އޭސީސީން 35 އަހަރު ކުރިކަމަކީ ގުޅިގެން މުޅި ގައުމު ކޮރަޕްޓްކޮށްލުން

އޭސީސީން 35 އަހަރު ކުރިކަމަކީ ގުޅިގެން މުޅި ގައުމު ކޮރަޕްޓްކޮށްލުން

ކޮރަޕްޝަން ހުއްޓުވަން މުއައްސަސާއެއް އުފައްދައިގެން ދައުލަތުން އެތައް މިލިޔަން ރުފިޔާ ހަރަދު ކުރާތާ 35 އަަހަރުވެއްޖެއެވެ. އަހަރުން އަހަރަށް ދައުލަތުން ކޮރަޕްޝަން ހުއްޓުވަން ކުރާ ހޭދަ ވަނީ ބޮޑެވެ. ހިނގަމުންދާ 2026 ވަނަ އަހަރަށްވެސް ދައުލަތުގެ ބަޖެޓުން ސީދާ އޭސީސީއަށް 48.7 މިލިޔަން ރުފިޔާ ހޭދަކުރާނެއެވެ. އޭގެ އިތުރަށް ނުސީދާގޮތުން ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި އެތައް ފައިސާއެއް ދައުލަތުން ހަރަދުވާނެއެވެ. 

ކޮރަޕްޝަން ނައްތާލުމަށް 35 އަހަރު ތެރޭގައި އެތައް ބިލިޔަނެއް ހަރަދުވެގެން ދިޔައިރު އޭގެ ނަތީޖާއަކީ ކޮރަޕްޝަން ފުޅާވެ މޫލާ ފެތުރުން ކަމުގައި ވުމުން ކަރަޕްޝަން ނައްތާލުމުގެ ނަމުގައި ކުރާ ހޭދައަކީ ވެސް ކޮރަޕްޝަނަށް ވެއްޖެއެވެ. އެންޓިކޮރަޕްޝަން ކަމިޝަން ފެށުނު އިރު ކޮރަޕްޝަނުގެ ގޮތުގައި ބެލުނީ ޓިނު ބުރިއެއް ދަވާދު ދަޅެއް ސިމެންތި ކޮތަޅެއްގެ މައްސަލަ ކަހަލަ ވަރަށް ކުދިކުދި ކަންކަމެވެ. އެވަރު ކަންކަމާހުރެ މީހުންގެ ވަޒީފާ ގެއްލި އަރުވާލާ ހަދާފައި އެބަހުއްޓެވެ. 

އެންޓި ކޮރަޕްޝަން ކަމިޝަނަށް ގިނަ ދުވަސް ވީވީހެން ހުށަހެލޭ މައްސަލަ ގިނަވެ މައްސަލަ ބޮޑެތިވަމުން ދިޔައެވެ. ދައުލަތައް އެތައް މިލިޔަނުގެ ގެއްލުން ތަހައްމަލު ކުރަންޖެހުނު މައްސަލަތައް އޮތެވެ. ބިލިޔަނުން ދައުލަތަށް ލިބެންޖެހޭ ޑޮލަރުގެ މައްސަލަތައް ހުށަހެޅިފައިވެއެވެ. ނަމަވެސް ދައުލަތަށް ގެއްލޭ ފައިސާގެ މަދު މިންވަރެއްވެސް ހޯދާ ނުދެވެއެވެ. ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ދުވަހުން ދުވަހަށް ގިނަވެ ދަނީ ސައިޒުން ބޮޑެތިވަމުންނެވެ. އެންޓި ކޮރަޕްޝަން ކަމިޝަނަށް ކޮރަޕްޝަން ނައްތާލުމުގައި ވާކަމެއް ހަރާމުން ހަރާމެވެ. 

އެންޓި ކޮރަޕްޝަނުން ކުރާހާ ކަމަކަށްވެފައި އޮންނަނީ ކޮރަޕްޝަނަށް ހޭލުންތެރި ކުރުމުގެ ނަމުގައި ވޯކްޝޮޕް ހިންގުމާއި ދުވަސް ފާހަގަކޮށް ބައި އަޅައިގެން އެކަމުގައިވެސް ކޮރަޕްޝަން ހިންގައިގެން ބަޔަކު މުއްސަދިކުރުމެވެ. ކޮރަޕްޝަނުގެ ތެރެއިން އެކި ނަންނަމުގައި ޓްރޭނިންގ ޕްރޮގްރާމް ހިންގުމާ ދަތުރު ކުރުމެވެ.  

އެންޓި ކޮރަޕްޝަން ކަމިޝަނަކީ އެއިރަކު އޮންނަ ސަރުކާރުން ކޮރަޕްޝަން ހިންގާއިރު އެކަން ހިންގުމަށް ފާރަވެރިވާން އޮންނަ ތަނަކަށް ވަނީ ވެފައެވެ. އެންޓި ކޮރަޕްޝަން ކަމިޝަނުގެ މެންބަރުންނަކީ ދައުލަތުން ބޮޑު މުސާރައާޢި އިނާޔަތާއި ލުއިއްތައް ހޯދައިގެން ސަރުކާރުން ބޭނުންވާ ބަޔަކު ފުރޭމްކޮށްދޭން އޮންނަ ކޮމިޝަނަކަށް ވަނީ ބަދަލުވެފައެވެ. 35 ފަސް އަހަރުން ކުރެވުނުހާވެސް ކަމަކީ ރައްޔިތުންނާއި މުލި ދައުލަތް ކޮރަޕްޓްކޮށްލުމެވެ.