ރައީސް އިތުރުފުޅެއް ނުހައްދަވާ - ރައްޔިތުން ދޮގުހަދަނީ!
އަޅުގަނޑުމެންގެ ރައީސް ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. ރައްޔިތުން ދޮގުހަދަނީއެވެ.
ހަނދާނަށް އަންނަނީ 2023 ވަނައަހަރުގެ ފުރަތަމަ ދެތިންމަހެވެ. ރައްޔިތުންނަށްޓަކާއި ޖާނުން ފިދާވާނެ ކަމަށް ވައުދު ވިއެވެ. ގައުމަށްޓަކާއި ޖިހާދު ކުރާނެކަމަށް ވައުދު ވިއެވެ. އިސްލާމް ދީނަށް ޓަކައި ގުރުބާން ވާނެ ކަމަށް ވައުދު ވިއެވެ. ވަރަށްވެސް ނަލަ ފަށުވި އިބާރާތުން މޫނުގެ އޮމާންކަން ދަމަހައްޓަމުން ވެރިކަމަށް ހޮވަން ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބުތަކެއްގެ ގޮވެލި ތަކެއްގެ އަޑުތައް މުޅި ގައުމުގައި ގުގުމާލިއެވެ.
ލޯބިވާ ރައީސް ޔާމީނާއި ދޭތެރޭގައި ސަރުކާރުން ގެންގުޅޭ އަނިޔާވެރިކަމެއްގެ ވާހަކައެވެ. ނުހައްގުން ޖަލުގައި ގެންގުޅޭ ވާހަކައެވެ. ސިޔާސީ ދައުވާ އެއްގައި ސިޔާސީ މައިދާނުން އެކަހެރި ކުރި ވާހަކައެވެ. ހުސް ގޮނޑިއަކާއި ފޮޓޯ ގަނޑަކާއި “ދިވެހީންގެރާއްޖެ” ނަމުގައިވާ ޝިޔާރެކެވެ.
ދިވެހިންގެ ދީން އިސްލާމް ދީނާއި ދެކޮޅު ސިޔާސަތުތަކެއް ކުރިއަރުވާން އުޅޭ ބަޔަކާއި ސަރުކާރާއި ގުޅުން ބޮޑު ވާހަކައެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާއެއް ބާއްވައިގެން ހަމަނިދި ނުލިބޭ ވާހަކައެވެ. ސިއްރުން ސޮއިކޮށް ސިއްރު ކޮށްފައިވާ އެއްބަސްވުންތަކެއް ހާމަ ނުކޮށްގެން ދިވެހިރާއްޖެ ގާދޫ ކޮލުން ނިކުމެގެން އަވަށްޓެރި ގައުމެއްގެ ހިޔާވަހިކަން ހޯދަން ނައްޓަލުމުގެ ވާހަކައެވެ. ބާނަބާނަ ތިއްބާ ކަނޑު ވިއްކާލި ވާހަކައެވެ. ދިވެހީންނަށް އަމިއްލަ ގައުމުގައި ބަސް ބުނުމުގެ ހައްގު ގެއްލި އަވަށްޓެރި ގައުމަކުން ދިވެހިރާއްޖޭގެ ލަގަން ގެންގުޅޭ ވާހަކައެވެ.
ދިވެހި އިގުތިސާދު އަނަރޫފަވެ ދައުލަތުގެ ތިޖޫރީތަކުގެ ފޫވެއްޓިގެން ފައިސާ ހަރުނުލާ ސަބަބުތަކާއި ދައުލަތް ބަނގުރޫޓްގެ ތުންފަތްމަތީގައިވާ ވާހަކަތަކެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހައްގު މިންވަރުގެ މަދުކަމުގެ ވާހަކައެވެ. ސަރުކާރުން ބަހާފައިވާ ބިންބިމާއި ގޯތިތަކާއި ފުލެޓުތައް ހައްގުވެރިންނަށް ނުލިބޭ ވާހަކައެވެ. ބޭސް ސިޓީ އާއި ތައުލީމާއި ވަޒީފާގެ ރައްކައުތެރިކަން ނެތް ވާހަކައެވެ.
