ދިވެހީންގެރާއްޖޭގައި ޔަހޫދީ ތޮފި އަޅުވަދޭން އަރަބި ޖުއްބާވެރިން އޯކޭ؟
20 ބިލިޔަން ޑޮލަރ 12 ބިލިޔަން ޑޮލަރަށް ކުޑަވި ސޮއި
ދިވެހީންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ނިކަމެތިކަމުން އަރައިގަތުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. ތަކެއްޗާއި ހިދުމަތުގެ އަގުތައް ދުވަހުން ދުވަހަށް ދަނީ މަތިވަމުންމެވެ. ދިވެހިރާއްޖެއަކީ ހުރިހާ އެއްޗެއްހެން ރާއްޖެއިން ބޭރުން އެތެރެކުރަން މަޖުބޫރު ވެފައިވާ ބައެކެވެ. ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދަލަށް ޑޮލަރު ހޯދުމަކީ މި ވޭތުވެ ދިޔަ ދެތިން އަހަރުތެރޭގައި ފަސޭހަ ކަމަކަށް ނުވެއެވެ.
ސަރުކާރުން ދައްކާ ވާހަކަތަކާއި އަސްލާ ކޮންމެވެސް ވަރެއްގެ ފުށު އެރުންތަކެއް ހުރެއެވެ. ޑޮލަރު ރަސްމީ ރޭޓުގައި ގަންނަން ހޯދުމަކީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުން ކަހަލަ ކަމަކަށް ވަނީ ވެފައެވެ. ސަރުކާރުގެ ފިއްތުންތަކާއި ހުރެ މީހެއްގެ އަތުން ޑޮލަރެއް ގަތުމަކީ ތަކުލީފަކަށް ވަނީ ވެފައެވެ. މީގެ ދުވަސް ކޮޅެއް ކުރިން ބޮޑުއަގުގައި ނަމަވެސް ޑޮލަރު ވިއްކާ މީހުން އުޅުނެވެ. މިހާރުވެސް އުޅޭނެއެވެ. އެހެންނަމަވެސް ހައްޔަރު ވެދާނެ ކަމުގެ ބިރަށް އެމީހުންތައް ވަނީ ބިންގަރާހަށް ވަދެފައެވެ. ބޭންކުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ދައުލަތުގެ ބޭންކުތަކުން ވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް ފިޔަވަޅު އަޅަން ނިންމީ އަގުބޮޑުކޮށް ޑޮލަރު ވިއްކާ މީހުންނަށެވެ.
20 ބިލިއަން ޑޮލަރު ދިވެހި ދައުލަތަށް ލިބޭނެ ފަދަ ޕްރޮޖެކްޓެއް ލިބުމަކީ ނަސީބެކެވެ. ނަމަވެސް އެ ހޯދަން އުޅޭ ޑޮލަރުގެ ފަހަތުގައިވާ ސިއްރުތައްވެސް އެގިލަން ޖެހެއެވެ. އެއްބަސްވުން އަދި ސިއްރެވެ. ސިއްރެއް ނޯންނާނެ ކަމަށް ވައުދުވި ސަރުކާރެކެވެ.
އަބޫދާބީގެ މަޝްހޫރު އިންވެސްޓަރެއްގެ ކުންފުންޏަކުން ފައިސާ ހޯދާ އިރު އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިފަރާތުގެ ފަތިފުށް ބަލާލަން ވާނެއެވެ. ކުންފުނީގެ ވެރިފަރާތަކީ ދުބާއީގައި 8 ނޮވެމްބަރ 1956 ގައި އުފަންވި މުހައްމަދު އަލީ އަލައްބާރު ކިޔާ މީހެކެވެ. އެމެރިކާގެ ސިއޭޓަލް ޔުނިވާރސިޓީގައި 1981 ގައި ތައުލީމު ހާސިލު ކޮށްފައިވަނީ ފައިނޭންސް އެންޑް ބިޒަންސް މެނޭޖްމަނޓްގެ ދާއިރާއިންނެވެ. އެއަށްފަހު ޕީއެޗްޑީއެއް ހާސިލް ކުރިއެވެ. ދުބާއީގައި އިމާރު ކިޔާ ޕްރޮޕޮޓީ ބިލްޑިންގ ކުންފުންޏެއް 1997 ވަނަ އަހަރު އުފައްދާފައިވެއެވެ. މަޝްހޫރު ބޮޑެތި ޕްރޮޖެކްޓް ތަކަކާއި މި ކުންފުންޏާއި ގުޅުން ބޮޑެވެ. އަދި 2014 ވަނަ އަހަރު އީގަލްސް ހިލް ކިޔާ ކުންފުންޏެއް ހެދިއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގިއެވެ.
