ގެގް އޯޑަރާއި ގުޅިގެން ހައިކޯޓު ރަޖިސްޓްރަރގެ ނިންމުން ގާނޫނާ ހިލާފް
އަދަދު ނޫހުން ޝާއިއުކުރި އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސުލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުއްލާ ދީދީ ވިދާޅުވެއްޖެއެވެ.
މައްސަލާގައި ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ. ނަމަވެސް ޑރ. އަހުމަދު އަބްދުއްލާ ދީދީ ވިދާޅުވަނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ހައްގުކަން އެނގެން އޮންނައިރު، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމަށެވެ.
ހަވާލާދެވޭ ކޯޓު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިންވެސް ޝާމިލުވެގެންވާކަން އެނގެން އޮންނަ ހިނދު، ނޫސްވެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮރގަނައިޒޭޝަން ކަމުގައިވާ އެމްޖޭއޭ އަކަށް ބުނެވުނު އަމުރު އިސްތިއުނާފު ކުރުމުގެހައްގު ލިބިގެންނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއެވެ.