ޑިމެކްރަސީގެ ހަމަތައް ވަޅުލަމުންދާ ވާހަކައެވެ. ހިޔާލު ފާޅުކުރުމާއި ބަސްބުނުމުގެ ހައްގުތައް ހަނިވެފައިވާ ވާހަކައެވެ. މިނިވަން ނޫސްވެރިކަން ގެއްލިގޮސްފައިވާ ވާހަކައެވެ. ސިޔާސީ ހަރަކާތްތަކަށް ކުރަމުންދާ އުނދަގޫތަކުގެ ވާހަކައެވެ. ދައުލަތެއްގެ ނިޒާމްތެރޭގައިވާ ޖަވާބުދާރީ ކުރުވުމުގެ ސަގާފަތަށް އޮތް ހުރަސްތަކުގެ ވާހަކައެވެ. ހަމަ އެފަދައިން ދައުލަތްހިންގުމުގެ ފުރުސަތު ލިބިއްޖެ ނަމަ ފުއްދާދޭނެ ކަމަށް ވިދާޅުވި ކަންކަމުގެ ވާހަކަތަކެވެ.
ވެރިކަމުގެ ދައުރު ދެބައިވެއްޖެއެވެ. ބޭރުގެ އަސްކަރިއްޔާއެއް ޔުނީފޯމުގައި ނެތެވެ. ބޭރުގެ އަސްކަރިއްޔާ ޔުނިފޯމްއަޅަނީ އެ މީހުން ތިބޭ ޖަގަހަ ތަކުގައެވެ. ތަމްރީނުވެ ހަށިގަނޑު ތަރުބިއްޔަތު ކުރަނީ ޓްރެކްޝޫޓާއި ޓީޝާރޓްގައެވެ. ގެއްލުވާ ވިއްކާލި ކަނޑުގެ ވާހަކަ ދެއްކުން ހުއްޓާލީއެވެ. އެއީ ވުޖޫދުގައި ނެތް މައްސަލައެކެވެ. ސިއްރު އެއްބަސްވުންތަކުގެ ވާހަކަ ދައްކަން ކެރޭ މީހުންގެ އަދަދު ނިސްބަތުން މަދު ވެއްޖެއެވެ. ރައީސް ޔާމީނުގެ ކަރުގައި އަދިވެސް އޮތީ ވާ ޖަހާފައެވެ. އިސްލާމް ދީނުގެ ހަމަތަކުގެ ވާހަކަ ނުދެއްކޭ ވަރަށް ސަމޯއާ އެގްރީމަންޓަކާއި ޝާދީ ކުރީއެވެ.
އިގްތިސާދުގައި އަބަދުމެ ވަނީ ރަތްބޮކި ދިއްލިފައެވެ. ފެހި ސިގްންލް ކިޔުން ވަނީ ގަރާރަކުން މަނާވެފައި ކަހަލައެވެ. މާލެއާއި އަތޮޅުތަކަށް ވީ ވައުދުތައް ފޮތްފޮތުން ވަނީ އުނިވެ ހަނދާން ނެތިފައެވެ. ރަސް މާލެ ހައެއްކަ ފަހަރު 8 މަސްތެރޭ ހިއްކާ ނިމިއްޖެއެވެ. އިންވެސްޓަރ ބޭންކުތަކުން ލޯނުތަކާއި ބޭރު ފައިސާ ލިބޭ މިންވަރު އިރުތުވެއްޖެ އެވެ. ބަންކަރިން ހިދުމަތުން ރާއްޖޭގެ އިގްތިސާދަށް ލިބޭ މިންވަރު 400 މިލިއަނުން 800 މިލިއަން ޑޮލަރަށް އިތުރު ކުރެވިއްޖެއެވެ.
ބިއްލޫރި ޓަނަލުގެ ތެރޭގައި ރޭލުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. ނުވާ އެއްވެސް ކަމެއް ނެތެވެ. އައްޑޫ ބްރިޖުގެ މަސައްކަތް ނިންމާ ބްރިޖުގެ މަޝްރޫގެ ކޮންޓްރެކްޓަރުން ފުރިތާ ދެ އަހަރުވެއްޖެއެވެ. ޑޮލަރުގެ އަގުތައް ހުރީ 1970 ވަނައަހަރުގައި ޑޮލަރު ލިބޭ ވަރަށްވުރެ މާ ބޮޑުތަނުން ހެޔޮ ވެފައެވެ.
ރައްޔިތުން ހަދަނީ ދޮގެވެ. ރައީސަކީ އިތުރު ފުޅެއް ދުވަހަކުވެސް ހެއްދެވި ބޭފުޅެއް ހަމަ ނޫނެވެ. އެހެން ނަމަވެސް އެ ވިދާޅުވާ ރައީސް ވިދާޅުވި އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވެއެވެ. ދޮގު މިބަސް ދިވެހި ރަދީފުން އުނި ކުރަން ވެއްޖެއެވެ. އަދުގެ ޅަޖީލު ދޮގަކީ ތެދު ހަގީގަތް ކަމަށް ގަބޫލު ކުރަން ފަށާފާނެއެވެ.


