މައުމޫނާ ނަޝީދަށް ވީހެން ޔާމީނަކަށް ނުވާނެ!
މުއިއްޒު ފުޅާ ހަރަކާތެއް ފެށީ ރައީސް ޔާމީނުގެ ބާރު ކޯލިޝަނުން ކަނޑުވާލުމަށް
ރައީސް މައުމޫނުގެ ދިގުވެރިކަން ދަހައްޓަން އުފެއްދިީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. ފުރަތަމަ ދުވަހުވެސް ބައިބޯ މީސްގިނަ ޕާޓީއެކެވެ. ރައީސް މައުމޫނު ވެރިކަމުން ވެއްޓުމުން ޕާޓީ ދެކަފިވިއެވެ. ޕާޓީގެ ލީޑަރޝިޕް އަހުމަދު ތަސްމީނު އަލީއަށް ލިބި ޒައީމް މައުމޫނު ވީބާކީއެވެ. ވީ ބާކީގައި ރައީސް މައުމޫނު ގެ ޒައީމް ފެކްޝަން (ޒެޑް ފެކްޝަން ) އުފެދި ބޮޑުވެ އެންމެ ފަހުން މައުމޫނުގެ ލީޑަރޝިޕްގައި ޕީޕީއެމް އުފެދުނެވެ.
ޑީއާރުޕީގެ ހުރިހާ ހަރަކާތްތެރިންހެން ޕީޕީއެމާއި ގުޅި ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެވަނަ ފިކުރަށް ވިއެވެ. ބިޔަ ބޮޑު ޑީއާރުޕީ އޮތީ ލީޑަރޝިޕެއްނެތި ހަރަކާތެއްނެތި އޮތީ ކޯމާގައެވެ. އެންމެ ފަހުން ޑީއާރުޕީ އުވުނީއެވެ. އެ ބޮޑު ބިޔަ ޕާޓީއަށްވުރެ ގަދަވީ ރައީސް މައުމޫނުގެ ޒެޑްފެކްޝަނެވެ.
ފަހުން ރައީސް މައުމޫނަށް ދިމާވީ އޭގެ އަނެއްކޮޅެވެ. ޕީޕީއެމްގައި މައްސަލަޖެހި ގަދަހިފުމަކަށް ގޮސް ރައީސް މައުމޫނު ޕީޕީއެމުން ބޭރުވީއެވެ. އަނެއްކާވެސް އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް ހަދައިގެން ރައީސް މައުމޫނަށް އެޕާޓީ ވަޔަކު ނުހިއްޕުނެވެ. ގަދަވީ ވެރިކަމުގައި އޮތް ރައީސް ޔާމީނުގެ ޕީޕީއެމެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގައި ސިޔާސީ މާބޮޑު ބައިބައިވުމެއް ނެތި އުފެދުނީއްސުރެ މިއަހަރާ ހަމައަށް އޮތެވެ. ލޮޅުމެއް އެރީ ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ގެއްލުމުންނެވެ. ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލުނު ނަމަވެސް ޕާޓީ ދޫނުކޮށް ފިކުރެއް ދިރުވޭތޯ މަސައްކަތް ކުރިއެވެ. ރައީސް ނަޝީދު އެމްޑީޕީ ދުކޮށްލީ 2023ގެ ރިޔާސީ އިންތިހާބަށް ކުޑަތަން ވޭވޭ ހުއްޓައެވެ. އެމްޑީޕީގެ ތެރެއިން ގެންދެވުނު މަދު މީސްކޮޅަކާއެކު ރައީސް ނަޝީދުގެ މަސްލަހަތުގައި ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ އެ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޯދުނީ މަދު ވޯޓު ކޮޅެކެވެ. އެހެން ކަމުން ވެރިކަން ގެއްލުނަސް ޑިއާރުޕީަށް ވީހެން އެމްޑީޕީއަށް ވާތަނެއް ނުފެނެއެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީނު ބާރުވެރިވުމަށް ކުރެވުނު ވާދައިގެ ތެރެއިން ރައީސް ޔާމީނު އުފެއްދި ޕީއެންސީ އޮތީ ޕީޕީއެމްގެ ގޮތްޕެއްގެ ގޮތުގައެވެ. ހުރިހާ ސިޔާސީ ހަރަކާތެއް ހިންގީ ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީނުގެ ލީޑަރޝިޕްގެ ދަށުން ޕްރޮގްރެސިވް ކޯލިޝަން ކިޔައިގެނެވެ. 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭތީ ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތްކުރީ ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ނިކުތް ޑރ. މުއިއްޒަށެވެ. ކެންޕޭން ކުރީ ރައީސް ޔާމީނުގެ ފޮޓޯއާއި ރައީސް ޔާމީނުގެ ނަމުގައި ހުސްގޮނޑިއެއް ބަހައްޓައިގެންނެވެ.
