ގައުމު އަޅުވެތިކުރުމުގައި މުއިއްޒެކޭ ބޭރުބައެކޭ ތަފާތެއްނެތް
ޑިކްޓޭޓަރުން ރައްޔިތުން އަޅުވެތިކުރުމުގެ ހަތިޔާރަކީ ގައުމިއްޔަތާއި ދީނާއި ހަޒާނާ
ހަމައެކަނި ޕޯޗުގީޒުންނާއި ހޮޅިންގެ ވާހަކަ ދައްކައިގެން މިހާރަކު ފަރުޖެއްސޭކަށް ނެތެވެ. އަޅުވެތި ކަމަކީ ބޭރުން ބަޔަކު އައިސް އިސްތިއުމާރުކުރާ ކުރުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެތެރެއިން ރައްޔިތުންނަށްޓަކާ ރައްޔިތުން އިންތިހާބުކުރާ މީހެއްގެ މުށުތެރޭގައި ގައުމު އަޅުވެތިވުމުގެ ނުރައްކާ މާބޮޑެވެ.
ބޭރުގެ ބާރަކުން ގައުމެއް އަޅުވެތިކޮށްގެން އުޅޭނަމަ އެފަދަ އެހެން ބާރަކުން އެގައުމެއް މިނިވަންކޮށްދިނުމަށް މަސައްކަތްކޮށްދެއެވެ. އިރާގުން ކުވޭތަށް އަރައެއް ނުތިބެވުނެވެ. އަފްގާނިސްތާނުގައި އެމެރިކާއަކަށްވެސް ނޯވެވުނެވެ. އިޒްރޭލަށް ފަލަސްތީނުގައިވެސް ލާހިއްޕައެއް ނުލެވެއެވެ. ރަޝިޔާއަށް ޔުކްރޭން ހިފޭގޮތެއް ނުވެއެވެ. މިނިވަން ގައުމެއްގެ ސިޔާދަތަށް ބޭރުގެ ބާރަކުން އަރައިގަނެ އަޅުވެތިކުރުމަކީ މިހާރަކު ފަސޭހަކަމެއް ނޫނެވެ. އެމެރިކާއާއި ރަޝިޔާ ފަދަ އާރާބާރު ހުރި ގައުމުތަކަށް ވެސް މިޒަމާނުގައި ގައުމެއް އަޅުވެތި ކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
އެހެނެއް ކަމަކު ރައްޔިތުންގެ ތެރެއިން ރައްޔިތުންނަށްޓަކާ ރައްޔިތުން ހޮވާ ވެރިން އެ މީހުންގެ ގައުމުތައް އަޅުވެތިކޮށް މިނިވަންކަން ނަގާލުމަކީ ދުނިޔެ މިހާރުވެސް ތަޖުރިބާ ކުރަމުންދާ ކަންކަމެވެ. ދުނިޔޭގެ މަޝްހޫރު ޑިކްޓޭޓަރުން އެ މީހުންގެ ރައްޔިތުން ގެންގުޅުނީ އަޅުންގެ ގޮތުގައެވެ. ގާނޫނު ނިވައިފަތް ގަނޑަކަށް ހަދައިގެން މުޅި ގައުމު އެ މީހުން ފުޅިއްސާލީ ގައުމިއްޔަތާއި ދީނާއި ސިޔާދަތާއި ހުއްރިއްޔަތާއި ވަތަނިއްޔަތު ކޮނޑުޖަހާލައިގެންނެވެ.
ޑިކްޓޭޓަރުން ވެރިކަން ހޯދަނީ އަތްގުޅިނުކާ އެތައް ސަތޭކަ ވައުދެއްވެ ރައްޔިތުން ޅޮސްއުނދޯއްޔަށް ލައިގެން ހޯދާ ވޯޓުންނެވެ. ވެރިކަން ލިބުމާއެކު ދިމާކުރަނީ ވައުދުތައް ފުއްދުމުމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ ނަމުގައި ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު ހޯދުމަށެވެ. ރިޝްވަތާއި މަގާމުގެ ނުފޫޒުގައި ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އަތަށް ނަގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ލިބުމާއެކު އޭނާގެ ބާރު މުޅި ގައުމުގެ މައްޗަށް ފަތުރާލަނީ ގާނޫނުތައް ގަޔަށް ހެޔޮވަރަށް ކޮށާމަށައިގެންނެވެ.
ގާނޫނު ހަދާ މަޖިލީހަކީ ވެރިޔާގެ ގޮނޑިކޮއްކޮއަކަށް ވުމާއެކު ގާނޫނުގެ ނިވަލުގައި މުޅި ޝަރުއީނިޒާމާއި މާލީ ނިޒާމް ވެރިޔާގެ ފައިކޭޓަށް ވަދެގެން ދެއެވެ. ފާރަވެރި މުއައްސަސާތަކަކީ ގާނޫނުގެ ތެރެއިން ވެރިކަން ދަމަހައްޓަން ވެރިޔާ ގިރިޓީ ކޮށްދޭ ބަޔަކަށް ބަދަލުކޮށްލައެވެ. އާހިރުގައި މުޅި ދުސްތޫރަކީ ވެރިމީހާއަށް ބަދަލުވެ މުޅި ގައުމަކީ ވެސް ވެރިމީހާކަމަށް ހަދައެވެ. ގައުމިއްޔަތާއި ސިޔާދަތާއި ދީން އަންގާ ގޮތަކީވެސް ވެރިމީހާ ގަބޫލުކުރާ ގޮތްކަމަށް ހަދައެވެ.
ޑިކްޓޭޓަރުން އޭނާގެ ގައުމާއި ރައްޔިތުން އަޅުވެތިކުރުމަށް ގެންގުޅޭ ހަތިޔާރަކީ ގައުމިއްޔަތާއި ދީނާއި ގައުމުގެ ހަޒާނާއެވެ. ހުރިހާ ޑިކްޓޭޓަރުންވެސް އިހުގެ ބަތޮލުންގެ ޖިހާދުގެ ވާހަކައާއި މިނިވަންކަން ދިފާއުކުރުމުގެ ވާހަކަ ބާރުބާރަށް ދައްކަމުން މުޅިގައުމާއި ރައްޔިތުން އަޅުވެތިކޮށް މިނިވަންކަން ކަފުންކޮށް ވަޅުލައެވެ.
ދިވެހި ރައްޔިތުންނަށްޓަކާ، ދިވެހި ރައްޔިތުންގެ ތެރެއިން، ދިވެހި ރައްޔިތުން މިހާރު އިންތިހާބުކޮށް ވެރިކަން ދީފައިވާ ޑރ. މުހައްމަދު މުއިއްޒުގެ އުޅުމާ ގުޅުންތައް ހުރިގޮތުން އޭނާއަކީ ރޮބަޓް މުގާބޭ ފަދަ ޑިކްޓޭޓަރެއް ކަމުގައި ނުބުނެވޭ ވަރެއް ނޫނެވެ. މުއިއްޒުގެ އަޅުވެތިކަމެކޭ ބޭރުބައެއްގެ އަޅުވެތިކަމެކޭ ރައްޔިތުންނަށް ތަފާތެއް ނެތެވެ.


