ޓްރަމްޕް ގެ މައްޗަށް ސާބިތުވި ޖިންސީ ގޯނާކުރުމުގެ ހުކުމް ބާތިލެއް ނުކުރި
ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޓްރަމްޕް ދައްކަވާފައެވެ.
އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިއްވާފައިވާ ހުކުމް ބާތިލްކުރުމަށް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް ބޭރުކޮށްލައިފިއެވެ.
ލިޔުންތެރިޔާ އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކޮށް، އޭނާގެ އަބުރަށް އަރައިގަތްކަމަށް ކަނޑައަޅައި މަދަނީ ކޯޓަކުން އިއްވާފައިވާ ހުކުމް މުރާޖައާކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. މީގެ ކުރިން ޖޫން މަހުވެސް އެ ކޯޓުން ވަނީ މިފަދަ ހުށަހެޅުމެއް ބޭރުކޮށްލާފައެވެ.
ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އަދި މި މައްސަލަ ބެއްލެވި ފަނޑިޔާރު، ޖޫރީންގެ ނިންމުމަށް ނުފޫޒު ފޯރާފަދަ ހެކިތަކެއް ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
1990 ގެ އަހަރުތަކުގެ ތެރޭގައި ޓްރަމްޕް އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކެރޯލް ހުށަހެޅި މައްސަލައިގައި، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޓްރަމްޕް ވަނީ މިދިޔަ ޖުލައި މަހު ދައްކަވާފައެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި މި ހާދިސާއަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކޯޓުގެ މި ނިންމުމާ ގުޅިގެން ކެރޯލް ވަނީ އޭނާގެ ގާނޫނީ ޓީމަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަނި ހުރި އުމުރުން ދުވަސްވީ އަންހެނަކަށް ބޮޑު ބަދަލެއް ނުގެނެވުނު ނަމަވެސް، ގާބިލް ގާނޫނީ ވަކީލުންނާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އަންހެނުންގެ އެހީތެރިކަމާއެކު ނުވާނެ ކަމަށް ހީކުރި ކަންކަން ހާސިލްކުރެވިއްޖެ ކަމަށެވެ.
ކެރޯލްގެ ވަކީލު ރޮބާޓާ ކަޕްލާން ވިދާޅުވި ގޮތުގައި، ޓްރަމްޕް ޖިންސީ ގޯނާކޮށް އަބުރަށް އަރައިގަތް ކަމަށް ނިންމި ނިންމުމަކީ މިހާރު ނިހާއީ ނިންމުމެކެވެ. އަދި އެއްވެސް ކޯޓެއްގައި އެ ނިންމުން ދެން އިސްތިއުނާފު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން ދެކޮޅު ހެދި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ގާނޫނީ މާހިރުން ދެކޭ ގޮތުގައި، ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށްދިނުމަށް ޓްރަމްޕް އެދިވަޑައިގަތުމަކީ އާންމުކޮށް ކޯޓުން ބަލައިގަންނަ ކަމެއް ނޫނެވެ.
މިހާރު އުމުރުން 82 އަހަރުގެ ކެރޯލް، ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރީ 1990 ގެ މެދުތެރޭގައި މެންހަޓަންގެ ފިހާރައެއްގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ. އަދި 2022 ވަނަ އަހަރު ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ކެރޯލްއަކީ އޭނާ ގަޔާވާ ކަހަލަ މީހެއް ނޫން ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެން އަބުރުގެ ދައުވާ އުފެދުނެވެ.
ކޯޓުގެ ފަހުގެ ނިންމުމާ ގުޅިގެން ޓްރަމްޕް އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޖޫން މަހުގެ ނިންމުމަށްފަހު އޭނާ ވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހަނގުރާމައެއް" ކަމަށް ސިފަކުރައްވާފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސްގައި ޓްރަމްޕްގެ ވަކީލުން ބުނެފައިވަނީ، 2005 ވަނަ އަހަރުގެ "އެކްސެސް ހޮލީވުޑް" ވީޑިއޯ ޖޫރީންނަށް ދެއްކުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އަބުރަށް އަރައިގަތުމުގެ އެހެން މައްސަލައެއްގައި ކެރޯލްއަށް 83.3 މިލިއަން ޑޮލަރު ދެއްކުމަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމަށްވެސް ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. ޓްރަމްޕްގެ ވަކީލުންގެ ދަލީލަކީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކޮމެންޓްތަކަކަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.


