އިޔާޒް ފަހާދުއްވީ ގިނަބަޔަކު ޕީޕީއެމާ ދުރަށްދާތީ
ޖަމީލު ފަހާދުވަން ޖަމީލު އަމިއްލައަށް ދައުވަތު ދޭކަހަލަ
އިލްމުވެރިން ޖާހިލުން އުޅޭގޮތަށް އުޅެން ފެށީމާ އިހްތިރާމް ނުލިބޭނެ ކަމަށް ބުނެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއެވެ. އެ އެފާޑަށް އުޅުނީމާ ވާގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޑރ. ޖަމީލެވެ. އިލްމުވެރިން ޖާހިލުން އުޅޭ ގޮތަށް އުޅުނީމާ ވާންވީ ހުރިހާ އެއްޗެއް އެންމެ ބޮޑަށް ވެގެން ހުރި މީހަކީ ޖަމީލެވެ. މީހަކު އިހުތިރާމެއް ގަދަރެއް އިތުބާރެއް އެ ފަކީރަކަށް ނުކުރެއެވެ.
އަދާލަތު ޕާޓީގެ އިސްފަނޑިޔާރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އާއި ޕީޕީއެމްގެ ސަޕޯޓަރުން ތަކެއް މަގުމަތިން ދިމާކުރި މުޑުދާރު އަމަލު ދިފާއުކޮށް ވާހަކަ ދައްކާއިރު ޖަމީލު ފަހާދުވަން ޖަމީލު އަމިއްލައަށް ދައުވަތު ދޭކަހަލައެވެ. މަގުމަތިން މީހުންފަހާ ދުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޑރ. ޖަމީލު ބުނަނީތާއެވެ.
ތިމާ ތާއީދުކުރާ ފިކުރު ނޫން ސިޔާސީ ފިކުރަކަށް ތާއިދު ކުރާ މީހަކު އެމީހާގެ ޝުއޫރު ފާޅު ކުރުމުން އެކަން ގޯސްކޮށް އަތްފައިން ގޯސް ހަދަން ޖެހޭ ސަބަބެއް ނެތެވެ. ޖަމީލު ވިސްނާ ގޮތް ނޫން ގޮތަކަށް ވިސްނާ ކިތަންމެ ރަނގަޅު ޝުއޫރެއް ފާޅު ކުރުމަކީ ވެސް ޖަމީލު ދެކެނީ ފުރައްސާރަ ކުރުން ކަމަށެވެ. ވެގެން ތިޔަ އުޅެނީ އެހެން ގޮތެކެވެ.
ޑރ. އިޔާޒް ފަދަ އިލްމުވެރިން ދައްކަވާ ވާހަކަފުޅާ ދެކޮޅަށް ދެއްކޭނެ ހުއްޖަތެއް ނެތި ގޮތް ހުސްވަނީއެވެ. ޕީޕީއެމްގެ ކޮންމެ އަމަލަކީ ހައްގު ތެދުކަމަށް ދައްކަން ކުރާ ހީލަތްތެރި މަސައްކަތުގެ ހަގީގަތް ޑރ. އިޔާޒް މެންގެ ވާހަކަފުޅު ތަކުން ހާމަވެ އާއްމުވެ ގިނަ ބަޔަކު ޕީޕީއެމާ ފެޔަށް ޖެހޭތީ ކެތްނުވެގެން ހެދޭ ނުހެދޭ ނޭނގެނީއެވެ.
ޕީޕީއެމުން ޑރ. އިޔާޒް ފަހާދުވި ވީޑިއޯ: ބޮޑެތި މީހުނަށް ހާއްސަ ކުރެވިފާވާތީ ޔޫޓިއުބުން ބައްލަވާ ލައްވާ
ސިޔާސީ ބޭނުމުގައި މީހުން ކާފިރުކޮށް ލާދީނީކޮށް ހެދުމުގައި ޝޭހުންގެ ނަމުގައި ބަޔަކު ނިކުމެ ޕީޕީއެމަށް ކެންޕޭންކޮށް ދޭދިނުމުގެ ނަތީޖާ ޑރ. އިޔާޒްމެންގެ ސަބަބުން ނުފެންނާތީ މޭކަރާނެއެވެ. ތުރުތުރު އަޅާނެއެވެ. މަގުމަތިން މަސްހޫރުކަން ހޯދަން އުޅޭ ޑަކައިތުން ލައްވާ މީހުން ފަހާދުއްވާ ތިމާމެންނަށް އޮތް ތާއީދުން ބައެއް އަމިއްލައަށް ނަގާލެވޭއިރު ނޭނގެއެވެ.
