ވެރިކަމަށް މަހެއްނުވެ 08މިލިޔަން އަކަފޫޓްގެބިން ބޭރުބަޔަކަށް
އީއައިއޭ ހެދުމެއް ބިމުގެ އަގުކުރުމެއް ނެތި ހިއްކާ ބިމުން ބައެއް ދޫކޮށްލީ
ވެރިކަމަށް އެރުމާއެކު މާލޭ މީހުންގެ ބޯހިޔާވެހިކަމުގެ ފުރިހަމަ ހައްލޭ ބުނެ ފުށިދިއްގަރުފަޅު ހިއްކަން މުއިއްޒު ދިމާކުރީ އެކަން ކުރުމާމެދު އެތާ ދިރިއުޅެން ދާން ތިބި މާލޭ މީހުން ދެކޭގޮތެއް އަހާލުމެއް ކަހާލުމެއް ނެތިއެވެ. ރައީސް ސޯލިހު ވެރިކަމުގައި އެއަށްވުރެ ކައިރިން މާލޭ މީހުނަށް ހިޔާވަހިކަން ހޯއްދަވާ ދެއްވުމަށް ފައްޓަވާފައި ވަނިކޮށެވެ. މާލެއާއި ގުޅިފައި އޮތް ހުޅުމާލެއާއި މާލެއާއި ގުޅުވާލެވެމުންދާ ގުޅީފަޅާއި ފަސޭހަކަމާއެކު ގުޅުވާލެވެން އޮތް ގިރާވަޅުފަޅާއި އުތުރުތިލަފަޅު ހިއްކާ މާލޭގެ ރައްޔިތުންނަށް ގޯތި ދެމުން ދަނިކޮށެވެ.
ދައުލަތާއި ގުޅުންހުރި އެއްވެސް ތާކުން ފައިސާއެއް ނަގަން ނުޖެހޭ ގޮތަށް މާލޭ މީހުންގެ ބޯހިޔާވަކަމުގެ ފުރިހަމަ ހައްލޭ ބުނެ ރަސްމާލެ ހިއްކަން ފެށީ ފިސާރި ކުލަގަދަކޮށެވެ. ހަނދާނަށް އައީ ހުޅުމާލެ ހިއްކަން ފައްޓަވަން ރައީސް މައުމޫނު ބަނޑުމައްޗަށް އަރުއްވައިގެން އުޅުއްވި ގޮތެވެ. ހުޅުމާލެ ހިއްކަން ފެއްޓެވި އިރު މެޑަމް ނަސްރީނާ ވަޑައި ނުގަތަސް ފުށިދިއްގަރު ފަޅުހިއްކަން ފެށި ރަސްމިއްޔާތުގައި މޫނު ފޮއްސަވަމުން މެޑަމް ސާޖީ ބަނޑު މަތީގައި އުޅުއްވި ގޮތް މުއިއްޒު ހަދުމަފުޅެއް ނުނެތޭނެއެވެ. އާނއެކެވެ. އެތާ ތިބިހާ ސަޕޯޓަރުން ވެސް ތިބީ ދަތްމައްޗަށް ތުން ނާރާ އުފަލުން ފޮޅިފައެވެ. ދިވެހީންގެ ރައީސްގެ ހުޝިޔާރުކަމާއި މޮޅުކަމުންނެވެ.
އެކަމަކު ކަމަކު ދާކަށް ނެތެވެ. ހިނދުކޮލެއްގެ ތެރޭގައި ބުޅާ ގޯނިން ބޭރުވެއްޖެއެވެ. ކަން ހިނގަނީ ދެއްކި މަންޒަރާ އެއްގޮތަކަށް ނޫނެވެ. ރަސްމާލެ ހިއްކަންފެށީ އެމްޓީސީ ޑްރެޖަރަކުންނެވެ. މަސައްކަތް ކުރަނީ ހުޅުމާލޭ 3 ވަނަ ފިޔަވަހި ހިއްކާ މީހުންނެވެ. ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުދެއޭ ކިޔަފައި 08 މިލިއަން އަކަފޫޓްގެ ބިން 99 އަހަރަށް ލާޖައްސާ ހިއްކާ ނިންމާދޭ މަތިން ވަގުފުކޮށް ދެނީ ހުޅުމާލެ ފޭސް 3 ހިއްކަމުން ދިޔަ ސީއެމްސީސީ އަށެވެ.
ދިވެހި ފަސްގަޑުން އަކައިންޗިއެއް ވެސް ބޭރު ބަޔަކަށް ނުދޭން ވެރިކަމަށް އަރާ މަސް ދުވަސްނުވެ 08 މިލިޔަން އަކަފޫޓްގެ ބިން ބާޓާ ސިސްޓަމަށް ބޭރު ބަޔަކަށް ދޫކޮށްލީއެވެ. ބަޔަކު ހިއްކާދިނީމާ އެ ހިއްކިބިމުން ބައެއް އެމީހުނަށް ދިނުމަކީ ދިވެހި ފަސްގަނޑުން ބައެއް ދިނުން ކަމަކަށް ނުވަނީ ތާއެވެ.
އީއައިއޭ ހެދުމެއް ބިމުގެ އަގުކުރުމެއް ނެތި ހިއްކާ ބިމުން ބައެއް ދޫކޮށްލީއެވެ. ގައުމިއްޔަތެއް ހުއްރިއްޔަތެއް ގައުމަށް ލިބިދާނެ މާލީ ގެއްލުމަކަށް ނުބަލައެވެ. ފުށިދިއްގަރުފަޅުގައި ރަސްމާލެ ތަރައްގީ ކޮށްގެން މާލޭ މީހުނަށް ފޯރުކޮދޭން ބުނާ ހޮޅިސިޓީ ވަގު ޖަރީމާ ޖެހެނީ ވަގުތުން ހުއްޓުވާށެވެ.