އޭ މިހިރަ ދިދަޔާއޭ! ތިބާއަށް ހޮއްލީ ހޮޅި!

އޭނާ އެ އުޅުނިއްޔަކީ ތިބާ ދެކެވާ ލޯތްބަކުންނޫން

އޭ މިހިރަ ދިދަޔާއޭ! ތިބާއަށް ހޮއްލީ ހޮޅި!

އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާ ތިޔަ ވިހުރެނީ ހާދަ މަތީގައެވެ. ތިބާ ތިޔަހާ މަތީގައި ވިހުރުވޭއިރު މިތާ ހަމަ ބިމުގައި ހިނގާ ކަންކަން ހަމަ ނޭނގެނީ ހެއްޔެވެ. ތިބާ ތިޔަހެން ވިހުރި ވިހުރި ހުއްޓާ މިތާ ހިނގާ ނިމި ގޮސްފައިވަނީ ހަދަހާ ކަންތައް ތަކެކެވެ. ތިބާ ތިޔަހުރީ އެކަންކަމާ އަޅާ ކަހާވެސް ނުލައެވެ. 

އޭ މިހިރަ ބޮޑު ދިދަޔާއެވެ. 12، 13ގެ ދުވަހު ދިދަބުޑަށް އެއްވިހާ މީހުން ނުދެކެން ހެއްޔެވެ. ތިބާއަށް އެމީހުންގެ އަޑު ނީވެނީ ހެއްޔެވެ. ރޭނިދި ނުނިދާ އެމީހުން ތިބާ ގާތުގައި އެއްވެ ކުރިހާ ޑިމާންޑް އެނގުނު ކަމަށް ނުހެދީ ހެއްޔެވެ. ބަނޑޭރިގެއިން ނިކުތް ބަޔަކު ނިކުމެ ގުންފައި ޖަހާފައި އަނިޔާވެރިކަމާއެކު އެމީހުން ފައްސާ ނަގާލިތަން ނުދެކެނީ ހެއްޔެވެ. ހަތަރެސްފައިގައި ބިޑިއަޅައިގެން އެތައް ސަތޭކަ ބަޔަކު ދޫނިދޫއަށް ގެންދިޔައީ ވެސް ތިބާ ތިޔަހެން ހުއްޓައެވެ.

އޭ މިހިރަ ބޮޑު ދިދަޔާއެވެ. ދެވަނަ 12،13ގެ ދުވަހު ތިބާގެ ގާތުގައި އިށީދެލައިގެން ތިބި ހައެއްކަ މީހުންނަށް އެދުވަހު ބަޔަކު ކުރި އަނިޔާ ނުދެކެން ހެއްޔެވެ. އެމީހުންގެ ލީޑަރަކަށް އެތާ އިން މީހާ ބަނޑު ބިންމަތީ ދަމަމުން ރަހުމުކުޑަ އަނިޔާވެރި ގޮތަކަށް ގެންގޮސް ފުލުސް އޮފީހަށް ވެއްދިއިރުވެސް ތިބާ ހުރީ ހަނެވެ.

އޭ މިހިރަ ބޮޑު ދިދަޔާއެވެ. 22ރޭ ބާވީސްދުވާ ވަންދެން ބަޔަކު ނިކުމެ ގާނޫނީ ސަރުކާރަކާ ދެކޮޅަށް ބަގާވާތް ކުރީ ތިބާ ކައިރީގައެވެ. ފެބްރުއަރީ މަހެއްގެ ހަތްވަނަ ދުވަހުގެ ހެނދުނު ސިފައިންނާއި ފުލުހުންގެ ކުރިމަތިލުން ހިނގީ ތިބާ ތިޔަހެން ހުއްޓައެވެ. އެންމެ ފަހުން ތިބާގެ ބުޑުގައި ދޮންވެ ފައްކާވެގެން އައި ބަގާތްވާތް ލާފުރާ ފުރިހަމަވެ ރައްޔިތުން އިންތިހާބުކޮށްފައި ހުރި ރައީސަކަށް އިސްތިއުފާ ދޭން މަޖުބޫރުވެ އިސްތިއުފާ ދިނީވެސް ތިބާ ތިޔަހެން ވިހުރި ވިހުރި ހުއްޓައެވެ. 

އޭ މިހިރަ ބޮޑު ދިދަޔާއެވެ. މަޖުބޫރުވެގެން އިސްތިއުފާދިން ރައީސަށްޓަކާ ނިކުތްހާ މީހުން ތިބާ ދެކޭނެއެވެ. އެމީހުންގެ ޖަޒްބާތުތަކާ ދެކޮޅަށް ބާރުތަކުން ތަޅާ ރާކިސް ގަންނަވާލިތަން ވެސް ތިބޭ ދެކޭނެއެވެ. 

އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާދެކެ މާ ލޯބިވާ މީހަކަށް ހެދިގެން އިހަށް ދުވަހު މީހަކު އުޅުނު ވައްތަރުވެސް ދެކޭނެއެވެ. މާގައުމީ ވެގެން ކުޅުނު ޑްރާމާ ތިބާއަށް ފެންނާނެއެވެ. އޭނާވެސް އެ އުޅުނިއްޔަކީ ތިބާ ދެކެވާ ލޯތްބަކުންނޭނެވެ. އޭނާ އެދައްކާދިނީ ތިބާ ރަމްޒުކޮށްދޭ ދިވެހި ރާއްޖޭގެ ހަޒާނާގެ މައްޗަށް އޭނާގެ ހިތުގައި އޮތް އެދުންވެރިކަމެވެ. ދިވެހިންގެ މައްޗަށް ބާރުވެރިވުމަށް އޮތް ޝައުގެވެ. އޭރު އެތާ އޭނާ އެކުޅުނީ އަސްލެއްނެތް ހޮޅި ޑްރާމާއެއްކަން އެގެންޏާ އެންމެ ރަނގަޅަށް އެނގޭނީ ވެސް ތިބާއަށެވެ.

އޭ މިހިރަ ބޮޑު ދިދަޔާއެވެ. ތިބާއީ އެއްވެސް އިހުސާސެއް ނެތް މާއްދީ ރަމްޒެއްކަން އެންމެނަށް ވެސް އެނގެއެވެ. ކިތަންމެ މަތީގައި ވިހުރުނަސް ކިތަންމެ ތިރީގައި ވިހުރުނަސް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ގައުމެއްގެ ހާލަތު ބަދަލު ކުރާނީ އެ ގައުމެއްގައި އުޅޭ ބައެކެވެ. ގައުމު ރަމްޒުކޮށްދޭ ދިދައެއް ނޫނެވެ. ތިބާގެ ކުށެއް ނެތެވެ.