ޔާމީނު ކައިރީގައި އުޅުނުހާ ވަގުން ތިބީ މުއިއްޒާއެކު ގަދަކޮށް

ޔާމީނު ކައިރީގައި އުޅުނުހާ ވަގުން ތިބީ މުއިއްޒާއެކު ގަދަކޮށް
ފޮޓޯ: ފައިލް

ކުރީގެ ރައީސުންނަށް ނިސްބަތްކޮށް ބުރަކައްޓަށް ވަޅިޖަހާ ވާހަކަ ރައީސް މުއިއްޒު ދެއްކީމާ މީހުން ކުރަނީ މަލާމާތެވެ. ކުރީގެ ރައީސުންނަކީ ފޭލިވެފައި ތިބި ބައެކޭ މުއިއްޒު ބުނީމާ އަންނަނީ ހިންޏެވެ. އަމްދުން ރައީސް ޔާމީނަށް ނިސްބަތްކޮށް އަނިޔާއާއި ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ މުއިއްޒު ދެއްކުމަކީ ގަރުނުގެ ބޮޑު ޖޯކެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. 2013 ނޮވެންބަރު 17 އިން ފެށިގެން ރައީސް ޔާމީނު ކުރެއްވި 5 އަހަރުގެ ވެރިކަން ފެށުނީއްސުރެ ނިމެންދެން ޑރ. މުއިއްޒަކީ ޔާމީނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރެކެވެ. ރައީސް ޔާމީނަށް ނިސްބަތްކުރާ ކޮންމެ ނުބައެއްގެ ފުރިހަމަ އެއް ބައިވެރިއަކަށް މުއިއްޒު ނުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ކުދި ބޮޑު ހުރިހާ ޕްރޮޖެކްޓެއްގައި ހިމެނޭ ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ ޒިންމާ ރައީސް ޔާމީނަށްވުރެ ބޮޑަށް އުފުލަންޖެހޭ މީހަކީ ޑރ. މުއިއްޒެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ތުހުމަތު ކުރެވުނު ބޮޑެތި ވައްކަންތަކާއި ހިޔާނާތާއި އަނިޔާގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދައްކަމުން ދިޔައިރު މުއިއްޒު ހުރީ ރައީސް ޔާމީނުގެ ކެބިނެޓްގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ މުޅި ދައުރުގައި ކެބިނެޓް ވަޒީރަކަށް ހުރި މުއިއްޒު ޔާމީނު ސަރުކާރޭ ކިޔައިގެން މިހާރު އަނގަ ހުޅުވަން ލަދު ނުގަންނަ ކަމެވެ. 

ރައީސް ޔާމީނަށް ނިސްބަތްކޮށް މުއިއްޒު މިހާރު ދައްކާ މުޑުދާރު ވާހަކަ ގަބޫލު ކުރެވުނީހީ ޔާމީނު ވެރިކަން ކުރާލެއް ގޯސްވެގެން ކެބިނެޓުން އިސްތިއުފާދީފާ އެސަރުކާރުން ނިކުމެ ހުރި ނަމަތާއެވެ. ވެރިކަން ލިބެންދެން ޔާމީނު ވަރެއްނެތިގެން އުޅެފައި ނެތް މީހެއް ނަމަތާއެވެ. މުއިއްޒު ދައްކާ ވާހަކައަށް އަތްޖަހާ މީހުންނަށް ވެސް މުއިއްޒުގެ ހުރި ނުބައި ނުލަފާކަމާއި މުނާފިގުކަމާއި ކާންދޭ އަތުގައި ދަތްއަޅާކަން ރަނގަޅަށް އެނގޭނެއެވެ. 

ކަޅުއޮށު ބަޑުދަށުން ކޮރަކަލި ބޮޑުވާ އުސޫލުން ވެރިކަން ލިބެންދެން ޔާމީނުގެ ބަނޑުވާ ހެދިގެން އުޅެފައި ޔާމީނު ސަރުކާރުގެ ހިޔާނާތާ ފަސާދައާއި އަނިޔާގެ ވާހަކަ މުއިއްޒު ދެއްކާއިރު ދެލޯ ހުޅުވައިގެން ރަނގަޅަށް ބެލީމާ ފެންނަ މަންޒަރު ތަފާތެވެ. ޔާމީނު ސަރުކާރުގެ މަތިފަޑީގައި ކޮރަޕްޝަނާއި ފަސާށަދަ ހިންގަން އުޅުނު އެންމެންހެން ތިބީ މުއިއްޒާއެކުގައެވެ. އޭރު ދަނޑިމަތި އެނބުރި އަދީބެއް ސައީދެއް ފަޒުލެއް ޝުޖާއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ޔާމީނު ސަރުކާރުގައި ތިބިހާ ވަގުން އޭރުވެސް މިހާރުވެސް ތިބީ މުއިއްޒާއެކު ގަދަކޮށެވެ.