ހުދުމުހުތާރު ސަރުކާރު ކުޑަކަކޫ ޖެއްސޭނީ މަގުމަތިން

ހުދުމުހުތާރު ސަރުކާރު ކުޑަކަކޫ ޖެއްސޭނީ  މަގުމަތިން

ވައްކަމާ ރިޝްވަތާ އާއިލީ ތައައްސުބުގައި ސަރުކާރު ހިންގުން ހައްދު ފަހަނައެޅީމާ ނޭޕާލު ޒުވާނުން މަގުތައް ފުރާ އެނުކުތީ އިތުރު ގޮތެއް ނެތިގެން ކަމަށް ޑރ. އަހުމަދު އަލީ ސަވާދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބު ރާއްޖޭގެ މިހާރުގެ ހާލަތު ސިފަކުރައްވަނީ ނޭޕާލުން މިސާލު ނަންގަވަމުންނެވެ. ޑރ. ސަވާދު ވިދާޅުވަނީ " ރާއްޖޭގެ ހާލުވެސް އޮތީ ހަމަ އެހިސާބުގައި" ކަމަށެވެ.

ސިޔާސީ ވެރިންގެ އަމިއްލަ އެދުން ހައްދު ފަހަނައަޅާ ދިޔައިމާ  ރައްޔިތުންގެ އަޑު މަގުތަކުން އިއްވާނެ ކަމަށް ޑރ. ސަވާދު ވިދާޅުވެއެވެ. ސަވާދު އެވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. 

އަބުރު ރައްކަތެރި ކުރުމުގެ ނަމުގައި ހިޔާލުފާލު ކުރުމާއި ނޫސްވެރި ކަމުގެ މިނިވަންކަން ނަގާލުމުގެ މަސައްކަތް ސަރުކާރުން ކުރުން ހުރީ މެކުހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުގެ ގޮނޑިކޮއްކޮއަކަށް ހަދައިފިއެވެ. ހައްގެއް އިންސާފެއް ލިބިދެވޭ ކޯޓެއް މުއައްސަސާއެއް މިހާރަކު ނެތެވެ. 

ވައްކަމާއި ހިޔާނަތާއި ޓެކުން ހައްދު ފަހަނައަޅައިފިއެވެ. ދިރިއުޅުމަށް ހަލާލު މަސައްކަތެއް ނުކުރެވޭ ވަރަށް ފިއްތުމާއިއެކު ޓެކްހުގެ އަޅުންނަށް މަސައްކަތްތެރިން ހަދައިފިއެވެ. ބޯހިޔާވަހިކަން ފޭރިގެންފިއެވެ. ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު އޮބިނޯވެއެވެ. މުދަލުގެ އަގުބޮޑުވެ އަނގަޔާއި އަތާ ދިމާނުވެއެވެ. 

ގާނޫނާއި ސަރުކާރަކީ ވެރިންގެ މަންފާއަށް ރައްޔިތުންގެ މައްޗަށް އަޅާ ހަންމުއްޓަކަށް ވަނީ ހަދާފައެވެ. ދައުލަތެއްގެ ސިފަ ގެއްލި މުޅި ގައުމު ވަގުންނާއި ޑްރަގް ލޯޑުންނާއި ގޭންގް ސްޓަރުންނާއި ސްކޭމަރުންނާއި ލުޓޭރުންގެ ބާރުގައި ހިންގާ އަނދިރި ދައުލަތަކަށް ބަދަލުވެ ނިމިއްޖެއެވެ. 

ކުރާނެ ކަމެއް ނެތިފައި ދެން ކީއްހޭ ކުރާނީ ކިޔާލަ ކިޔާލާ އަދިވެސް ތިބެންވީ ހެއްޔެވެ. ވެރިންގެ ހިމާޔަތުގައި ގާނޫނު ނިވައިފަތް ގަނޑަކަށް ހަދައިގެން އުޅޭ އުޅުން ހަތިމްކުރަން ނިކުންނަން ކެރޭ އެކަކުވެސް ހަމަ ނެތީހެއްޔެވެ. ހައްޔަރުވެ އަނބިދަރިން ބިކަވެދާނެތީ މަގަށް ނުނިކުންނަން ތިއްބަސް އަނބިދަރިން ބިކަނުވާނެ ހަމަ އެއްގޮތެއް މިހާރަކު ނެތެވެ. އެހެންކަމުން ހުއްޓި ތިބޭ ކޮންމެ ދުވަހަކީ އަނިޔާއަށް އިތުރުވާ ދުވަހެކެވެ.

މަގުތައް ފުރާލުމުގެ ހިތްވަރު ނެތި މިގޮތަށް ބޮނދާ ތިބޭނީ ކިހާ ދުވަހަކު ކާކު ބުނަންދެން ހެއްޔެވެ. ފަރުދީ ޒިންމާގައި ކޮންމެ މީހަކު އެކަނި ނަމަވެސް މި މުސީބާތުން ސަލާމަތްވާން މަގަށް ނުނިކުމެ ވާކަށްނެތެވެ.

ނޭޕާލާއި ބަނގަލާދޭހާއި އޮޅުދޫ ކަރައިން ހިތްވަރު ލިބިގެން ރައްޔިތުން މަގަށް ނިކުންނަންޖެހޭ ހުރިހާ ސަބަބެއް މި ގައުމުގައި މިހާރު ވަނީ ފުރިހަމަވެ އިތުރު ވެފައެވެ. ބޭނުންވަނީ ކެރުމެވެ. އިސާހިތަކު މިކަން ނިމިދާނެއެވެ.