ސަރުކާރުން ސްޕޮންސަރ ލިބެންޏާ މިނިވަންކަން ނެތަސް މީޑިއާ އޮންނާނީ ހަނު

ސަރުކާރުން ސްޕޮންސަރ ލިބެންޏާ މިނިވަންކަން ނެތަސް މީޑިއާ އޮންނާނީ ހަނު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރާއްޖޭގެ ގިނަ ނޫސްތައް އޮތީހަނެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ކިތަންމެ ދަށުގައި ރާއްޖެ އޮތަސް ހިރުވާތަން ކަހާލަންވެސް ގިނަ ނޫސްތައް ތިބީ ބިރުންނެވެ. ގިނަ ނޫސްތަކުން ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ ނުދައްކާ ތިބީ ހައްގުތައް ކަށަވަރުވެ އިތުރުވެފައި އޮވެގެން ހެއްޔެވެ. ނޫނީ ސްޕޮންސަރތައް ކަނޑާލަފާނެ ކަމަށް ގެންފައި ތިބި ބިރެއްގެ ސަބަބުން ހެއްޔެވެ.

ހަގީގީ ނޫސްވެރިކަމަކީ ސަރުކާރުގެ ވެރިންނާ އިދާރާތަކުން އާއްމުކުރަން ބޭނުންވާ ވާހަކައެއް ސަރުކާރުން ބޭނުންވާގޮތަށް ގެނެސް ދިނުން ހެއްޔެވެ. ސަރުކާރާ ވެރިންގެ އައިބުތައް ފޮރުވާ ފަސްއަޅާ ފޮޮޮރުވާ ދިނުން ހެއްޔެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ރުއްސަން މަސައްކަތް ކުރުންހެއްޔެވެ. 

ގާނޫނު އަސާސީ ލިބިދޭ މިނިވަންކަމުގެ ހައްގު އޭގެ އެންމެ ފުޅާމިނުގައި ކޮންމެ މީޑިއާއަކަށްމެ ބޭނުން ކުރެވެން ޖެހެއެވެ. ސަރުކާރުގެ މޫނުމަތި ރީތިކޮށް ސަރުކާރު ދިފާއުކުރުން މީޑިއާއެއްގެ އެޑިޓޯރިލް ޕޮލިސީއެއްކަމުގައި ބަލާ މީޑިއާތަކުން ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމުގެ ތެރޭގައި އިމެއްނެތި އެކަން ކުރަންވީއެވެ. ހަމަ އެގޮތަށް ސަރުކާރަށް ފާރަވެރިވުން އެޑިޓޯރިއަލް ޕޮލިސީގައި ހިމަނައިގެން މަސައްކަތްކުރާ މީޑިއާތަކަށް ހިފެހެއްޓުމެއްނެތި އެފުރުސަތު ވެސް އޮންނަން ޖެހޭނެއެވެ. 

ރާއްޖޭގައި ނެތިގެން އުޅުނީ އެފުރުސަތެވެ. ސަރުކާރަށް ފާރަވެރިވާ އެއްވެސް މީޑިއާއަކުން މީހެއްގެ އަބުރާ ބެހެން ބޭނުން ވެގެނެއް ނޫޅެއެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރާކަށްވެސް ނޫޅެއެވެ. ދޮގު ވާހަކަ ފަތުރައިގެން މީޑިއާއަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކުރާކަށް ވެސް ނޫޅެއެވެ. 

ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި މީހުންގެ އަމަލުތަކަށް ފާރަވެރިވުމަކީ ގައުމީ ސަލާމަތާއި އާއްމު މަސްލަހަތަށްޓަކާ ޒިންމަދާރު ކަމާއެކު މީޑިއާތަކުން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން ދޮގުކުރާހާ ކަމަކީ ތެދު ނޫންކަން ދުނިޔެ ތަޖުރިބާކޮށްފައިވެއެވެ. މަގާމުގެ ނާޖާއިޒު ފައިދާ ނުނަގާ ނަމަ އެންޓިކޮރަޕްޝަން ކޮމިޝަނެއް ހަދައިގެން ދައުލަތުން އެކަމަށް ހަރަދުކުރުމުގެ މާނައެއް ނެތެވެ. ވަގުން ވައްކަން ކުރަމުން ކުރާވައްކަމަށް އެއްބަސް ވޭހެއްޔެވެ. ނުވެއެވެ. 

ޒިންމަދާރު ނޫސްވެރިކަމަކީ ދައުލަތުގެ ކަންކަން ގޯހުން ގޯހަށް ދިޔުމުގެކުރީ ފާރަވެރިވެ ރައްޔިތުންނާ ހަމަޔަށް ތިލަކުރުމެވެ. ސިއްރިޔާތުގައި ވެރިން ހިންގާ ހުރިހާ ބާވަތެއްގެ ޖަރީމާގެ ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. މީހަކު ރައްޔިތުންގެ ކަމަކާ ހަވާލުވުމުން އެ މީހެއްގެ އަމަލުތަކަށް ރައްޔިތުން ފާރަވެރިވާނެއެވެ. 

ހަނދާނަށް ގެންނާށެވެ. ރާއްޖޭގައި ފެންމަތިވި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަވެސް ފަޅާއަރުވާލީ ނޫސްވެރިންނެވެ. އޭރު އޮތް ސަރުކާރުން އެ ވާހަކަ ދޮގުކުރިއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްވެސް ބޭންކް މެނޭޖަރެއްގެ އެހީގައި ފަޅާ އަރުވާލީ ނޫސްވެރިންނެވެ. މައުލޫމާތު ފޯރުކޮށްދިން ބޭންކް މެނޭޖަރ ޖަލަށްލާ އެވާހަކަތައް އޭރުއޮތް ސަރުކާރުން ދޮގުކުރިއެވެ. އާހިރުގައި އެމްއެމްޕީއާރުސީ ހިޔާނާތްވަރުގެ ބޮޑު ހިޔާނާތެއް ތާރީހުގައިވެސް ހިނގިކަމަކަށް ނުވެއެވެ.

ސަރުކާރުތަކުން ދޮގުކޮށް ފޮރުވަން އުޅޭ ކޮންމެ ކަމެއް އޮންނަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ބޮޑު ނުރައްކާތެރި ކަމަކަށް ވެފައެވެ. ސަރުކާރު ހިންގަން ތިބޭ މީހުން ގައުމީ ސަލާމަތޭ އަބުރޭ ދޮގެކޭ ކިޔައިގެން ފޮރުވަންއުޅޭ ކޮންމެ ކަމެއްގެ ފަހަތުގައި ބިޔަ ބޮޑު ޖަރީމާއެއް އޮންނަކަމީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.

ސަރުކާރަށް ފާރަވެރިވާ މީޑިއާތައް ދެކެ އެހާ ބިރެއް ގަންނަނީ އެހެން ވެގެންނެވެ. ކޮންޓްރޯލް ކޮމިޝަން ހަދައިގެން މީޑިއާތައް އޮބި އަޅުވަން އުޅެނީ ކުރާ ވައްކަމާއި ވާ ހިޔާނާތާއި ހިންގާ ފާހިޝް ކަންކަން ފޮރުވޭނެ ކަމަށެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ.