ކަޅުބާޒާރުން ބޮޑުއަގުގައި ޑޮލަރު ގަނެލަނީ ރިސޯޓްތަކަށް

ޑޮލަރުގެ އަގު މައްޗަށް އަރަނީ މާރުކުރަން މަޖުބޫރު ކުރުމުން

ކަޅުބާޒާރުން ބޮޑުއަގުގައި ޑޮލަރު ގަނެލަނީ ރިސޯޓްތަކަށް

މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ދަށުން ސަރުކާރަށް ގިނަ ފައިސާ ހޯދުމުގެ ނިޔަތުގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކަށް ނަގާ ޓެކްސް ބޮޑު ކުރިއެވެ. ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކަށް ނަގާ ޓެކްސް ބޮޑުކުރުމުން ކުރިން ލިބުނު ބޮޑު އާމްދަނީ ނުލިބި ފޫނުބެއްދޭވަރުގެ ބޮޑުގެއްލުން ލިބި ސިޔާސަތު ބަދަލުކޮށް ޖެހުނީ އުނބަށް ޖަހާށެވެ. 

ހަމަ އެގޮތަށް ސަރުކާރުގެ ޑޮލަރުގެ ރިޒާވް ބޮޑުކުރުމުގެ ބޭނުމުގައި އެކުލަވާލާ ހިންގަންފެށި ފެންނުހިފޭ ސިޔާސަތަށްވެސް ވެގެން އެދަނީ ސިނގިރޭޓާއި ދުންފަތުގެ ސިޔާސަތަށްވެސް ވީގޮތެވެ. ޑޮލަރުގެ ލީކޭޖުތައް ފޫނުބައްދާ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެއްސިފަހުން ގިނަ ދުވަހެއް ނުވެއެވެ. މިހާރު ހިފާލާފައި އެތިބީ އެއުސޫލު ބަދަލުކޮށް އުނބަށް ޖަހާށެވެ.

ވާނީވެސް އެހެންތާއެވެ. ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރި ކުރުން ވެގެން ގޮސްފައިވަނީ ޑޮލަރުގެ އަގު ކަޅުބާޒާރުގައި އަރައިގެން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަށެވެ.  

ހަގީގަތުގައި ރިސޯޓްތަކުން ކުރަންޖެހޭ ފައިސާގެ ހުރިހާ މުއާމަލާތެއްހެން ކުރަންޖެހެނީ ޑޮލަރުންނެވެ. ބައިނަލް އަގުވާމީ ބޭންކްތަކުގެ ލޯނު ދެއްކުމަށާއި ޓުއަރ އޮޕަރޭޓަރުންނަށް ދައްކަންޖެހޭ ފައިސާ އާއި އެއަރލައިންތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްހެން ރިސޯޓުތަކުން ދައްކަން ޖެހެނީ ޑޮލަރުންނެވެ. ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ބާވަތެއްގެ ފީއަކާއި ޓެކްސެއް ވެސް ދައްކަންޖެހެނީ ޑޮލަރުންނެވެ.

އަނެއްކޮޅުން ބައިނަލް އަގުވާމީ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށާއި މުއައްޒަފުންގެ ސާރވިސްޗާޖާއި ބޮޑެތި މުސާރަތަކުގައި ތިބޭ ގިނަ މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ވެސް ހޭދަކުރަންޖެހެނީ ޑޮލަރެވެ. ކުރުކޮށް ބުނާނަމަ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ މާލީ މުއާމަލާތް ތަކެއްގައި ބޭނުންކުރަން މަޖުބޫރުވެފައި އޮންނަނީ ޑޮލަރެވެ.

އެހެން އެކަން އޮތްއިރު އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހުމަކީ ރިސޯޓްތައް ހިންގުމަށް ބޭނުންވާ ޑޮލަރުގެ ބޮޑުބައެއް މަދުވެގެން ދިޔަކަމެކެވެ. ގިނަ އަދަދަކަށް ކޮންމެ މަހަކު ޑޮލަރު މާރުކުރަން ޖެހުމުން ރިސޯޓްތަކުގައި ދިވެހި ރުފިޔާ ގިނަވެ ރުފިޔާއިން ކުރެވޭނެ މާބޮޑު ބޭނުމެއް ނެތިގެން ދިޔައެވެ. ރާއްޖޭގެ ބާޒާރުން ގަންނަންޖެހޭ މަދު މުދާކޮޅެއް ގަތުމަށާއި ވަކިވަކި މަދު މުއައްޒަފުން ކޮޅަކަށް މުސާރަ ދިނުން ފަދަ ކަމަކަށް ނޫނީ ރިސޯޓްތަކުން ދިވެހި ރުފިޔާއިން ކުރާނެ ބޭނުމެއް ނޯވެއެވެ.

ނަތީޖާއެއްގެ ގޮތުން އެތައް ރިސޯޓަކުން އެތަންތާނގައި ޑޮލަރު މަދުވަމުން ދިޔުމުން ފުނިޖެހެމުންދާ ދިވެހި ރުފިޔާތައް ހިފައިގެން ނިކުންނަށްޖެހުނީ ޑޮލަރު ގަންނަން ކަޅު ބާޒާރަށެވެ. ނީލަން އުސޫލުން ބޮޑުއަގު ދީފައި ލައްކަ ލައްކައިން ކަޅުބާޒާރުން ކޮންމެ ދުވަހަކު އެތައް ރިސޯޓަކަށް ޑޮލަރު ގަންނަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރައެއް ނުހުންނާނެއެވެ. މައްޗަކަށް ނާރާނެއޭ ރައީސް ބުންޏަސް އެހުރެ އަރަނީ މައްޗަށެވެ. ޑޮލަރު ބޭނުންވާ ފަރާތްތަކަށް ބޭންކް ރޭޓްގައި ބޭންކުތަކުން ޑޮލަރު ގަންނަން ލިބެން ހުންނަނަމަ ކަޅުބާޒާރުން އެކަކު އެއް ޑޮލަރު ވެސް ނުގަތީހެވެ. 

ސަރުކާރަށް އެކަން އިހުސާސްވީ ކަންނޭގެއެވެ. ކޮންމެ ގެސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ގެންގުޅުނު އުސޫލު ވެސް އެންމެ ފަހުން ބަދަލުކޮށް އުބަށްޖަހަން އެދަނީ ތައްޔާރުވަމުންނެވެ. ކިތަންމެ ވަރަކަށް އުސޫލު ބަދަލުކޮށްގެންވެސް ރިސޯޓްތަކުން ބޭންކަން މާރުކުރުވާހާ ޑޮލަރު އެމްއެމްއޭއަށް ގެންގޮސްގެން މުއިއްޒުގެ ކޮރަޕްޝަނާއި އިސްރާފަށް ތަޅާލީމާ ބޭންކް ރޭޓުން ގަންނާކަށް ބޭންކުގައި ޑޮލަރަކަށް ނުހުރެވޭނެއެވެ.