ވާދަކުރަން މީހުން ނެރުމުގެ ކުރީން މާފަށް އެދޭ!
އެމްޑީޕީން 3 އޮކްޓޯބަރ ބޭއްވި މުޒާހަރާ އާއި 17 ނޮވެމްބަރ ގައި ބާއްވަން އުޅެ ނުބޭއްވި މުޒާހަރާ އާއި ދިމާކޮށް އެމްޑީޕީގެ ތަސައްވަރު ކިލަނބު ކުރަން ޕީއެންސީން ވަރަށް މަސައްކަތް ކުރިއެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ޕީއެންސީން ކުރި މަސައްކަތުގައި އެމްޑީޕީގެ އިމޭޖު އެންމެ ބޮޑަށް ކިލަނބު ކުރުވީ އެމްޑީޕީ ރޫޅާލަން ނިކުމެ އަލުން އެމްޑިޕީއާއި ގުޅުނު ބަޔަކު ކުރިން އެމްޑީޕީއާއި ދެކޮޅަށް ދައްކާފައިވާ ވާހަކަ ތަކަކުންނެވެ.
ހަސަދަވެރި ކަމާއެކު ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް އެމްޑީޕީ ރޫޅާލަން ނިކުތް މީހުން އެމްޑީޕީއާއި އެމްޑީޕީ ސަރުކާރާ ގުޅުވައިގެން އޭރު ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގައި ލެއްވި ނުހިކޭ ދާއިމީ ފާރުގަނޑަކަށް އެ ވާހަކަތައް ވަނީ ވެފައެވެ.
އެމްޑިޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށް އިމްތިޔާޒް ފަހުމީ އާއި އީވާ އަބްދުއްލާ ސިފަކުރިއެވެ. އެމްޑީޕީން އެންމެ ފަހުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް ރައީސް ނަޝީދު ސިފަކުރިއެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާވެސް އެމީހުން ފޫޅުކަނޑާލީ އޭރުއޮތް ރައީސް ސޯލިހުގެ ސަރުކާރަށެވެ. ޕީއެންސީއާއި އެނޫންވެސް ވާދަވެރިން އެމްޑީޕީއަށް ނިސްބަތްކޮށް ދައްކާ ހުރިހާ ނޭއްގާނި ވާހަކަތަކަށް ބާރުދެނީ އެމްޑިޕީ ރޫޅާލަން ނިކުތް މީހުން އާއްމުކޮށް ދައްކާފައި ހަޑި ހުތުރު ހަގީގަތެއް ނެތް ވާހަކަ ތަކުންނެވެ.
ރަޢީސް ސޯލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރަކީ ރައީސް ޔާމިނުގެ ސަރުކާރާއި މުއިއްޒު ސަރުކާރަށް ވުރެވެސް ކޮރަޕްޓް ސަރުކާރެއް ކަމަށް ދައްކާ އެމްޑީޕިއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕާޓިއެއް ކަމަށް ހަދަން ރައީސް ނަޝީދު އިސްވެހުރެ ނުކުރާކަމެއް ނުދައްކާ ވާހަކައެއް އޭރަކު ނެތެވެ. އެމްޑީޕީގެ މަތިފަޑީގައި ތިބެފައި ނިކުތް ބަޔަކު އެމްޑީޕީއާ ދެކޮޅަށް ދެއްކިހާ ވާހަކަ އެތައް ބަޔަކަށް ވަނީ ގަބޫލު ކުރުވާފައެވެ.
އެމްޑީޕީ އާއި ވަކިން ވެގެން ދިޔަ މީހުން ސިޔާސީ މަސައްކަތް ކުރާނެ ރަނގަޅު ޕްލެޓް ފޯމެއް ހަދަން އުޅެ އެކަން އެމީހުންނަކަށް ނުވިއެވެ. ހެދި ޕާޓީ ވަޔަކު ނުހިއްޕުނެވެ. އެންމެ ފަހުން މުއިއްޒު ސަރުކާރު ހަމަމަގަށް އެޅުވުމުގެ ނަމުގައި އެނބުރި އައިސް އެމްޑީޕިއަށް ވަދެ ނެގިގާގަނޑަށް ބޮލި އަރައިގެންވެސް އޭގެން މަދު މީހެއްގެ ފުށުން ނޫނީ އެމްޑިޕީއަށް ރަނގަޅެއް ވާތަނެއް ނުފެނެއެވެ.
އޭރު އެމީހުން ދިން ޑެމޭޖު އެނބުރި އަޔަސް ރިކަވަރ ކުރާކަށް ނޫޅެއެވެ. ފެންނަނީ އަަނެއްކާވެސް ބާރުތައް އަތަށް ކަހާލަން އުޅޭތަނެވެ. ލޫޓުވާލައިފި މުޒާހަރާ އާއި ބާއްވަންއުޅެ ނޫބޭއްވި މުޒާހަރާ ފަނިކޮށްލަން އެމްޑީޕީއާއި ދެކޮޅަށް ޕީއެންސީން ވިއްކީ އީވާ އާއި އިންތި އާއި ނަޝީދު އެމްޑީޕީއާއި ދެކޮޅަށް ދެއްކި ހުތުރު ވާހަކަތަކެވެ.
އެންމެ ބޭނުންވީ ދުވަހު ޕާޓީ ދޫކޮށްލާފައި ގޮސް ވެރިކަން ވައްޓާލާ މަޖިލީސް ގެއްލުވާލުމުގެ ޒިންމާ ފިކުރެއްގެ ދިރުމުން ނަގަންޖެހެއެވެ. އެމްޑީޕީއަށް އެހާ ބޮޑުގެއްލުމެއް ގަސްދުގައި ދިން ބަޔަކު އެނބުރިއައިސް އެ ޕާޓީގެ ބާރުތައް ހޯދަން ވާދަކުރާއިރު ވީހާލެއްގައި ވެގެން ޕާޓީގައި ތިބި މެންބަރުންގެ ކިބައިން ކުޑަމިނުން އާއްމު މައާފަކުން މާފަށް އެދެލަން ނުކުރެއެވެ.



