ކޮޗިންގައި ޓްރިވެންޑްރަމް އަންހެނަކު މަރުވެފާ އޮއްވާފެނިއްޖެ
އޭނާ ފެނުނީ އޮރިޔާން ހާލުގައި އޮއްވާ
އެރްނާކުލަމްގެ ކަރުކުއްޓީގައި ކުއްޔަށް ހިފާފައިވާ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ތިރުވަނަންތަޕޫރަމަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފްލޮރެންސީ ނަމަކަށް ކިޔާ އަންހެނެކެވެ. ފުލުހުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ގޭގައި ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަންޏެވެ. އަދި އޭނާއަކީ އެ ސަރަހައްދުގައި ލޮޓަރީ ޓިކެޓް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ އެ ގޭތެރެއިން ނުބައި ވަސް ދުވާތީ އަވަށްޓެރިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
ފުލުހުން އެ ގެއަށް ގޮސް ބެލި ބެލުމުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ އޮރިޔާން ހާލަތުގައެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވިތާ މިހާރު ހަތަރެއް ނުވަތަ ފަސް ދުވަސް ވެދާނެއެވެ. މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ، ފޮރެންސިކް ޓީމުން ދަނީ އެ ގޭގައި އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.


