އަނާރާއަށް: ކުރިންވެސް ފަސްއަހަރު ދުއްވާލީ ދީން ވިއްކުމުގާ!

ގެރިހަން ލައިގެން އޮތަސް މިނިކާވަގަކު ވާނީ މިނިކާ ވަގަކަށް

އަނާރާއަށް: ކުރިންވެސް ފަސްއަހަރު ދުއްވާލީ ދީން ވިއްކުމުގާ!

ނަމުގެ ކުރީގައި ޑރ. ޖެހެނިކޮށް ނިމުނީއެވެ. ތަނެއްގައި ގޮނޑިއެއް ހުރިއްޔާ ކުރިމަތިލާން ވާނެއެވެ. ނަމުކުރީ އޮންނަ ދެއަކުރަކަށްޓަކާ އެންމެން ނިކުމެ ގޮނޑީގައި ވަޑުވާނޭ ހީވަނީތާއެވެ. ދީން ވިއްކައިގެން އަނާރާމެންނަށް ރަނގަޅަށް ލާރި ހަދާލެވޭން އޮތީ މަޖިލީހުންނެވެ. އަނާރާއެވެ. ލާރި ހަދާލަން މަޖިލީހަށް ކުރިމަތިލާންވީ ފިރމީހާއާއި އަނަރާއާއި އެކަންޏެއްވެސް ނޫނެވެ. ހުރިއްޔާ ހުރި ދަރިއަކުވެސް ވާނީ ކުރިމަތި ލައްވާށެވެ.

ހުރާ، ހިންމަފުށި، ގުޅިއަށް އަނާރާއެވެ. މަކުނުދޫ ގޮނޑިއަށް އަނާރާގެ ފިރިމީހާއެވެ. ދަރިއަކު ހުރީވިއްޔާ ޗާގޯހުން ގޮނޑިއަކަށް ނަމަވެސް ނުލައްވައެއް ނުވާނެއެވެ. މެންބަރުކަމުގައި ހުރި ފޮނި މީރުކަން އެއްފަހަރު އަނާރާއަށް ވަނީ ފެނިފައިވިއްޔާއެވެ. އަނާރާމެން ފައިސާއަށް ދީން ވިއްކާހެން ފައިސާއަށް ހަށިވިއްކާ މީހުންވެސް އުޅެނީތާއެވެ.

އަނާރާގެ ދެމަފިރިން ދެދާއިރައަކުން މަޖިލިސް ގޮނޑިއަށް ނިކުންނަނީ އަނާރާ ބޮލުގައި އަޅައިގެން އުޅޭ ދަންނަކަމުގެ ތާކިހާ ދައއްކައިގެންނެވެ. އަނބި މީހާ ޑޮކްޓަރަކަށް ވިއްޔާ ފިރިމީހާ ވާނީ އަދި މާބޮޑު ޑަކްޓަރަކަށް ތާއެވެ. 

ދެމަފިރިން ދެ ދާއިރާއެއް މަޖިލީހުގައި ތަމްސީލު ކުރުމަކީ މައްސަލައެއް ނޫނެވެ. ހިސާންގެ ދެމަފިރިންނާއި ރޮޒޭނާގެ ދެމަފިރިން މިހާރުވެސް މަޖިލީހުގައި އެބަތިއްބެވެ. އެ މީހުންނަކު އެތާ ތިބެގެން ދީން ބޮލަށް ލައިގެން ދީން ވިއްކައެއް ނޫޅެއެވެ. އެއާއި ހިލާފަށް އަނާރާ ނިކުމެ މަޖިލީހަށް ހޮވެން އުޅެނީ ދީނާއި ޖިންސް ވިއްކައިގެންނެވެ. މަޖިލީހަށް ހޮވުނަސް ވިއްކާނީ ދީނެވެ. 

އަނާރާ އެހުރީ ހުރާ، ހިންމަފުށި، ގުޅީ މެންބަރަށް ވާން ޕީއެންސީ ޓިކެޓަށް ތެޔޮލައިގެންނެވެ. ދާއިރާގެ މީހަކަށް އަނާރާއަކީ ކާކުކަން ނޭގުނަސް ޕީއެންސީ ޓިކެޓްގައި އެތަނަށް ނިކުތީމާ އަނާރާ އިންނާނީ ގޮޑީގައޭ ހީވާ ކަހަލައެވެ. ޕީއެޗްޑީ އޮތް މާ ނަންހުރި ދީނީ އިލްމުވެރިއެއް ވީމާ ޕީއެންސީ ޓިކެޓް އަނާރާގެ އުނގަށް ވަންނާނީ ލޮނދި ހިކައެއް ހެންނެވެ. 