އަލައްބާރުގެ ސިޔާސީ ހަރަކާތްތަކަކީ ތަފާތު ގުޅުންތަކެއް ފާޅުވާ ގުޅުންތަކެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރުން ކަމުގައި އޭރިއަލް ޝެރޯން އާއި ޝިމޯން ޕެރޭޒް އާއި އިޒްރޭލުގެ ގިނަ ގުނަ ވަޒީރުންނާއި އެމެރިކާގެ ސިޔާސީ ފަރާތްތަކާއި ވަރަށް ގާތް ގުޅުންތަކެއް އޮވެއެވެ. އަލައްބާރުވަނީ 2005 ވަނަ އަހަރުން ފެށިގެން އިޒްރޭލަށް ސިއްރު ދަތުރުތަކެއް ކޮށްފައިކަން ޔޫއޭއީގެ ރައްޔިތުންނަށް ހާމަވުމުން ބޮޑެތި މައްސަލަތަކާއި ކުރިމަތިވިއެވެ.
ޔޫއޭއީ އަކީ އިޒްރޭލާއި ގުޅުން އޮންނަ ގައުމަކަށް އޭރު ނުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި އަލައްބާރު ވަނީ ކުރިމަތި ލާން ޖެހިފައެވެ. ބައެއް ލިޔުންތަކުން ބުނާ ގޮތުންނަމަ މީނާ ވަނީ އިޒްރޭލު ސިފައިން ފަލަސްތީނުން ހުސްކުރާ ބިންތަކުގައި ޔަހޫދީންނަށް އެ ބިންތަކުގައި އިމާރާތް އަޅާދީ ވަޒަންވެރި ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންގޮސްފަައިވެު.އެވެ.
އިޒްރޭލުގެ ބިންތައް ދޫކޮށްދާ ރައްޔިތުންގެ ބިންތައް ގަނެ ޑެވެލޮޕް ކުރާ ކަމުގެ ތުހުމަތު އަލްޖަޒީރާގައި 19 ފެބްރުއަރީ 2005 ވަނަ އަހަރު ޝާއިރު ކުރި ލިޔުމެއްގައި ވެއެވެ. އަދި އެ މަޝްރޫއުގެ އަގެއްކަމަށް 56 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވެސް އެ ލިޔުމުގައި ވެއެވެ. ހަމަ އެފަދައިން ދުބާއީގެ ޖޫއިޝް ކޮމިއުނިޓީއަށް ބެހުމަށް ޕްރިންޓް ކުރި ތައުރާތުގެ ސަފުހާއެއްގައި “This Torah is dedicated in honor of His Excellency Mohamed Ali Alabbar…”ލިޔެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރާއީލް ގައި 5 ޑިސެމްބަރ 2018 ގައި ވެއެވެ.
މިފަދަ ގިނަ ކަންތައްތަކެއް މީނާ އާއި ބެހޭ ގޮތުން ލިޔެފައިވާ ހަބަރުތަކެއް މިއަދުވެސަ އިންޓާނެޓު ނިއުޅާލުމުން ފެންނާން އެބަހުއްޓެވެ. ބައެއް ލިޔުންތައް ބުނާ ގޮތުންނަމަ ޔަހޫދީންނަށް ގެދޮރު ހޯދާ ދިނުމުގެ ގިނަ މަސައްކަތްތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގޮސްފައިވާ ކަމަށާއި ބައެއް ކަހަލަ މައްސަލަތަކާއި ކުރިމަތި ލާން ޖެހުނު ކަމަށް ވެއެވެ. އަލައްބާރު ވެފައިވަނީ އިޒްރޭލާއި ޔަހޫދީންގެ ކުންފުނިތަކާއި ހާއްސަ ގުޅުމަކުން ގުޅިފައިވާ ފަރާތެއް ކަމަށް 15 އޯގަސްޓު 2020 ގައި ޕޮރިން ޕޮލިސީގައި ޝާއިރު ކޮށްފައިވެއެވެ.
މަޝްހޫރު އެޕްސްޓީންއާއި އޮންނަ ގުޅުމުގެ ވާހަކަ ވައިނެޓް ނިއުސްގައި 29 އޯގަސްޓް 2020ވަނަ އަހަރުގެ ލިޔުމުގައި ވެއެވެ. އަދި މި ގުޅުންތަކުގެ ސަބަބުން ސުދާން ގައި އުފެދުުނު ހަމަނުޖެހުންތަކެއްގެ މައްސަލައެއް އދ ގެ އައިސީޖޭ ގައި ޔޫއޭއީއާއި ދެކޮޅަށް ކުރިމަތި ވިއެވެ. އަދި ފާކިސްތާނުގެ އިސްލާމް އާބާދުގެ އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތް ހުއްޓާލުމަށް ޕާކިސްތާނުގެ ރައްޔިތުންގެ އެއްވުންތަކުން ޖެހުނެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުންނަމަ ރަސް މާލެ ޕްރޮޖެކްޓް ހިންގުމުގެ ގާބިލުކަން އީގަލްސް ހިލްގައި ހުންނާނެއެވެ. އަލައްބާރުގެ ކިބައިގައި ވެސް ހުރެދާނެއެވެ. ނަމަވެސް ބަލާލުން ރަނގަޅު ދެ ކަމެއް މިވަގުތުވެސް ވެއެވެ. ދިވެހި ސަރުކާރުން އިއުލާނު ކުރީ 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ނަމަވެސް އީގަލްސްހިލް.ކޮމް ގައި ސޮއި ކުރި ހަބަރު ކުންފުނީގެ ފަރާތުން ލިޔުނު އިރުވަނީ 12 ބިލިއަން ޑޮލަރަށް ކުޑަވެފައެވެ. އަދި އެ ވެބް ސައިޓުން މިހާރުވަނީ އަދަދުތައް އުނި ކޮށްފައެވެ. އުފެދުނު ހިލާފުގެ އަސްލަށް ބަލާލުން ބުއްދިވެރިއެވެ.
