މަރާލާފައި އޮތް 17 އަހަރުގެ އަންހެން ކުއްޖަކު ފެނިއްޖެ
ގްރޕަކުން ރޭޕްކޮށް މަރާލިކަމުގެ ތުހުމަތު 4 މީހަކަށް
ނިއުދިއްލީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.
ނިއުދިއްލީ — އުތުރު ދިއްލީގައި 17 އަހަރުގެ އަންހެން ކުއްޖަކު ގްރޫޕަކުން ރޭޕްކޮށް، މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުރާވަރުގެ ހަތަރު ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވި އަންހެން ކުއްޖާއަކީ އޭގެ ތެރެއިން އެކަކާ (17 އަހަރުގެ ފިރިހެން ކުއްޖަކާ) ދަންނަ ކުއްޖެކެވެ. އޭނާ އެ ކުއްޖާޔާ ބައްދަލުކުރުމަށް ގޮސްފައިވަނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، އެ ގްރޫޕުން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރުމަށްފަހު، ހުސްބިމަކަށް ގެންގޮސް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ސެޕްޓެމްބަރު 13 ވީ ހުކުރު ދުވަހު، ސަރޫޕް ނަގަރުގެ ކުޝާކް ރޯޑް ކައިރީގައި އޮންނަ ހުސްބިމަކުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާއިރު، ހަށިގަނޑު އޮތީ ފަތްތަކާއި މަޑުން ފޮރުވައިފައެވެ.
މި މައްސަލައިގައި އުމުރުން 19 އަހަރުގެ ޝިވަމް ގަނޭޝް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާއިރު، 16 އަހަރާއި 17 އަހަރުގެ އިތުރު ތިން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ޖަރީމާ ހިންގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި ބައެއް އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ.
މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ފުލުހުން ވަނީ އެ ސަރަހައްދުގެ 50 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ޗެކްކޮށް، ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ފެނުނު ޓެމްޕޯއެއްގެ މައުލޫމާތު ހޯދާފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، ފޮރެންސިކް ތަހުލީލުތަކާއި ހައްޔަރުކުރި މީހުން މީގައި ބައިވެރިވި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.


