ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެއްޖެ
އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖެނެރަލް ސަންޓޯސް ސިޓީއަށް
ފިލިޕީންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މިންޑަނާއޯގެ އައްސޭރިފަށަށް ހޯމަ ދުވަހު އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. މި ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރުތައް އުވާލާފައެވެ.
މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައިވަނީ ޖެނެރަލް ސަންޓޯސް ސިޓީއަށެވެ. އެ ސިޓީގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އެހެނިހެން ބިނާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީސްމޮލޮޖީން ހާމަކޮށްފައިވާ ގޮތުގައި، ބާރުގަދަ ބިންހެލުމަށްފަހު ގިނަ އަދަދެއްގެ ލޮޅުންތައް (އެފްޓަރޝޮކްސް) ދަނީ އަންނަމުންނެވެ. ބިންހެލުން އައި ވަގުތު މަގުތައް އާދަޔާ ހިލާފަށް ގުޑައި، ގަސްތައް ހޫރި، މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ކިޔައިދީފައިވެއެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވީ، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތައް މިހާރު ތައްޔާރީ ހާލަތަށް ގެނެވިފައިވާ ކަމަށާއި، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. މިއީ އެ ގައުމުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަހަށް ވުމާއެކު، މި ހާދިސާގެ ސަބަބުން 3.2 މިލިއަނަށްވުރެ ގިނަ ދަރިވަރުންނާއި 128,000 އެދުރުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.
ބިންހެލުމާ ގުޅިގެން ފިލިޕީންސާއި އިންޑޮނޭޝިއާގެ އިތުރުން ސަރަހައްދުގެ ބައެއް ގައުމުތަކަށް އެންމެ ފުރަތަމަ ސުނާމީގެ އިންޒާރު ނެރުނެވެ. ގިނަ ސަރަހައްދުތަކުން އެ އިންޒާރު ފަހުން އުވާލި ނަމަވެސް، ޖަޕާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގޮނޑުދޮށްތަކާއި، ކޯރުތައް ކައިރިއަށާއި، ތިރި ސަރަހައްދުތަކަށް ނުދިއުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.


