އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ފެށުން

އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރުގެ ދަށުން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމެއް

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ފެށުން

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ. ހިދުމަތް ފައްޓަވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުއްލާ ޒާހިރު އާއި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ. 

މަންދޫ ފެނާ ނަރުދަމާ ނިޒާމަކީ މަންދޫ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި އެކު ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމެކެވެ.  

17 އޮގަސްޓް 2016 ގައި އެއްބަސްވެވުނު މަންދޫ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް އައިކެއަރ އިން ނިންމާ 31 އޮގަސްޓް 2023ގައި މަންދޫ ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ. މަންދޫއަށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް މަންދޫ ކައުންސިލުން ހަމަ އެދުވަހުވަނީ ސްޓެލްކޯއާއި ހަވާލުކޮށްފައެވެ. 

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވިދާޅުވީ ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށެވެ. މަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ނިންމާ އެ ހިދުމަތްދޭން ފެށުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާއި އެކުގައި ކަމަށް މަންދޫ ކައުންސިލްގެ ނައިބު ރައީސް ފަހަގަ ކުރެއްވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާއި ސްޓެލްކޯ އެމްޑީ ޝަރީފް މަންދުއާއި މެދު ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރު ކަރަންޓާއި ހަވާލުވެ އެ ރަށަށް ވެސް އޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. މުޅި ރަށުގެ ކޭބަލް ނެޓްވޯކް ވަނީ ބަދަލުކޮށްދެއްވާފައިކަން އެއްކަމަކަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއާއެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވުން އެއީ އަދި އެއަށްވުރެ މާ މުހިއްމު ކަމެއްކަމަށެވެ. "މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް، ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" އިބްރާހިމް ހުސައިން ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރާއި، ސްޓެލްކޯގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. މިފަދަ މަސައްކަތްތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމު ކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމަ އެކަނި ސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ކަންކަން ނުކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. " އަޅުގަނޑުމެން އަބަދުވެސް ޕްރައިވެޓް ސެކްޓާރއަށް ދައުވަތު އަރުވަން، އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެން ދޮރު ހުޅުވާލާފައި ބާއްވަން." ކަމަށް ސްޓެލްކޯ އެމްޑީ ވިދާޅުވިއެވެ. 

ސްޓެލްކޯއާއި ހަމަޔަށް މަންދޫގެ މި ޕްރޮޖެކްޓް އައި އިރު ރިކުއަރމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރިކަމަށް ސްޓެލްކޯއިން ފާހަގަކުރިއެވެ. މަންދޫ ފެނާ ނަރުދަމާގެ ހިދުމަތާ ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާއި އެކު ހަވާލުވުން ލަސްވިކަމަށާއި، އެހެން ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއަރމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ފެނެވެ. އެހެން އެކަން އޮތް ނަމަވެސް، މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. "އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން" އެމްޑީ ޝަރީފް ވިދާޅުވިއެވެ.