އީގަލްސް ހިލް ކުންފުނިން އަލްބޭނިއާގައި ރަސްމާލެ ޕްރޮޖކްޓް ފަދަ މަޝްރޫއެއް ހިންގާފައިވެއެވެ. ބޮޑު މިނުގައި 450 ހެކްޓްރެވެ. ޔޮޓް މެރީނާ އަކާއި ވޯޓަރ ފްރަންޓް އިމާރާތްތަކަކާއި ހޮޓާތަކާއި 12،000 ލަގްޒަރީ ހައުސިން އާއި ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. މުޅި ޕްރޮޖެކްޓްގެ އަގު ކަމަށް އީގަސް ހިލް ކުންފުނިން ހާމަކުރަނީ 2.5 ބިލިއަން ޑޮލަރެވެ. ރަސްމާލޭގެ ޕްރޮޖެކްޓްގެ އަގުކަމަށް ސަރުކާރުން ހާމަކުރަނީ 20 ބިލިއަން ކަމަށެވެ. ނަމަވެސް ކުންފުންޏާއި ހަވާލާދީ ދި ފައިނޭންޝިއަލް ފަދަ ހަބަރުތަކުގައި ވަނީ 12 ބިލިއަން ޑޮލަރެވެ.
އީގަލްސް ހިލް ކުންފުނީގެ ގާބިލުކަން ހުރި ނަމަވެސް ޕްރޮޖެކްޓް ތައް ލަސްވުމާއި އަގުތަކުގެ މައްސަލަތަކަކީ ވެބް ސައިޓްތަކުގައި މަދު ވާހަކައެއް ނޫނެވެ. ސުވާލު އުފެދެނީ ސަރުކާރާއި މި އަލައްބާރުގެ ގުޅުމުގެ ސާފުކަމާއި މެދު ގައެވެ. ދިވެހި ސަރުކާރުން އިޒްރޭލާއި ވަރަށް ދުރެވެ. އިޒްރޭލުގެ ޔަހޫދީން ރާއްޖެ އައުންވެސް ވަނީ މަނާ ކޮށްފައެވެ. މަނާ ކުރި އިޒްރޭލު ރައްޔިތުންގެ ވިސާ އަކަށް މި ޕްރޮޖެކްޓް ނުވާނެ ކަމަށްވެސް ދިވެހީން ދެކެއެވެ.
ދުނިޔޭގައި މުސްލިމުންނާއި ދެކޮޅު ފަރާތްތަކުން ގިނަގުނަ ކަންކަން ކޮށްއުޅެއެވެ. ދީދާތުގެ ލެކްޗަރެއްގައި ރާއްޖޭގައި އޭނާ ވިދާޅުވިއެވެ. “ އެ ވެރިން ގައުމުތަކުގައި ހަންފެތުރުމަށް އެ ގައުމެއްގެ ސަގާފަތާއި އާދަކާދަ އެ ގައުމެއްގެ ރައްޔިތުންނަށްވުރެ ރަގަޅަށް ދަސްކޮށް އެ ގައުމެއްގެ ބަހުން ގައިރު ދީންތައް ފަތުރާން މަސައްކަތް ކުރާނެއެވެ. އަދި އެ ހާލަތުގައި އެ ގައުމުގެ ރައްޔިތުންނަށް ރަގަޅާއި ނުބައި އޮޅޭ ވަރު ވާނެއެވެ.”
އިސްލާމީ ޖުއްބާގައި ތިބި ޖައްބާރުންނަށް ދިވެހިވެރިން ވެގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ނެހެރޫ ޖުއްބާ ލާ ސަލަފުންނާއި އަރަބި ޖުއްބާއަށް ފަރިތަ މީހުންނަށް ޔަހޫދީންގެ އެޖެންޓުން އެގެންވާނެއެވެ. ބޮނަކުއަރ ފުޅިއަކުން ފެންބޮއިގެން އަރަބި ދަސްކޮށްފައި ތިބި މީހުން އަރަބި ބަހުގެ ސައިޓްތައް ބަލާލަން ދައުވަތު ދެމެވެ.




