދޭހަވެއެވެ. ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތުން އެކަން މާރަނގަޅަށް ވެސް ސާފުވެއެވެ. ދައުލަތުން ބޭނުންވާނެ މިންވަރަށް ބަޔާން ނަގާ މައްސަލަ އަވަސް އަރުވާލާފައި ކޯޓަށް ފޮނުވާ ފާސްޓް ޓްރެކްގައި މައްސަލައިގެ ހުކުމް ޖެހުމަކީ ދައުލަތުގެ ރޭވުންކަމަށް ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު ބުނަންހެއްޔެވެ. އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެއެވެ.
މުޅި މައްސަލަ އޮތްގޮތުން މި ހާލަތު ކޮންޓްރޯލް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ސިޔާސީ ނުފޫޒެއް އިދިކޮޅުން މިކަމުގެ ތެރެއަށް ވެއްދުމެވެ. އެކަމުގައި އަންހެން ކުއްޖާ ވަކި ރަގަޅީއެއް ނޫނެވެ. ގޯހެވެ. ހާމަ ކުރަން ނުޖެހޭ ޒާތުގެ ވާހަކަތައް ގިނައެވެ. އެހެނަސް ހާމަ ނުކުރިނަމަ އަދި މާގޯސް ވީހެވެ.
ފާޅުކަން ބޮޑު ގޮތެއްގައި އެ ވާހަކަތައް ނުދެއްކި ނަމަ އެ އަންހެން ކުއްޖާ މިހާރު އިންނާނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. ޝިކާރަވެރިޔާ ހުންނާނީ ދައުލަތުގެ ހިމާޔަތުގައެވެ. މި ހާލަތުގައި އަންހެން ކުއްޖާއަށް ރައްކައު ތެރިކަން ނުދީފިނަމަ އެ ކުއްޖާގެ އާއިލާއިން އެ ކުއްޖާ ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ބަލަން ޖެހެއެވެ.
ބާރުހުރި މަގާމުތަކާއި ގައުމުތަކުގެ ވެރިކަމުގައި ތިބޭ މީސްމީހުން ހިންގާ ޖަރީމާތަޢް އެނގޭ މީހުންނާއި އެކަންކަމުގައި ބައިވެރިވާ މީހުން އެކަންކަން ސިއްރުކޮށްގެން ތިއްބާ ވާނުވާ ނޭނގި ގެއްލުމާއި މަރުވުމަކީ މަދެއްކޮށް ހިނގާފައި ހުރި ކަންކަމެއް ނޫނެވެ. ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުމަކީ ރާއްޖޭގައިވެސް ނުހިނގާ ކަންކަމެއް ނޫނެވެ. ކިތަންމެ ގަލެއް ފޮރޮޅިޔަސް އެކަންކަމުގެ ހަގީގަތެއް ނުހޯދެއެވެ.
ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރިޔާސީ ގަނޑުވަރުގައި ސްޓޭޓް މިނިސްޓަރކަން ދެއްވައިގެން މާ އިތުބާރު ކުރައްވާ ކަނބަލަކު ގެންގުޅުއްވިއެވެ، ދުވަސްކޮޅަކުން ފެނުނީ އެ ކަމަނާ ރިޔާސީ ގަނޑުވަރުން ވަކިކުރައްވާ ވުޒާރާއަކަށް ބަދަލުކުރެއްވި ތަނެވެ. ގިނަ ދުވަސްތަކެއް ނުވެ ފެނިގެން ދިޔައީ ރަޢީސާ ގާތްވާން ސިހުރު ހެދުމުގެ ކުށުގައި އެއްކަލަ ސްޓޭޓް މިނިސްޓަރ ކަމަނާ ޖަލުގައި ހައްޔަރުކުރެވުނު ތަނެވެ. ތުއްތު ދަރިފުޅަށް ބުއްދޭންވެސް ފުރުސަތު ނުދޭވަރުގެ ނުރައްކާތެރި ކުށްވެރިއަކަށް ހެދިތަނެވެ. އާހިރުގައި އެކަން ވެސް ނިމިގެން ދިޔައީ ވާރު އޮޑިންނެވެ.
އެލްސޯފާ މައްސަލަ ފާޅުކޮށް ހާމަކުރުމުން ނޫނީ ރައްކާތެރިކަމެއް ނެތްކަން ޔަގީންވުމުން އަކުރުން އަކުރަން ހާމަކުރުން ނޫންގޮތެއް ހަގީގަތުގައިވެސް ނުއޮންނާނެއެވެ. އައްޔާޝީ ވެރިއެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނަކަސް ފިރިހެނަކަސް ކިރިޔާވެސް ސަލާމަތެއް އޮންނާނީ އެކަމެއް ހިނގިގޮތަކަށް ތެދުބަހުން އާއްމުކުރުމެވެ. "ނޯ ޗޮއިސް" ގައި އެއީ އެކަން ކުރަންޖެހޭ ގޮތެވެ. ހުޅުވާލެވިފައިވާ އަދުލުވެރި ތަހުގީގެއް ހިންގާ ވެރިންނާ ދެކޮޅަށް އިންސާފެއް ނުލިބޭނެއެވެ. އެކަމަކު ހައްގަކީ ހަމައެކަނި ބާރުގައި ތިބޭ ބައަކަށް އޮތް އެއްޗެއް ނޫނެވެ. ތަފާތުކުރުމެއް ނެތި ނިކަމެތިންނަށް ފޯރުވާ ނުދެވޭ ހައްގެއްގެ ބޭނުމެއް ނެތެވެ.


