ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒެއްނެތި މިނިވަން ވާންޖެހޭ: ރައީސް ސޯލިހު

ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒެއްނެތި މިނިވަން ވާންޖެހޭ: ރައީސް ސޯލިހު

ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ފެންނަމުންދާ މަންޒަރުތަކުން އެކަން އެގޮތަށް ކުރިއަށްދާ ކަމަކަށް ނުބެލެވޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު އެ މޭރުމުން ވާހަކަ ދެއްކެވީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލާ ފާސްކުރަން ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވާ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަން ފުލުހުން ވަދެފައިވަނީ " އައިޝާ " ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅޭ ހެކި ހޯދުމަށް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަދަދު ނޫހުން ރިޕޯޓް ކުރެއެވެ. 

ނޫސްވެރިންނާއި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން އެކަން ސިފަކުރަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްތަކަށް ބިރުދެއްކުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ. އަދަދު ނޫހަކީ ސަރުކާރުގެ އެކި ނިންމުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމުގެ ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެކެވެ.