ރާއްޖޭން އިތުބާރު ކުރެވޭވަރުގެ މާލީ ޕްލޭނެއް ދައްކާ: ވޯލްޑް ބޭންކް
އިތުބާރު ކުރެވޭ ވަރުގެ މާލީ ޕްލޭނެއް ދައްކަން ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. އިގުތިސޯދާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ހަރަދުތައް ކުޑަކުރަން ވޯލްޑް ބޭންކުން ގޮވާލީ ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓުގެ މި އަހަރުގެ ރިޕޯޓުގައެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ބުނާ ގޮތުގައި މެކްރޯއިކޮނޮމިކް އަދި ފިސްކަލް ސަސްޓެއިނަބިލިޓީ އަލުން އިއާދަކުރަން ފުރިހަމަ މާލީ އެޖަސްޓުމަންޓެއް ގެނެސް، ބަލައިގަނެވޭ ވަރުގެ ފައިނޭންސިން ސްޓްރެޓަޖީއެއް ބޭނުންވެއެވެ.
މާލީ ކަންކަން ހަރުދަނާކުރަން ވޯލްޑް ބޭންކުން ގޮވާލަނީ ރާއްޖޭގެ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވާ މިންވަރު މާ ބޮޑު ކަަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމުން ބޭރުން އަންނަ ކުއްލި ޝޮކެއްގެ ނުރައްކަލަށް ރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައި އޮންނަކަމަށް ވޯލްޑް ބޭންކުން ގަބޫލުކުރެއެވެ.
ހުސްވި އަހަރު އިގުތިސޯދު ކުރިއެރި މިންވަރު މަޑުޖެހުނީ ވެސް، ޓޫރިޒަމް ސިނާއަތުގެ ދުވެލި މަޑުޖެހުމުން ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވީ ނަމަވެސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު ކުރުވުން ކަމަށް ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.
ވޯލްޑް ބޭންކުގެ ކަންބޮޑުވުން މިހާވަރަށް ރާއްޖެއާއި މެދު އޮތް ނަމަވެސް 2026ގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ބޭރު ފައިސާގެ ދަތިތަކާ ހުރެ އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަށް ބޮޑެތި ދަތިތައް ހުރިކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.