މެޑިކަލް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމްގެ ހޮޅި ސިޔާސަތު
ފަތުރުވެރި ކަމުގައި ރާއްޖެއާ ވާދަކުރަނީ ސަރަހައްދީ ގައުމުތައް އެކަންޏެއް ނޫން
ފަތުރުވެރިކަން ރާއްޖޭގައި ފެށި ފުޅާވަމުން އައިގޮތުގެ މައުލޫމާތު ނިކަން ރަނގަޅަށް ސަރުކާރާ ހަވާލުވާ ބައެއްގައި ހުންނަން ޖެހެއެވެ. ފަތުރުވެރިކަން ފުޅާވަމުން އައި އައުމުގައި ހާސިލް ކުރެވިފައިހުރި ކާމިޔާބީތަކާއި އެ ކާމިޔާބީތައް ހޯދުމުގައި ކަންކޮށްފައިވާ ގޮތް އަކުރުން އަކުރަށް އެނގެން ޖެހެއެވެ. ހަމަ އެހެންމެ ސިނާއަތު ހިންގުމުގައި އެކިފަހަރު މަތިން އެޅިފައި ހުރި ޅައެއްޗިއްސާއި ޅައެއްޗެހި އެޅެން ދިމާވި ސަބަބުތައް އަކުރުން އަކުރަށް އެނގެން ޖެހެއެވެ.
ޖުމްލަކޮށް މުޅި ގައުމަށް ތައާރަފް ކުރެވުނު އައު ކަންކަމަކީ ފަތުރުވެރިކަމަށް ކިހާވަރެއްގެ އަސަރެއް ކުރި ކަންކަން އެގެން ޖެހެއެވެ. އަމްދުން ފަތުރުވެރި ކަމަށް އަލަށް ތައާރަފް ކުރެވުނު ކަންކަމަކީ ރާއްޖޭގެ ވެށީގައި ނަގަހައްޓާ ދެމެހެއްޓޭ ކަންކަންތޯ ކަށަވަރުކުރެވިފައި އޮންނަން ޖެހެއެވެ. އަލަށް ކަމެއް ތައާރަފް ކުރާއިރު އެކަމުން ނިކުމެދާނެ ނަތީޖާ ވަޒަންކުރާން އެނގެން ޖެހެއެވެ.
ދުނިޔޭގެ ތަނެއްގައި ކުރާހާ ކަމެއް އެގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ދެނެގަންނަން އެނގެންޖެހެއެވެ. ކަންކަން ކުރެވެން އޮތް ނެތް ގޮތް ދެނެގަނެ ރަގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުންނަން ޖެހެއެވެ. އަމްދުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ވަޒީރަކީ ކަނޑުކޮހަކަށް ވެއްޖެނަމަ ފަތުރު ވެރިކަން ބޮކި ޖަހަފައި އަޑިއަށްވެސް ހިނގައިދާނެއެވެ.
މީހުން ކިޔާގޮތުން ރާއްޖޭގެ ޓޫރިޒަމް އައު އުސްމިން ތަކަކަށް ގެންދަން ކިނދު ނުފިލާ ޅަކުއްޖަކާ ހަވާލުކޮށްފިއެވެ. ދުވަހަކު ޕަބްލިކް އޮފީހެއް ހިންގުމުގެ ތަޖުރިބާއެއް ކޮށްފައިނެތް މީހަކާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަވާލުކުރީމާ ނުވެ ނުދާނެ ގޮތް ފެންނާކަށް ލަހެއް ފަހެއް ނެތެވެ. ހަމަ އެކަނި ޔުނިވަރސިޓީ ޑިގްރީއެއް އޮތަކަސް ކަމަކު ނުދާނެއެވެ. ދާއިރާގެ އެންމެހާ ކަންކަމަށް އެމީހަކު ނިކަން ރަނގަޅަށް ލޯހުޅުވިފައި ހުންނަން ޖެހެއެވެ.
ފަތުރުވެރި ކަމުގައި ރާއްޖެ އޮތް ހިސާބުން ރާއްޖެއާ ވާދަކުރަނީ ސަރަހައްދީ ގައުމުތައް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ނަންހިގާ ހުރިހާ ފަތުރުވެރި މަންޒިލެއް ވެސް ރާއްޖެއާ ވާދަކުރެއެވެ. ވާދަވެރިން ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ރާއްޖޭގެ ފަތުރުވެރި ކަމަށް ލޮޅުން އަރުވާލެވޭވަރުގެ ނާޒުކް ސިނާއަތެއްގެ ގޮތުގައި ފަތުރުވެރިކަން އޮންނައިރު ރައްކާތެރި ވާންޖެހޭ ވަރަށް ގިނަކަންކަން ހުންނާނެއެވެ. ދަމަހައްޓަން ޖެހޭ އިތުބާރުތަކެއް ވެސް އޮންނާނެއެވެ.
ގައުމިއްޔަތޭ މިނިވަންކަމޭ ކިޔައިގެން ނުފޫޒުގަދަ ގައުމުތަކާ ޖެހިފިތި ބާރުވެގެން ފުރައްސާރަ ކުރަމުން ވެރިކަން ހޯދައިގެން މެޑިކަލް ޓޫރިޒަމޭ ސްޕޯރޓްސް ޓޫރިޒަމޭ ކިޔާ ވާހަކަ ދައްކާއިރު އެކަމަށް ގާއިމުކުރަން ޖެހޭ ވަސީލަތް ތަކާއި ފުރުސަތު އޮތްވަރު ހަމަ ރަނގަޅަށް ވެސް ވަޒަންކުރިން ހެއްޔެވެ. ކިހާ ހިސާބަކުން ކިހާ ބަޔަކު ބޭސްފަރުވާ ކުރަން ކިހާ އަވަހަކަށް މީހުން ގެނެވިދާނެ ހެއްޔެވެ. ދުނިޔޭގެ ފެންވަރުގައި ކުޅިވަރުތައް ބާއްވާލައިގެން ކަންކަން ކޮށްލާ މަންފާ ހޯދޭވަރުގެ ގާބިލުކަން ރާއްޖޭގައި އޮތީ ކިހާވަރަކަށް ހެއްޔެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވާ މެޑިކަލް ޓޫރިޒަމާއި ސްޕޯރޓްސް ޓޫރިޒަމްގެ ވާހަކައަކީ ވެރިކަމަށް އަންނަންވީ ހޮޅި ވައުދުތައް ކަހަލަ ހޮޅި ވާހަކައަކީ ހެއްޔެވެ.