ވާނީ އެހެންތާއެއް ޑރ. މުއިއްޒަކީ މީހަކު ދަންނަ މީހެއް ނޫނެވެ. މުއިއްޒަކަށް ވެސް މީހަކު އެނގެނީއެއް ނޫނެވެ. ހުރާ ހިންމަފުށި ގުރައިދޫން ރިޔާސީ އިންތިހާބުގައި މާގިނައިން ވޯޓް ލިބުމުން މުއިއްޒަށް މުއިއްޒު އޮޅުނަސް އެ ރަށްރަށު މީހުނަށް އެ މީހުނެއް ނޯޅެއެވެ. ރައީސް ޔާމީނު ފޮޓޯއާއި ހުސްގޮނޑި ދެއްކީމާ މުއިއްޒަށް ދިން ވޯޓަކީ ރައީސް ޔާމީނަށް އެ މީހުން ދިން ވޯޓެކެވެ. އެހެނެކޭ ކިޔާ މުއިއްޒު ދައްކާހާ މީހަކަށް އެ މީހުން ތިބީކީ ވޯޓު ދޭގޮތަކަށް ނޫނެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް މުއިއްޒު އަރާއިރަށް މަޖިލީހަށްޓަކައި ވެރިކަމަށް ބައިއަތު ހިފި ދީން ވިއްކާ އަނާރާއަށް އެމީހުން ވޯޓް ދޭކަށް ނެތެވެ. 

ދީނީ އިލްމު ވެރިއަކަށްވެ ހުރި މީހަކު އަމްދުން އަންހެނަކު ނުކުރާވަރުގެ ކަންކަން މަޖިލީހުގައި އިނދެ އަނާރާ ވަނީ ކޮށްފައެވެ. ދައްކަން ވެއްޖެއްޔާ ދައްކާލާނެ ލައްކަ ވާހަކަ އެބަހުއްޓެވެ. ގެރިހަން ލައިގެން އޮތަސް މިނިކާ ވަގަކު ވާނީ މިނިކާ ވަގަކަށް ކަން އެންމެނަށް ވެސް އެގެންވާނެ ތާއެވެ. 

ގާނޫނެއް ނެތި މާކުރީގެ ގަވައިދަކުން ބާރުލިބިގެން ރާއްޖޭގެ ކޯޓުތަކުން ރިބާ ނަގާދޭތީ އެކަން ހުއްޓުވަން މަޖިލީހުގެ ތެރެއިން މަސައްކަތެއް ކޮށްދޭން އެ އަނިޔާ ލިބެމުން ދިޔަ މީހަކު އަނާރާ ގާތު އެދި އާދޭސް ކުރިއެވެ. ދީނަށްޓަކާ މަޖިލީހުގައި އިންނެވި ދަންނަބޭކަނބަލާ އެކަމާ އަޅާކަހާވެސް ނުލާ އިނދެ ފަސް އަހަރުގެ ދައުރެއް ހުސްކޮށްލީ ދީން ވިއްކައިގެން ކެއުމުގައެވެ.

ރައީސް ޔާމީނު ވެރިކަމުގައި ފާސްކުރި ފާފުއަތޮޅު ވިއްކާ ބިލަށް މަކުނުދޫ ދާއިރާގެ މެންބަރު ގޮތުގައި އިނދެ ވޯޓު ނުދޭން އަނާރާ ފޫކަހާލިއެވެ. އަޑަށް ބާރުލާފައި ދެއްކީ ދީނާ ގައުމުގެ ހައްގުގައި އެ ބިލަށް ވޯޓް ދެވެން ނެތް ވާހަކައެވެ. ފާފު ވިއްކުމުގެ ބިލް ފާސްކުރުމަށްވުރެ މުހިންމު އެހެން ކަމެއް އޭރު ސަރުކާރަކަށް ނެތެވެ. އެ ދަނޑިވަޅު ބެއަށް މަސް ހަދާލަން އަނާރާ ބޭނުން ކުރީ ދީނާ ގައުމެވެ. ދެނަކާ ދެނެއްނެތެވެ. ސަރުކާރުގެ ވަފުދުތައް އަނާރާ ފަހަތުން ހިނގާލަ ހިގާލާ ތިއްބެވެ.

އެންމެ ފަހުން އަނާރާގެ ފިރިކަލުންނާ އަދީބު ބްރޯ ބައްދަލުކޮށް އަނާރާގެ ވޯޓް ލިބެން ޖެހޭކަމަށް ބުނެ އަތަށް ހެޔޮވަރުގެ ބިޔަ ދެކޮތަޅުގެ ފައިސާ ހަދިޔާއަކަށް ދިނެވެ. އޭގެފަހުން ރެއަކަށް އިރު އޮއްސިފަ އަލިވިލިނުއިރު އިސްތިހާރާ ކޮށްގެން ވެސް ފާފުވިއްކާ ބިލަށް ވޯޓު ދިނުމަށް ވުރެ މޮޅު އެހެން ގޮތެއް އަނާރާއަށް ނެތިއްޖެއެވެ.