މުއިއްޒު ނުހުއްޓުވާ ރަސްމާލެ ވާހަކަ ދެއްކުމުގެ މާނައެއްނެތް

މޫނަކަށް ކަނދުރާއަކަށް ނުބަލާ ހަދާނެ އެއްޗެއް ހަދާއިރު ކުރެވޭނެކަމެއްނެތް

މުއިއްޒު ނުހުއްޓުވާ ރަސްމާލެ ވާހަކަ ދެއްކުމުގެ މާނައެއްނެތް

ކޮށްފައި ނުކުރާނެ އެއްވެސް ކަމެއް މުއިއްޒު ނުއޮންނާނެކަން އެނގެންވީ ކޮންމެ ކަމެއް ކުރީމައެއް ނޫނެވެ. މުއިއްޒުގެ ހިތަށް އެވަގުތަކު އެރިގޮތަކަށް ކަންކުރީ ރަސްމާލެ ވިއްކުމުގައި އެކަންޏެއް ނޫނެވެ. ރަސްމާލެ ހިއްކަން ނިންމި ހިސާބުން ރަސްމާލޭގެ ކަންކަން ކުރަމުންއައީ މުއިއްޒު ހިތުހުރި ގޮތަކަށެވެ، ބަޖެޓް ނެތީސް ރައިއްޔަތުންގެ ފައިސައިން ލޯލާރިއެއްވެސް ހަރަދުނުކޮށް 8 މަސްތެރޭގައި ރަސްމާލެ ހިއްކާ ނިންމާނެ ކަމަށްބުނެ އެކަން ފެށީއްސުރެ އެކަމުގައި ކޮށްފައި ނުކޮށްއޮތީ ކޮންކަމެއްހެއްޔެވެ.

ރަސްމާލެއާއި މާލެ އާއި ދެމެދު ކަނޑުއަޑިން ބިއްލޫރި ޓަނަލް އަޅައިފިއެވެ. އެކޯސިޓީއެއްގެ ގޮތުގައިވެސް ރަސްމާލެ ތަރައްގީކޮށް ނިންމައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ޖައްރާފު ގެނެސްގެން އެތާ ބަކަ ތަޅުވައިފިއެވެ. އެންމެފަހުން ވިއްކާލަންވީމާ ވިއްކާވެސް ލަނީއެވެ. މުއްދަތެއް، އަގެއް، ނެގިކަޓެއް، އެކަން ކުރާގޮތެއް ނޭނގިގެން މިހާރަކު އުޅުމުގެ ބޭނުމެއް ނެތެވެ. އެކަހަލަ އެހެން ކަމެއް ތިލަވަންދެން މިހާރަކު އެވާހަކަ ދައްކާލަ ދައްކާލަ ތިބުމުގެ މާނައެއް ނެތެވެ.

ވެރިކަމަށް އަންނަންވެސް ވިއްކީ ދުނިޔޭގެތާކު މީހަކު ނުވިއްކާނެހާ ބޮޑެތި ބިޔަ ދޮގުތަކެވެ. ވެރިކަމަށް އެރުމަށްފަހު ވެސް ހަދަނީ ދޮގެވެ. ލަނީ އޮޅުވައެވެ. ވަނީ ހިޔާނާތެވެ. ވަކި އައުކަމެއް މިހާރަކު ނުހިނގައެވެ. މުއިއްޒު ކުރާ ކޮންމެ ކަމެއް ދަނީ އިންޑިއާ ސިފައިން ބޭލުމަށެވެ.

ފޯޅަވައްސާއި ގެއްލުނު ކަނޑު ހޯދާދީ ނިމިގެން އާޒިމާ ޝަކޫރަށް ދައުލަތުން ބޮޑު މުސާރައެއްދޭން ސަރަހައްދުތަކާ ބެހެން އޮފީހެއް ހަދާދީގެން މަތިބަރު ސަރުކާރުގެ ހަރަދު ކުޑަކޮށްފިއެވެ. ޑްރޯނުގެނެސްގެން އިންޑިޔާ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލިގޮތް ދުށީމު ނޫން ހެއްޔެވެ. މޯލްޑިވިއަން ބޯޓެއްގައި ކުރަހައިގެން އެއަރ އެމްބިއުލާންސް ބޭންކޮކަށް އުދުހުނުތަން ނުދެކެމު ހެއްޔެވެ. ފުނަދޫ ބޮޑުމޯލާއި ގުޅުވާ އެޅި މޮނޯ ރޭލް ފަތުއަޑު ކިޔާފާ އެހެރަ ދުވަނީއެވެ.

ހުޅުލޭ ހަލި މަގުގައި ހުރި ސޯލާޕެނަލް ހަރުތައް މިހާރު ކޮބައިހެއްޔެވެ. އައްޑޫ ބުރިޖާއި ތިނަދޫ ފްލޯޓިންގ ޓާމިނަލް އެއަރޕޯޓް ފެންނަން ނެތީހެއްޔެވެ. ހުޅުމާލެ ފިނޭންޝަލް ހަބް އެހުރީ ބުރުޖު ހަލީފާ ފަށްފަށް ކޮށްލާ ހިސާބުގައި ނޫން ހެއްޔެވެ. ކޮނޑުހުޅުން ނެއްޓެންދެން އަތް ނުޖަހާންވީ ކީއްވެހެއްޔެވެ.

ޓޫރިޒަމްގެ ޓެކްސްތަކާއި ފީތައް ބޮޑުކޮށް ވިޔަފާރީގެ އާމްދަނީ ބަހައްޓަންވީ ތަންނާއި ކުރަންވީ ކަންކަން ބުނެ، އިސްތިހާރުކޮށްދޭ މީހުން ނޮޅާލަން ދިމާކުރީމާވެސް ތިބެނީ ހަމަ ދެން ކީއްކުރާނީގައެވެ. ހާބަރު ކަޑަތައް ނަގަން އަންގާ ސަރުކާރުން ވާ އެއްބަސްވުންތަކަށް އިހުތިރާމެއްނެތި ބޭރާއި އެތެރޭގެ އިންވެސްޓަރުންނަށް ދައުލަތުގެ އިތުބާރު ކެނޑިދިޔަސް ބޮޑު ވަރިހަމައެވެ.

މަޖީލީހުގައި ބައިންޖަހާ ފަނޑިޔާރުންގެ މުގުރު އަތަށް ނަގާ އޭސީސީ ވާގިނައްތާލާ މީޑިއާ ކަނުބަދެލީ މާވެސް މިތިބީ ދެން ކީއްކުރަނީގައެވެ. ބައިއަޅައިގެން ދައުލަތް ބަހާ ކައިނިންމާލިޔަސް ބާރު ބާރަށް ދެދުވަހަކު އެވާހަކައެއް ދައްކާލުމަށްފަހު މިތިބެނީ ކުޅި ބަލާށެވެ. ރަސްމާލެ ވިއްޔާ ވަކީންވާނީ ކޮންގޮތެއް ހެއްޔެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހަދާނެ އެއްޗެއް ހަދަމުން ދާއިރުވެސް ކުރާނެކަމެއް އޮންނަ ކަމަށްވަނީއެއް ނޫނެވެ.