ހިތަދޫ އުތުރަށް ހޮވަންޖެހެނީ މުލިއާގެއިން ބައިލައްކަ ހޯދަން ނުދުވާނެ މެންބަރެއް
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) އަކީ ގަނެވޭނެ މީހެއް ނޫން ކަމަށާއި ފައިސާ ހޯދަން މީހެއް ކައިރިއަށްވެސް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
މުލީއާގެއިން ދޭ 50،000ރ. ހޯދަން ދުވާ މެންބަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އޮނަރަބަލް އަސްލަމް އެހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރކަމަށް ވާދަކުރައްވާ އަަބްދުއްލާ ސޯދިގު (ސޯބެ)ގެ ކެންޕޭން ނިންމުމަށް ބޭއްވި ޖަލްސާދައި ރޭގައި ވާހަކަ ދައްކަވަމުންނެވެ.
ސޯބެގެ ކެމްޕެއިން ޖަލްސާގައި އަސްލަމް ވިދާޅުވީ ފައިސާގެ މުއާމަލާތުގައި ސޯބެ އެއްވެސް މީހެއް ކައިރިއަށް ސަލާމުގެ މަގުގައި ވަޑައިނުގަންނަވާނެ ކަމަށެވެ. ސޯބެއަކީ ވިކޭނެ ބޭފުޅެއް ނޫންކަމަށާއި ގަނެވޭނެ ބޭފުޅެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ކެމްޕެއިނަށް ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މީހެއް އަތުން ސޯބެ ފައިސާ ދިނުމަށް އެދިފައި ނުވާކަން ޔަގީން ކަމާއެކު އަސްލަމް ފާހަގަކުރައްވިއެވެ.
ވޯޓުގަތުމާއި ވޯޓުވިއްކުމަކީ އެމްޑީޕީގެ ފަލްސަފާގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ވޯޓުން ވިޔަފާރިކުރުމަކީ އެމްޑީޕީން ގަބޫލުކުރާ ކަމެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވެއެވެ. ރާއްޖޭގެ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ވޯޓުގަތުމާއި ވޯޓު ވިއްކުމަކީ ރާއްޖެއިން މުޅިން ނައްތާލަންޖެހިފައިވާ ކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
" އަޅުގަނޑުމެން މިކުރާ އިސްލާހުގެ މަސައްކަތުގެ ތެރެއިން ވޯޓު ގަތުމާއި ވިއްކުަމަކީ މުޅިން ނައްތާލަންޖެހޭ ކަމެއް،" އަސްލަމް ވިދާޅުވިއެވެ. ވޯޓު ވިއްކައިގެން ހޮވާ މެންބަރަކާ ގުޅިގެން ފަހުން ނުކުންނަ ނަތީޖާއާމެދުވެސް ވިސްނަން ޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ވޯޓު ވިއްކުމާއި ގަތުން ގާނޫނުން މަނާކުރި ނަމަވެސް އެކަން ރާއްޖޭގައި ތަންފީޒު ނުވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވިއެވެ. ރިޝްވަތުގެ ގޮތުގައި މުލީއާގެއިން ދޭ 50،000ރ. ހޯދަން ދުވާ މެންބަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިޔަ ނުދިނުމަށްޓަކާ ވެސް ހިތަދޫ އުތުރު ދާއިރާއިން ސޯބެ ހޮވަންޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.


