މުއިއްޒު ބަލިކަށިވަރު އެނގުނީހީ އެމްޑިޕީ ބައިބައި ނުވާނަމަ: އައްބާސް

މުއިއްޒު ބަލިކަށިވަރު އެނގުނީހީ އެމްޑިޕީ ބައިބައި ނުވާނަމަ:  އައްބާސް

ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާ މިންވަރު އެނގުނީހީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ގެ ތެރޭގައި ބައިބައިވުން ނެތްނަމަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެންބަރު އައްބާސް ވިދާޅުވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ފެނިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކު ނޮޅާ ކަމުންދާ ބޮޑު މަންޒަރު ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރަންޖެހުނު މުހިންމު ވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާ ނުކުރެވޭކަމަށް އައްބާސް ވިދާޅުވެއެވެ. 

ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތަކެއް ހައްގުތަކެއް ގެއްލި ދައުލަތުގެ ތިންބާރު އެކުވެ ގައުމެއްގެ ސިފަ ގެއްލިގެން ރާއްޖޭން ދާކަމަށް މެންބަރު އައްބާސް ވިދާޅުވެއެވެ. 

ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ވެރިން ވިސްނާ ފިކުރު ކުރާކަށް ނުވޭތޯ އައްބާސް ވަނީ ސުވާލު ކުރައްވާފައެވެ.

އައްބާސް އައްސަވަނީ "މި ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ރައީސް އޮފީހިގެ ހުރުމަތް ކަޑާލާ، ޒިނޭގެ ތުހުމަތު ކުރެވުނު ޒަމާނެއް ދިވެހިން ދުށީމުތޯ" އެވެ. 

މެންބަރު އައްބާސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރޭގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.