ސިސްޓަމްގެ އިންސާފުވެރިކަމާމެދު ފިރާގު ސުވާލު އުފައްދަވައިފި!
ދެވުނު ގޮތަކަށް ދައުލަތް ދަވާލާށޭ ފަސްއަހަރުން ފަސްއަހަރުން ރައްޔިތުން ބުނާކަހަލަ
މާލޭގެ ބިންވެރި ފޯރުންތެރިންގެ ކަންކަން ހުންނަ ގޮތާމެދު ވިޔަފާރިވެރިއަކު ރާއްޖެ ހިނގާ ސިސްޓަމާމެދު ބޮޑުު ސުވާލެއް އުފައްދަވައިފިއެވެ. ރާއްޖޭގައި މިހާރު އޮތް ސިސްޓަމާމެދު އިނަރ މޯލްޑިވްސް ފިރާގު ކުރައްވަނީ ކުރައްވަން ހައްގު ސުވާލެކެވެ.
ފިރާގު ވިދާޅުވަނީ "މާލޭގައި ކުލީގެ އާމްދަނީ ލިބޭ ހަބުރި އިމާތާތެއް ހުރެފައި ހުޅުމާލޭގައި ދެ އެޕާޓްމަންޓެއް ގަނެ ކުޔައްދީފައި ، ދަރިންނާއެކު މެލޭޝިއާގައި އުޅުމުން ، އަދި ޓެކްސް ނުދައްކާ ވާނެ ހުރިހާ އިންތިޒާމެއް ހަމަ ޖައްސާފަ ، އަދިވެސް އާސަންދަ އާއި ސަރުކާރުގެ އެހެން ވެލްފެއާގެ ފައިދާ ލިބުމުން މި ސިސްޓަމުގެ އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ" ކަމަށެވެ. ފިރާގު އެ ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ.
އެގޮތަށް ކަންކަން ހިނގަނީ ވަކި މީހެއްގެ މައްސަލައަކުން ނޫނެވެ. ދޯހަޅި އެ ހާލަތު ރާއްޖެއަށް ދިމާވެފައިވަނީ ރާއްޖޭގެ ނިޒާމްތަކުން އެގޮތްގޮތަށް ކަންކަން ވުމަށް ޖާގަ ދޭތީއެވެ. ހިހޫތަނުން ކަލަން ބޭނުން މީހުނަށް ބޭނުންވަރަކަށް ކެވެން އޮންނާތީއެވެ.
ފިރާގު ވިދާޅުވާހެން ސަރުކާރުގެ އެހީތެރިކަން އަމާޒުވާން ޖެހޭނީ ހަގީގަތުގައި އެހީތެރިކަން ބޭނުންވާ މީހުންނަށެވެ. ދައުލަތުގެ ތަނަވަސް ކަމުގެ ފައިދާ ވަކިބަޔަކަށް ނެގޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމުގެ ވިސްނުމަކީ ސިޔާސަތު ކަނޑައަޅާ ހިންގާ މީހުންނާ ވަރަށް ބީރައްޓެހި ކަމެކެވެ.
މާލީ ގޮތުން ތަނަވަސް ފަރުދުންނަށް އާންމު ފައިސާގެ ފައިދާ ލިބެމުންދާއިރު، ހަގީގަތުގައި ސަޕޯޓް ބޭނުންވާ އެހެން މީހުންނަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ދަތިކަމެއްތޯ ފިރާގު ސުވާލު އުފައްދަވާހެން ތަނަވަސްކަމުގެ ގިނަ އަހުލުވެރިން އެފަދަ ކަމަކާ ވިސްނަންވެސް ބޭނުމެއް ނުވެއެވެ. އޮތްބަޅަށް ދީލާލައިގެން ތިބުން އެމީހުނަށް ބޮލަށްފަސޭހަވެފައި ފައިދާބޮޑީއެވެ.
ހައިރާންވާ ކަމަކީ ދޮރުން ދޮރަށް ހިނގައިގެން މަތިމައްޗަށް ވައުދުވެގެން ވެރިކަމަށް އަންނަ އެއްވެސް ބަޔަކަށް ހަގީގީ މަންޒަރު ނުފެންނަ ވަރަށް ކަނުވެފައި ތިބުމެވެ. ހަގީގަތަކީ މަންޒަރު އެ މީހުނަށް ނުފެނުމެއް ނޫނެވެ. ފެންނަކަމަށް ނުހެދުމެވެ. ފަސް އަހަރުން ފަސް އަހަރުން ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދަވާލެވުނު ގޮތަކަށް ދައުލަތް ދަވާލާށޭ ރައްޔިތުން ބުނާކަހަލައެވެ.