ރައީސް ޔާމީނުގެ ނަމުގައި ސަހުސު އޮޅުވާލައިގެން ޑރ. މުއިއްޒު ވެރިކަން ހޯދާ ރައީސް ޔާމީނަކީ ހުރި މީހަކަށް ވެސް ނުހެދިއެވެ. ރައީސް މުއިއްޒު ދިމާކުރީ ޕީޕީއެމް ހައިޖެކްކޮށް ޕީއެންސީ ބާރުވެރިކުރާށެވެ. ޕީއެންސީގެ ރައީސަކަށް ރައީސް މުއިއްޒު އިސްވެ ޕީޕީއެމަކީ ޕީއެންސީގެ ގޮނޑިކޮއްކޮއަކަށް ހަދާ ޕީޕީއެމްގެ މެންބަރުން ކޮޅު ޕީއެންސީއަށް ވެއްދުމުގެ ފުޅާ ހަރަކާތެއް ފެށީ ރައީސް ޔާމީނުގެ ބާރު ކޯލިޝަނުން ކަނޑުވާލުމަށެވެ.
ޕާޓީ ޕޮލިޓިކްސްގައި ރައީސް މުއިއްޒަށް ފެންނަނީ ވެރިކަމުގައި ހުރެ ރައީސް ޔާމީނު ރައީސް މައުމޫނުގެ ބާރު ކަނޑުވާލި ތަނެވެ. ރައީސް ސޯލިހު ވެރިކަމުގައި ހުރެ ރައީސް ނަޝީދުގެ ބާރު ކަނޑުވާލި ތަނެވެ. ރައީސް މުއިއްޒަށް ނުފެންނަނީ ރައީސް ކަމުގައި ތިބިއިރު ރައިސް ސޯލިހާއި ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު އޮތް ވަރެވެ. ޕާޓީގައި ބޮޑު ޕީޖީ ގްރޫޕެއް އޮވެ އެ ޕީޖީ ގްރޫޕްގެ ފުރިހަމަ ކޮންޓްރޯލު ނެތި ވަރުގަދަ ލީޑަރަކު ސައިޒްކޮށް ނުލެވޭނެ ކަމެއް ރައީސް މުއިއްޒަކަށް ނޭނގެއެވެ.
ދަނޑިވަޅު ބަލާ ރައީސް ޔާމީނު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެ އުފެއްދީ މުއާލާތް ނުކެނޑެނީސް ރައީސް ޔާމީނުގެ ސަޕޯޓަރުން ގަނޑުކޮށްލުމަށެވެ. ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަނުގެ ޓިކެޓަށް އުންމީދުކޮށްގެން ދާއިރާތަކުގައި އުޅޭ މީހުންގެ ތެރެއިން ޓިކެޓް ނުލީބޭ އެންމެންނާ އެ މީހުންގެ ސަޕޯޓަރުން އައިސް އަރާނެ ގަލެއް ރައީސް ޔާމީނު އެހެދީއެވެ.
ޕްރޮގްރެސިވް ކޯލިޝަން ބޮޑުކޮށް ރޫޅުމުގެ ނަތީޖާއަކަށް ވާނީ އެމްޑީޕީ މަޖިލިސް މެޖޯރިޓީ ނެގުމެވެ. ރައީސް މުއިއްޒުގެ ޕީއެންސީ ސަރުކާރަށް ވުރެ ގިނަ ގޮނޑި ރައީސް ޔާމީނުގެ ޕީއެންއެފް ނަގާނެއެވެ. ރައީސް މައުމޫނުގެ އެމްއާރުއެމަށާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސަށް ވާގޮތެއް ރައީސް ޔާމީނުގެ ޕީއެންއެފަކަށް ނުވާނެއެވެ.