ބަލަ ޕީޕީއެމުގައި ވެސް އިލްމުވެރިންނާއި އިންސާނީ ކަރާމަތައް އިހުތިރާމްކުރާ ދުރުވިސްނޭ ސަޕޯޓަރުން އެބަތިއްބެވެ. ޕީޕީއެމްގެ ނަމުގައި މަގުމަތީ ހަރަކާތަށް ނިކުމެ އުޅޭ ބަޔަކު ރާއްޖޭގެ އިލްމުވެރިއަކު ފަހާ ދުވާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެމީހުން ނިސްބަތްވާ ޕާޓީން އެފަދަ މުޑުދާރު އަމަލު ހިންގާތަން ދެކޭކަށް ވެސް ބޭނުމެއް ނުވެއެވެ.
ޑރ. ޖަމީލުމެން ފަދަ އިސްސަފުގައި ތިބޭ މީހުން އެފަދަ ގޮތްކުޑަ އަމަލު ތަކަށް ހިތްވަރުދީ އެ ހުތުރު އަމަލު ދިފާއު ކުރާކަށް ޕީޕީއެމްގެ ގިނަ މެންބަރުންނާ ސަޕޯޓަރުން ނޭދެއެވެ. އެފަދަ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ޕީޕީއެމަށް ކުރި އިތުބާރާ ތާއީދު ގިނަ ބައެއްގެ ހިތުން ފިލާ ގޮސް ޕީޕީއެމްއަށް ނަފްރަތު ކުރަން ފަށައިފިކަން ޖަމީލުމެނަށް ނޭނގުމަކީ ހިތާމަ ހުރި ކަމެކެވެ.
ޑރ. ޖަމީލު ބުނާހެން އިލްމުވެރިން ޖާހިލުން އުޅޭގޮތަށް އުޅެން ފެށުުމުން ޑރ. ޖަމީލަކަށް މިހާރަކު އެއްވެސް އިޙްތިރާމް ނުލިބެއެވެ. ރައްޔިތުންގެ ލޯބިން ޑރ. ޖަމީލު މަހުރޫމު ވެފައި ވަނީ ތެދުވެރި ޢާލިމަކަށް ނުވާތީކަން ސާފުވެއްޖެއެވެ. އެހެން މީހުން ސިޔާސީ އެކްޓިވިސްޓުންނަށް ވެގެން އުޅޭ އިރު ޖަމީލަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސިޔާސީ ފޭލިޔަރެވެ. އެންމެ ނާކާމިޔާބު ގާނޫނީ ވަކީލެވެ.
ޖަމީލް ކޮންމެ ރާގެއްގައި ކޮންމެ ގޮތަކަށް ޑރ. އިޔާޒް ސިފަ ކުރިޔަސް ޑރ. އިޔާޒްގެ އިލްމުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުކުރެވޭނެއެވެ. ހައްގު ބަސް ވިދާޅުވުމުގައި ފަހަތަކަށް ނުޖެއްސޭނެއެވެ. ޑރ. އިޔާޒް މެންނަކީ ޖަމީލުހެން ހައަނގައި ވާހަކަ ދައްވާ ބޭފުޅެއް ނޫނެވެ. ޕީޕީއެމުން ޖަމީލުމެން ދީނުގެ ނަމުގައި މީހުން ކާފިރުކޮށް ލާދިނީކޮށް އާއްމު ރައްޔިތުންނާއި ޕީޕީއެމްގެ އާއްމު މެންބަރުންނާ ސަޕޯޓަރުން ވައުވައްދަން ކުރާ މަސައްކަތް ޑރ. އިޔާޒުމެންގެ ސަބަބުން ބޭކާރު ވެގެންދާތީ އެކްޓިވިސްޓް އަންހެނުން ފޮނުވައިގެން ފަހާ ދުއްވަނީއެވެ.
ޑރ. އަފްރާޝީމްއާއިވެސް ފުރަތަމަ ދިމާކުރީ ބަޔަކު ތިޔަ ފާޑަށެވެ. އާހިރުގައި ކަން ހިނގާ ދިޔަ ހިތަމާވެރި ގޮތް ހިތަށް ވަނުމުން ބިރު ހީވެއެވެ. ސިޔާސީ ޖަޒުބާތުގައި ނަފްރަތު އުފައްދައިގެން އިންސާނީ ކަރަމާތް ނަގާލުމަށް ހިއްވަރު ދެވިގެން ނުވާނެއެވެ. ކޮންމެ ސަބަބަކާ ހުރެވެސް ޑރ. އިޔާޒަށް ފުރައްސާރަކޮށް ޕީޕީއެމްގެ އެކްޓިވިސްޓުން ދުވި ދުވުމަކީ އާދައިގެ ކަމެއްނޫނެވެ. އެކަމަށް ހިއްވަރުދީ ޑރ. ޖަމީލުމެން ޓްވީޓްކުރުން އަދި މާގޯހެވެ.