ސަސްޕެންޑްކުރި ނައިބުންނަށް މުސާރަ ދިނުމަކީ ހިޔާނާތެއް!
ގާނޫނަކު ނެތޭ ބުނެ ގާނޫނުގެ ރޫހާ ހިލާފަށް ކަމެއް ހުއްދަކޮށެއް ނުގަނެވޭނެ
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ރައީސުލްޖުމްހޫރިއްޔާއަށް ބާރުދެނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމްތަކަށް މީހުން އައްޔަނު ކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަށެވެ. މަގާމުގައި ތިބި ބަޔަކު ވަކިނުކޮށް ސަސްޕެންޑްކޮށްފައި ބައިތިއްބައިގެން ދައުލަތުން މުސާރަދޭކަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ބާރެއް ނުދެއެވެ.
މަގާމުގެ ވާޖިބު އަދާނުކުރެވޭ ގޮތަށް އެކަކުކުވެސް އެންމެ ދުވަހަކު ބަހައްޓައިގެން ވެސް މުސާރަޔާއި އިނާޔަތްތައް ދިނުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާކަމަކެވެ. މަގާމުގެ ވާޖިބު އަދާ ނުކުރެވޭ ގޮތަށް މީހުން އައްޔަނުކޮށްގެން ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށްވާ ހިޔާނާތެކެވެ. ހިންގާ ކޮރަޕްޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާއެއް ކަމަކު ވެރިކަން ކުރަންޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށެވެ. އެގޮތަށް އެހެން އެކަން ނުކުރެވޭނެ ކަމަކަށް ގާނޫނަކު ނެތޭ ބުނެ ގާނޫނުގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް ހުއްދަކޮށެއް ނުގަނެވޭނެއެވެ.
ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ވެސް ރައީސަށް އޮންނަ ބާރެކެވެ. އަވަށްޓެރި ގައުމުތަކުގެ ވެރިންނަށާއި ގައުމުތަކަށް ކުޑައިމީސްކޮށް ބައިނަލް އަގުވާމީ ގުޅުންތަކަށް ބުރޫއަރާ ވަރަށް ދިވެހި ދައުލަތުގެ މަތީފަންތީގެ ވެރިން ފުރައްސާރަ ކުރުމަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ކަނޑައެޅިފައި އޮތްކަން އެނގޭ އެއްވެސް ހާރިޖީ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށްފައެއް އަދި ނެތެވެ. އެހެން ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވެގެން އިސްކޮށްފައި ތިބޭވެރިން ހަރިޖީ ސިޔާސަތު ފުށުއަރާ ގޮތަކަށް އަމަލުކުރުމުން ކުރަން ޖެހެނީ ސަސްޕެންޑެއް ނޫނެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ.
މުސާރައާއި އިނާޔަތް ދީފައި ސަސްޕެންޑްކޮށްފައި މަގާމުގައި އެފަދަ އަމަލު ކުރާބަޔަކު ބައިތިއްބައިގެން ނުވާނެއެވެ. ޖެހޭނީ މަގާމުން ވަކިކުރާށެވެ. އެބަޔަކު މަގާމުން ވަކިނުކޮށް އެމީހުނަށް ދައުލަތުން ލޯލާރިއެއް ވެސް ހަރަދު ކުރުމަކީ ބޮޑު ހިޔާނާތަކަށް ނުވާނެއެއްވެސް ގޮތެއްނެތެވެ.
ޔޫތު މިނިސްޓްރީގެ ތިންނައިބުން މަގާމުގެ ވާޖިބު އަދާނުކޮށް ސަސްޕެންޝަނުގައި ބައިތިއްބައިގެން ދައުލަތުން މުސާރަ ދޭ ދިނުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި އެމީހުނަށް ދައުލަތުން ދީފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދަންޖެހެއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނާއި އޯޑިޓަރ ޖެނެރަލާއި ރައްޔިތުންގެ މަޖިލީސް ނިދާފައި މިއޮންނަނީ ކާކުދެކެ ކޮންކަމަކާ ބިރުން ހެއްޔެވެ.